މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. ދަނބިދުއާއި ގަމުން 2 މީހަކު ހައްޔަރުކޮށްފިއެވެ. މި 2 މީހުންވެސް ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރުމަހުގެ 30 ވަަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ލ. ގަން، ހުދުފުސް އުމުރުން 60 އަހަރުގެ ޔޫސުފް ނަސީމާއި، ލ. މުންޑޫ، ހީނާވިލާ 55 އަހަރުގެ އަޙުމަދު ޝަފީޤެވެ.
މި މައްސަލާގައި ހައްޔަރުކުރި ޔޫސުފް ނަސީމް ހައްޔަރުކޮށްފައިވަނީ ގަން ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނެއްގައި އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެއްޗާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރަން ބޭނުންކުރާކަމަށް ބެލެވޭ ތަކެތި އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރުމުގެ ތެރޭގައި ފެނިފައިވާތީކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
އެ ތަކެތީގެ ވަގުތީ ބަރުދަނަކީ، 5.39 ގުރާމެވެ. މި މައްސަލައާއި ގުޅިގެން ޔޫސުފް ނަސީމް ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލާގައި ހައްޔަރުކުރެވުނު އަޙުމަދު ޝަފީޤް ހައްޔަރުކޮށްފައިވަނީ، ދަނބިދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.
ފުލުހުން ވިދާޅުވީ، ދަނބިދޫ ބަނދަރު މަތިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. އެތަކެތީގެ ވަގުތީ ބަރުދަނަކީ، 46.32 ގުރާމެވެ.
މި މައްސަލައާއި ގުޅިގެން އަޙުމަދު ޝަފީޤުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި ދެ މައްސަލަވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.