ކުޅިވަރު

މަކަރު ހެދި މެލޭޝިޔާ ކުޅުންތެރިންގެ އަދަބު ފީފާއިން މައާފެއް ނުކުރާނެ: ވަކީލުން


މެލޭޝިޔާގެ ގައުމީ ޓީމަށް މަކަރު ހަދައިގެން ކުޅުވި ކަމަށް ބަލައި ފީފާއިން ސަސްޕެންޑްކުރި ހަތް ކުޅުންތެރިންގެ އަދަބު މައާފް ނުކުރާނެ ކަމަށާއި އެންމެ ގާތީ ކުޅުންތެރިންނަށް ފަހުން އިތުރު ފުރުސަތެއް ލިބުން ކަމަށް މެލޭޝިޔާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ވަކީލުން ބުނެފި އެވެ.

ފީފާއިން މީގެ ދެ މަސް ކުރިން މެލޭޝިޔާގެ ގައުމީ ޓީމަށް ކުޅެނިކޮށް ހަތް ކުޅުންތެރިއަކު އެއް އަހަރު ދުވަހަށް ސަސްޕެންޑް ކުރީ އެއީ މެލޭޝިޔާގެ ކުޅުންތެރިން ނޫން ކަމަށް ބުނެ އެ ޖަމާއަތަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެވެ. މި މައްސަލަ މެލޭޝިޔާ އެފްއޭއިން އިސްތިއުނާފުކޮށްފައިވާއިރު މިކަމަށް މިއަދު ނޫނީ މާދަމާ ފީފާއިން ގޮތެއް ނިންމާނެ އެވެ.

އެފްއޭއެމްގެ ވަކީލު ބުނީ މިފަދަ މައްސަލަތަކަށް ބަލާއިރު އެންމެ ގާތީ މިހާރު ދީފައިވާ އެއް އަހަރު ދުވަހުގެ ސަސްޕެންޝަން ކުޑަކުރުން ކަމަށެވެ.

މެލޭޝިޔާގެ ކުޅުންތެރިން ކަމަށް ބުނެ ފީފާއިން ހުށަހެޅީ ކޮންމެ ވެސް ގޮތަކުން އެ ގައުމާ ގުޅިފައިވާ ކުޅުންތެރިން ކަމަށްބުނެ އެވެ. ނަމަވެސް މި ކުޅުންތެރިންގެ ވަނަވަރު އެއްވެސް ގޮތަކަށް މެލޭޝިއާ ގުޅިފައިނުވާކަމަށް ބުނެ ވަކާލާތު ކުރާ ފަރާތްތަކުން ދަނީ އެ ކަމަށް ބާރު ލިބޭ ހެކި ދައްކަމުންނެވެ. މިހެންވެ މެލޭޝިޔާގެ ފުޓްބޯޅައިގެ ގިނަ ފަރާތްތަކުން ބުނަނީ މި މައްސަލަ އެ ގައުމަށް ކާމިޔާބު ނުވާނެ ކަމަށެވެ.

މި މައްސަލަ އިސްތިއުނާފު ކޮށްފައިވާއިރު މެލޭޝިޔާ އެފްއޭއެމުން ވަނީ ވަގުތީ ގޮތުން ޖެނެރަލް ސެކްރެޓަރީ ވެސް ސަސްޕެންޑްކޮށްފަ އެވެ. އެއީ މިނިވަންކަމާއެކު މި މައްސަލައާ ގުޅޭ އެތެރޭގެ ތަހުގީގެއް ކުރުމަށެވެ. ނަމަވެސް އޭގެ ކުރިން ބުނެފައިވަނީ މެލޭޝިޔާގެ އެފްއޭއެމުން ފީފާ އަށް ހުށަހެޅީ ސަރުކާރުގެ އިދާރާތަކުން އެއީ މެލޭޝިޔާ ކުޅުންތެރިން ކަމަށް ބުނެ ދީފައިވާ ލިޔުންތައް ކަމަށާއި މިހެންވެ މި ކަމުގައި އެފްއޭއެމުގެ ގޯހެއް ނެތް ކަމަށެވެ.

އޭއެފްސީން ވަނީ މި މައްސަލާގައި މެލޭޝިޔާ ޖޫރިމަނާ ވެސް ކޮށްފަ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރު އެހެން ގައުމުތަކަށް އުފަންވާ ކުޅުންތެރިން ކިރިޔާއެ ގައުމަކާ ގުޅުމެއް އޮތްނަމަ އެ ބައެއްގެ ގައުމީ ޓީމަށް ކުޅުވުން އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް މިފަދަ މައްސަލަ ތަކުގައި އެހެން ގައުމަކަށް އުފަންވި ކުޅުންތެރިއަކު އެ ނޫން ގައުމެއްގެ ގައުމީ ޓީމަށް ކުޅުވާނަމަ ފުރިހަމަ ސާބިތު ހެކި ދައްކަންޖެހެ އެވެ.