ޚަބަރު

ހިތްގައިމު ބަދަލުތަކެއް، ޖުމްހޫރީ މައިދާނުގެ މަސައްކަތް ނިމުމަކާ ގާތަށް


  • 83% މަސައްކަތް ވަނީ ނިމިފައި

  • މަސައްކަތް ކުރަނީ އާރުޑީސީއާ ހަވާލުކޮށްގެން

ޖުމްހޫރީ މައިދާން މަރާމާތުކޮށް އަލުން ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާ ހަވާލުކޮށްގެން ފަށާފަވަނީ މިއަހަރުގެ އޮގަސްޓްމަހުގެ 20ވަނަ ދުވަހުއެވެ. މި މަސައްކަތް ނިމުމަކާ ގާތްވެފަވާއިރު އެ ސަރަޙައްދަށް މިހާރު ވަނީ ހިތްގައިމު ބަދަލުތަކެއް ގެނެސްފައެވެ.

ޖުމްހޫރީ މައިދާން މަރާމާތުކުރުމުގެ މަސައްކަތް ފެށީ، އެސަރަޙައްދަކީ ރާއްޖޭގެ ތާރީޚުގައި މުހިންމު ކަންތައްތަކެއް ހިގާފައިވާ އެންމެ ފަޚުރުވެރި އެއް ސަރަޙައްދަށް ވެފައި، މާލޭގެ މަލަމަތީގެ ހައިބަތު ހިފަހެއްޓުމާއެކު، އެ ސަރަޙައްދުގެ ހިތްގައިމުކަން ދެމެހެއްޓުމަށް ސަރުކާރުން ފަށާފަވާ މަސައްކަތުގެތެރެއިންނެވެ.

މި މަސައްކަތުގައި ޖުމްހޫރީ މައިދާނަށް މުހިންމު ބައެއް ބަދަލުތައް ގެނެސްފައެވެ. އެގޮތުން ޕާކުގެ ކޮންކްރީޓް ތަޅުން ބަދަލުކޮށް، ހިނގާބިނގާވެ އުޅެން ފަސޭހަވާނެހެން ވޯކްވޭތައް ހަދާ ލޭންޑްސްކޭޕިން ވަނީ ރީތިކޮށްފައެވެ.

އެގޮތުން ކުރިން އިށީނުމަށް ހަދާފަހުރި ކޮންކްރީޓް ބުރުތަކުގެ ބަދަލުގައި ލަކުޑީގެ ރީތި ފަރުމާއަކުން ބެންޗްތައް ވަނީ ހަދާފައެވެ. އަދި ހިޔާކޮށްފަވާ ބައެއް ބެންޗްވެސް ހިމެނެއެވެ. އަދި މި ބުރުތަކުގައި ގަސް އިންދާ ފެހިކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށްގެންދަމުންނެވެ. މައިދާނުގައި ވިނަހެއްދުންވެސް ހިމެނެއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕްރޭޝަން އާރްޑީސީން ވިދާޅުވީ މުޅި މަސައްކަތުގެ %83 މަސައްކަތް މިހާރު ނިމިފަވާކަމަށާއި މުޅި ޕްރޮޖެކްޓްގެ މަސައްކަތް ވަރަށް އަވަހަށް ނިންމާނެކަމަށެވެ. މަސައްކަތަށް ބަންދުކޮށްފައި އޮތުމަށްފަހު، މިހާރު އެ ސަރަޙައްދު ވަނީ އާއްމުކޮށް ހުޅުވާލާފައެވެ.

ހިތްފަސޭހަ މައިޒާނެއްގެ ގޮތުގައިވެސް ބޭނުންކުރަމުން އަންނަ ޖުމްހޫރީ މައިދާން ސަރަޙައްދަކީ އެކި ރަސްމީ ހަރަކާތްތައް ހިންގުމާއި ހަވީރުގެ ވަގުތުގައި ކުޑަކުދިން ގޮވައިގެން އާއިލާތަކުންވެސް ޒިޔާރަތްކުރާ މުހިންމު ސަރަޙައްދެކެވެ. އަދި މިއީ ކޯއްޓޭގައި ހުންނަ ބޮޑު ދިދަޔާއެކު، މާލެއަށް އަންނަ ފަތުރުވެރިންގެ މެދުގައިވެސް އެންމެ މަޤުބޫލު އެއް ސަރަޙައްދެކެވެ.

ޖުމްހޫރީ މައިދާނުގައި ހަދާފަވާ ފެންއަރުވާ ވަޑާމަކީ މިއުޒިކާ އެއްވަރަށް އެކި ކުލަތަކުން ދިއްލޭގޮތަށް ހަދާފަވާ މިއުޒިކަލް ފައުންޓެއިންއެކެވެ. މާލޭގައި ހުރި މިފަދަ ޕާކުތަކާއި މައިޒާންތައް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދަމުންނެވެ. އެގޮތުން ޖުމްހޫރީ މައިދާނުގެ އިތުރުން ރަސްފަންނާއި ސަލްޓަން ޕާކު ތަރައްޤީކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.