ޚަބަރު

ކާވާ މެންސް ކަޕް: ރާއްޖެ ބަލިކޮށް ފަސްވަނަ ނޭޕާލަށް


  • ރޭންކިން މެޗުން ރާއްޖެ ބަލިވީ ނޭޕާލް އަތުން 3-1 ސެޓުން

  • ރާއްޖެއިން މި މުބާރާތް ނިންމާލީ ކުޅުނު ހުރިހާ މެޗަކުން ބަލިވެގެން

ބަންގްލަދޭޝްގައި ކުރިއަށްދިޔަ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ކަޕް 2025 ގެ ރޭންކިން މެޗުންވެސް ރާއްޖެ ބަލިވެއްޖެއެވެ.

މި މަހުގެ 22 އިން 28 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިއަށްދިޔަ މި މުބާރާތުގައި އިއްޔެ ކުޅުނު ރޭންކިން މެޗުން ރާއްޖެ ބަލިވީ ނޭޕާލް އަތުން 3-1 ސެޓުންނެވެ.

މިއާއެކު ރާއްޖެއިން މި މުބާރާތް ނިންމާލީ ކުޅުނު ހުރިހާ މެޗަކުން ބަލިވެގެންނެވެ. އެގޮތުން ލީގު ބުރުގައި ކުޅުނު ފަސް މެޗުންވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. އަދި މުޅި މުބާރާތުގައި ރާއްޖެއަށް ސެޓެއް ކާމިޔާބުކުރެވިފައިވަނީ ރޭންކިން މެޗުގައި އެކަންޏެވެ.

އިއްޔެ ކުޅުނު ރޭންކިން މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ނޭޕާލުން ވަނީ ފުރަތަމަ ދެ ސެޓު 29-27 އަދި 25-20 އިން ކާމިޔާބުކޮށްފައެވެ. އެކަމަކު ފޯރިގަދަ ކުޅުމަކަށްފަހު މެޗުގެ ތިންވަނަ ސެޓު ރާއްޖެއިން ގެންދިޔައީ 37-35 އިންނެވެ. ނަމަވެސް ހަތަރުވަނަ ސެޓު 25-20 އިން ކާމިޔާބުކޮށް، ނޭޕާލުން ވަނީ މުބާރާތުގެ ފަސްވަނަ ހޯދާފައެވެ.

ހަ ގައުމެއް ވާދަކުރި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ތުރުކުމެނިސްތާނުންނެވެ. އެ ގައުމުން ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި އަފްޣާނިސްތާން އަތުން 3-2 ސެޓުން މޮޅުވެގެންނެވެ. އަދި މުބާރާތުގެ ލޯ މެޑެލް ހޯދާފައިވަނީ ސްރީ ލަންކާއިންނެވެ. އެ ގައުމުން ވަނީ ލޯ މެޑެލް މެޗުގައި ސީދާ ތިން ސެޓުން ބަންގްލަދޭޝް ބަލިކޮށްފައެވެ.