ކުޅިވަރު

ބަޖެޓް 26: ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމަށް 403 މިލިއަން ރުފިޔާ


  • •އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ކުޅިވަރުގެ އުމްރާނީ ތަރައްޤީއަށް ޚާއްސަ އިސްކަމެއް ދީފަވޭ

  • •އެންމެ ބޮޑު ޚަރަދެއް ހިނގާނެކަމަށް ލަފާކޮށްފަވަނީ ފިޓްނަސް ސެންޓަރުތައް އެޅުމަށް، އެއީ 90 މިލިއަން ރުފިޔާ

  • •އަންނަ އަހަރު މޮޓޯ ރޭސިން ޓްރެކްތައް ހެދުމަށްވެސް ވަނީ ރާވާފަ

2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅާފަވާއިރު، ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމަށް ހޭދަވާނެކަމަށް ލަފާކޮށްފަވަނީ 403،138،601 (ހަތަރުސަތޭކަ ތިން މިލިއަން އެއްލައްކަ ތިރީސް އަށްހާސް ހަސަތޭކަ އެއް ރުފިޔާ)އެވެ.

މި ފައިސާ ބެހިފައިވާ ގޮތަށް ބަލާއިރު، އެތުލެޓިކް ޓްރެކްތައް ޤާއިމުކުރުމަށް ހޭދަވާނެކަމަށް އަންދާޒާކޮށްފައިވަނީ 9،454،042 (ނުވަ މިލިއަން ހަތަރުލައްކަ ފަންސާސް ހަތަރުހާސް ސާޅީސް ދެރުފިޔާ)އެވެ. އަދި ބެޑްމިންޓަން ކޯޓުތައް ހެދުމަށް 1،359،315 (އެއް މިލިއަން ތިން ލައްކަ ފަންސާސް ނުވަހާސް ތިންސަތޭކަ ފަނަރަ ރުފިޔާ އަންދާޒާކޮށްފައިވާއިރު، ފިޓްނެސް އެންޑް ރެކްރިއޭޝަނަލް ސެންޓަރުތައް ޤާއިމުކުރުމަށް އަންދާޒާކޮށްފައިވާ ބަޖެޓަކީ 90،320،586 (ނުވަދިހަ މިލިއަން ތިންލައްކަ ވިހިހާސް ފަސްސަތޭކަ އަށްޑިހަ ހަ ރުފިޔާ) އެވެ.

މީގެ އިތުރުން ފުޓްބޯޅަ ދަނޑުތައް ހެދުމަށް 75،448،843 (ހަތްދިހަ ފަސް މިލިއަން ހަތަރުސަތޭކަ ސާޅީސް އަށްހާސް އަށްސަތޭކަ ސާޅީސް ތިން ރުފިޔާ)، އަދި ފުޓްސަލް ދަނޑުތައް ހެދުމަށް 33،036،022 (ތެއްތިރީސް މިލިއަން ތިރީސް ހަހާސް ބާވީސް ރުފިޔާ) ޚަރަދުވާނެކަމަށް ލަފާކޮށްފަވާއިރު ހޭންޑްބޯޅަ ކޯޓުތައް ހެދުމަށް ޚަރަދުވާނެކަމަށް އަންދާޒާކޮށްފައިވަނީ 83،855،702 (އަށްޑިހަ ތިން މިލިއަން އަށްލައްކަ ފަންސާސް ފަސްހާސް ހަތްސަތޭކަ ދެ ރުފިޔާ) އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވާ ގޮތުން މޮޓޯ ރޭސިން ޓްރެކްތައް ހެދުމަށް 2،375،000 (ދެ މިލިއަން ތިން ލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ) ޚަރަދުވާނެކަމަށް އަންދާޒާކޮށްފަވާއިރު، ނެޓްބޯޅަ ކޯޓުތައް އެޅުމަށް 18،169،755 (އަށާރަ މިލިއަން އެއްލައްކަ ފަސްދޮޅަސް ނުވަހާސް ހަތްސަތޭކަ ފަންސާސް ފަސް ރުފިޔާ) އަދި ކުޅިވަރު ކޮމްޕްލެކްސްތައް ބިނާކުރުމަށް 37،002،680 (ތިރީސް ހަތް މިލިއަން ދެހާސް ހަސަތޭކަ އަށްޑިހަ ރުފިޔާ) ވަނީ އަންދާކޮށްފައެވެ.


ކުޅިވަރު ތަރައްޤީކުރުމުގެ ގޮތުން ސަރުކާރުން ރާވާފައިވާ ޕްލޭންގައި ހިމެނޭ މަސައްކަތެއްކަމަށްވާ ސްޓޭޑިއަމްތައް ތަރައްޤީކުރުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އަންދާޒާކޮށް، ހިމަނާފައިވަނީ 17،380 (ސަތާރަ ހާސް ތިންސަތޭކަ އަށްޑިހަ ރުފިޔާ)އެވެ. އަދި ސްވިމިން ޓްރެކްތައް ހެދުމަށް 5،834،121 (ފަސް މިލިއަން އަށްލައްކަ ތިރީސް ހަތަރުހާސް އެއްސަތޭކަ އެކާވީސް ރުފިޔާ) ޚަރަދުވާނެކަމަށް އަންދާޒާކޮށްފައިވާއިރު ވޮލީބޯޅަ ކޯޓުތައް ހެދުމަށް އަންދާޒާކޮށްފައިވަނީ 6،663،018 (ހަ މިލިއަން ހަލައްކަ ފަސްދޮޅަސް ތިންހާސް އަށާރަ ރުފިޔާ) އެވެ. އަދި ޔޫތު އެންޑް ކޮމިއުނިޓީ ސްޕޯޓްސް ޑިވެލޮޕްމެންޓަށް ޚަދަރުވާނެކަމަށް އަންދާޒާކޮށްފައިވަނީ 39،602،137 (ތިރީސް ނުވަ މިލިއަން މިލިއަން ހަލައްކަ ދެހާސް އެއްސަތޭކަ ތިރީސް ހަތް ރުފިޔާ) އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިން ކުޅިވަރު ކުރިއެރުވުމަށް ރާއްޖޭގައި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރެވެމުންނެވެ. މިގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމްތަކާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ބިނާކުރުމުގެ ބިޔަ މަޝްރޫއެއް ފަށްޓަވާފަވާއިރު، ދަނޑުތަކާއި ކޯޓުތަކުގެ އާބާތުރަ ފިލުވައި، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

މީގެ އިތުރުންވެސް ކުޅިވަރުގެ އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުމާއި ކުޅިވަރުގެ ޓެކްނިކަލް ފަރާތްތައް ތަމްރީނުކުރުމުގެ މަސައްކަތްވެސް ކުޅިވަރު ވުޒާރާގެ ބެލުމުގެ ދަށުން ކުރިއަށް އެބަދެއެވެ. ކުޅިވަރުގެ ދާއިރާއިން އަންނަމުންދާ މި ކުރިއެރުންތަކާއެކު ރާއްޖޭގެ އެތުލީޓުންނަށް ގިނަ ފުރުސަތުތަކެއް ފަހިވެ ބައިނަލްއަޤްވާމީ މައިދާނުގައި ފިޔަޖަހާލުމުގެ ފުރުސަތުވަނީ ތަނަވަސްވެފައެވެ.