އިނގިރޭސި ލީގު ކަޕްގައި ރޭ ވޮލްވްސް އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުން 4-3 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.
ވޮލްވްސް މޮލިނެކްސް ސްޓޭޑިއަމްގައި ސައުވީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗަށް ކޯޗު އެންޒޯ މަރެސްކާ ޓީމު ނެރެފައިވަނީ ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ.
މި މެޗުގެ 5 ވަނަ މިނިޓުގައި އެންޑްރޭ ސަންޓޯސް ވަނީ ލަނޑެއް ޖަހާ ޗެލްސީ އަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ ދިހަ މިނިޓު ފަހުން ތައިރިގް ޖޯޖް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ބްރެޒިލްގެ ފޯވަޑް އެސްޓެވާއޯ ވިލިއަން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.
ދެވަނަ ހާފަށް ނިކުތްއިރު ތަފާތު ބޮޑު ނަތީޖާއަކުން ޗެލްސީ ކުރީގައި އޮތް ނަމަވެސް ވޮލްވްސް އިން ހާފް ޓައިމްގައި ގެނައި ދެ ބަދަލާއެކު ވަނީ އެ ޓީމުގެ ކުޅުން ވަރަށް ބޮޑުތަން ރަގަޅުކޮށްފަ އެވެ.
އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ޓޯލޫ އަރޮކޮޑާރޭ ވަނީ ލަނޑެއް ޖަހާ އެ ޓީމުގެ އުންމީދުތައް އައުކޮށްދީފަ އެވެ.
މި މެޗުގެ 73 ވަނަ މިނިޓުގައި ވޮލްވްސްގެ ޑޭވިޑް މޮލަރ ވޮލްފް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-2 އަށް ބަދަލުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ޗެލްސީގެ ފޯވަޑް ލިއާމް ޑެލަޕް އަނިޔާގެ ސަބަބުން ދިހަ ހަފްތާއަށް ކުޅުމާއި ދުރުގައި ހުރުމަށްފަހު މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ 26 މިނިޓުގެ ތެރޭގައި އޭނާއަށް ދެއްކި ދެވަނަ ރީނދޫ ކާޑާއިއެކު މެޗުގެ 86 ވަނަ މިނިޓުގައި ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. މިއީ އެންމެ ފަހުން އެ ޓީމުން ކުޅުނު 9 މެޗުގައި ދެއްކި ހަވަނަ ރަތް ކާޑެވެ.
މި މެޗުގައި ޗެލްސީ އިން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 89 ވަނަ މިނިޓުގައި ޖެމީ ގިޓެންސް ކާމިޔާބުކޮށްދިންތާ ދެ މިނިޓު ފަހުން އިތުރު ވަގުތުގައި ވޮލްވްސްގެ ޑޭވިޑް މޮލާ ވޮލްފް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-3 އަށް ބަދަލުކޮށްފަ އެވެ.
މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި ޗެލްސީ އާއި ދެކޮޅަށް ނިކުންނާނީ ކާޑިފް އެވެ.