ގަވާއިދާ ޚިލާފަށް ރާއްޖެއަށް ސިނގިރޭޓް އެތެރެކޮށްފައިވާ އެކި މައްސަލަތަކާ ގުޅިގެން ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމަސްގެ މަޤާމުގައި ތިއްބެވި 2 މީހަކު މަޤާމުން ވަކިކުރައްވައިފިއެވެ.
2 މީހަކު ވަކިކޮށްފައިވާކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މީސްމީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖެއަށް ސިނގިރޭޓް އެތެރެކުރި މައްސަލަތަކާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވާފައިވާ މައްސަލައާ ގުޅިގެން ދީފައިވާ އިރުޝާދުގެ ދަށުން ޑެޕިޔުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައި ތިއްބެވި 2 ބޭފުޅަކު ވަކިކޮށްފައިވާ ކަމަށެވެ. މަޤާމުން ވަކި ކުރައްވާފައިވަނީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދާއި މަހްމޫދު ރިޔާޒެއެވެ. ކަސްޓަމްސްގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިތުރު 3 މީހަކަށް ފިޔަވަޅު އެޅުމަށް ކަސްޓަމްސްއަށް އަންގާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން (241 ކޮމިޓީ އިން) ދިރާސާކުރައްވާފައިވާ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ދިވެހިރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާއި، ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި…
— Dr Mohamed Muizzu (@MMuizzu) October 29, 2025
ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީން ކަސްޓަމްސްއާ ބެހޭގޮތުން ދިރާސާކޮށްފައިވަނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ތެޔޮ ބޯޓެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާއި ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް ކަސްޓަމްސްއަށް ނޭނގި ޤާނޫނާ ޚިލާފަށް އެ ބޮންޑެޑް ވެއަރހައުސްއިން ނެރެފައިވާ މައްސަލައެވެ.
މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި މި ރިޕޯޓުގައި 4 އިދާރާއަކަށް ކަންކަން އިސްލާހުކުރުމަށް އެންގުންތައް އަންގާފައިވެއެވެ. އެ އިދާރާތަކަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ދާޚިލީ ވުޒާރާއާއި ދަތުރުފަތުރާބެހޭ ވުޒާރާއާއި ދިވެހި ފުލުހުންގެ ޚިދުމަތެވެ.
މި ރިޕޯޓްގައި ކަސްޓަމްސްއަށް އަންގާފައިވާ އެންގުންތަކުގެ ތެރޭގައި ކަސްޓަމްސްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމަށް މިހާރަށްވުރެ ހަރުދަނާ ސިޔާސަތުތަކެއް ޤާއިމުކޮށް، އެ މަސައްކަތްކުރަން ރޭވިފައިވާ ގޮތަށް މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭ ތާރީޚު 241 ކޮމިޓީއަށް އެންގުމަށް އަންގާފައިވެއެވެ. އަދި ކަސްޓަމްސް އޮފިސަރުންގެ ވާޖިބާއި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރޭތޯ ކަށަވަރުކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މިހާރަށްވުރެ ހަރުދަނާކޮށް އެޅުމަށާއި ޤާނޫނާއި ގަވާއިދުތަކާ ޚިލާފަށް ޢަމަލުކުރަމުންދާ މުވައްޒަފުންގެ މައްސަލަތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޓައިމްލައިނެއް ތައްޔާރުކޮށް 241 ކޮމިޓީއަށް އެންގުމަށް އަންގާފައިވެއެވެ.