ކުޅިވަރު

ބްރެޒިލްގެ މަރަކާނާ ސްޓޭޑިއަމް ވިއްކާލަނީ


ބްރެޒިލްގެ މަޝްހޫރު މަރަކާނާ ސްޓޭޑިއަމް ވިއްކާލަން ނިންމައިފި އެވެ.

ރިއޯޑިޖެނީރޯގައިވާ ސްޓޭޑިއަމަކީ 1950 ވަނަ އަހަރު ބިނާކުރި ސްޓޭޑިއަމެކެވެ. އެ ސްޓޭޓްގެ ސަރުކާރުން މި ތަން 78000 މީހުންގެ މި ސްޓޭޑިއަމް ވިއްކާލަން ނިންމީ އިތުރު އާމްދަނީ ހޯދުމުގެ ގޮތުންނެވެ. ނަމަވެސް ސަރުކާރުގެ މި ބިނާ ވިއްކާލަން ނިންމުމުން އާއްމުން ވަނީ ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފަ އެވެ.

މިކަމާ ގުޅިގެން ރިއޯޑިޖެނީރޯ ސަރުކާރުން ވަނީ މި ނިންމުން ދިފާއުކޮށްފަ އެވެ. އެ ސިޓީގެ ޖަސްޓިސް ކޮމިޝަނުގެ ރައީސް ރޮޑްރީގޯ އަމޮރިމް ވިދާޅުވީ ސްޓޭޑިއަމްގެ ދަރަނީގެ ގޮތުގައި މިހާރު ވެސް 2.2 ބިލިއަން ޑޮލަރު އެބައޮތް ކަމަށެވެ. އަދި ކޮންމެ މެޗަކަށް މިތަނުގެ މަރާމާރަށް 180000ވުރެ ޑޮލަރު ހަރަދުވާ ކަމަށާއި މި ވަރުގެ ހޭދައެއްކުރަން މި ވަގުތު އެ ސަރުކާރުގެ ހާލަތު ތަން ނުދޭ ކަމަށެވެ.

މިހެންވެ ސަރުކާރުގެ ހަރަދުތައް ދެކޮޅު ޖެއްސުމަށާއި އާއްމުންނަށް ދޭ ހިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ސްޓޭޑިއަމް ޕްރައިވެޓައިޒް ކުރަން ނިންމީ ކަމަށެވެ. މި ގޮތުން ސްޓޭޑިއަމް ވިއްކާލައިގެން 373 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށެވެ. އަދި މިއީ ސްޓޭޑިއަމް ކުރިއަށްއޮތްތަނުގައި ބެލެހެއްޓޭނެ ނިޒާމަކަށް ބަދަލު ކުރުމަށް ގެންނަ ބަދަލެއް ކަމަށެވެ.

މަރަކާނާ އަކީ 1950 ވަނަ އަހަރާއި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް ކުޅުނު ތާރީހީ ސްޓޭޑިއަމެވެ.