ޚަބަރު

ޑރ. އާމިނަތު ޒާހިރު ޕީއެޗްޑީއަށް ކުރި ބުރަ އަދި ހިތްވަރުގަދަ ދަތުރު!


  • ނަފްސަށް ލިބުނު އުފަލަށްވުރެ މިއީ ދިވެހިބަހަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެއްވި

  • އައިންތު މިސްގެ އަމާޒަކީ ދިވެހިބަހުގެ ޚިދުމަތްތެރިން އުފެއްދުން

ގއ. ދާންދޫ ސީސޯންގެއަށް އުފަން ޑރ. އާމިނަތު ޒާހިރު، އާންމު ނަމުންނަމަ އައިންތު މިސްއަކީ މިއަދު ރާއްޖޭގެ ކޮންމެ މީހަކުވެސް ދަންނާނެ ޝަހްސިއްޔަތެކެވެ. ދިވެހި ބަހުން ޕީއެޗްޑީ ހާސިލްކުރެއްވި ފުރަތަމަ ދިވެހި ބޭފުޅާގެ ޝަރަފު އައިންތު މިސްއަށް ލިބިވަޑައިގަތުމާއެކު، ދިވެހި ތާރީޚުގައި މިކަން ވަނީ ރަންއަކުރުން ފަވާލެވިފައެވެ. މި ކާމިޔާބީއަކީ ދިވެހި ބަހަށް ދިވެހިން ދޭ އަހަންމިއްޔަތު އާލާކުރުމަށް ލިބުނު ބޮޑު ހިތްވަރެކެވެ.

ޕީއެޗްޑީ ހާސިލްކުރެއްވުމަށްފަހު އައިންތު މިސް، މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަރވިއު ދެއްވާފައިވަނީ ޕީއެސްއެމް ނިއުސްއަށެވެ. މި އިންޓަރވިއުގައި އައިންތު މިސް ވަނީ ޕީއެޗްޑީއާ ހަމައަށް ކުރެއްވި ދަތުރާއި، އެ ދަތުރުގައި ދިމާވި ގޮންޖެހުންތަކުގެ އިތުރުން، މަތީ ތައުލީމަށް ކިޔަވަމުންދާ އެންމެހާ ފަރާތްތަކަށް ވަރަށް އަގުހުރި މެސެޖްތަކެއް ހިއްސާކުރައްވާފައެވެ. އައިންތު މިސްގެ ތަޖުރިބާއަކީ އެހެން ދަރިވަރުންނަށް އުންމީދާއި ހިތްވަރު ގެނެސްދޭނެ ފިލާވަޅެކެވެ.

1997 ވަނަ އަހަރުން ފެށިގެން އައިންތު މިސް އަންނަނީ އުނގަންނައިދެއްވުމުގެ ދާއިރާގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން ޕްރީ ސްކޫލް މަރުހަލާއިން ފެށިގެން މަތީ ސާނަވީ މަރުހަލާއާ ހަމައަށް ކިޔަވައިދިނެއެވެ.

މިހާރު އައިންތު މިސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާރޓްސްގެ ސީނިއަރ ލެކްޗަރއެއްގެ ގޮތުގައެވެ. އައިންތު މިސް އާންމުކޮށް ކިޔަވައިދެއްވަނީ ދިވެހިބަހާއި ސަޤާފަތާއި، ތާރީޚާއި ގުޅުންހުރި މާއްދާތަކެވެ.

މަތީ ތަޢުލީމު ފެށުނުގޮތާއި ކާމިޔާބީތައް:

އައިންތު މިސްގެ ތަޢުލީމީ ދަތުރު ފެށުނީ މުދައްރިސެއްގެ ގޮތުގައި ޤައުމަށް ޚިދުމަތް ކުރުމުގެ ޢަޒުމުގައެވެ. އެންމެ ފުރަތަމަ ފުރިހަމަކުރެއްވީ ޕްރައިމަރީ ޓީޗަރެއްގެ ކޯހެވެ. އެއަށްފަހު، ދިވެހި ބަހަށާއި ސަގާފަތަށް އޮތް ލޯބީގެ ސަބަބުން، 2007 ވަނަ އަހަރު ދިވެހި ޑިގްރީއަށް ކިޔަވަން ފެށިއެވެ. ބުރަ މަސައްކަތުން 2009 ވަނަ އަހަރު އައިންތު މިސް ވަނީ ދިވެހި ޑިގްރީ ކާމިޔާބުކަމާއެކު ހާސިލްކުރައްވާފައެވެ.

ތަޢުލީމަށް އޮތް ފޯރި އިތުރުވެ، ދިވެހި ބަހުގެ ރޮނގުން އިތުރަށް ޢިލްމު ހޯއްދެވުމަށްޓަކައި، އައިންތު މިސް ވަނީ މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައެވެ. މާސްޓަރސް ފުރިހަމަކުރައްވާފައިވަނީ ދިވެހިބަހާއި ސަގާފަތުގެ ދާއިރާއިންނެވެ.

އައިންތު މިސް ޕީއެޗްޑީއަށް ކިޔަވަން ފަށާފައިވަނީ 2019 ވަނަ އަހަރުއެވެ. ކިޔަވަން ފެށުމުގެ ކުރިން، އެކަމަށް ޚާއްސަ ފައުންޑޭޝަން ކޯހެއް ވަނީ ފުރިހަމަ ކުރައްވާފައެވެ.

ޕީއެޗްޑީއަށް ކިޔަވަން ފެށުމުގެ ކުރިންވެސް އައިންތު މިސްއަކީ ދިރާސާކޮށް ގިނަ ދިރާސީ ކަރުދާސްތައް ޝާއިޢުކުރައްވަމުން ގެންދެވި ފަރާތެކެވެ. އެގޮތުން ޕީއެޗްޑީގެ މުޅި ފިކުރާތު ލިޔުއްވާފައިވަނީ ދިވެހި ބަހުގެ ސިޔާސަތާއި ދިވެހިބަހުގެ ރޭވުންތެރިކަމުގެ މައްޗަށެވެ. ޕީއެޗްޑީ އައިންތު މިސް ފުރިހަމަކޮށް މި އަހަރު ވަނީ ދަސްވެނިފައެވެ.

"ބަހެއްގެ އެންމެ މުހިންމު ބޭނުމަކީ އެބަހެއް ބޭނުންކުރުން. މުޖްތަމައުގެ އަޅުގަނޑުމެން ދިވެހިރާއްޖޭގައި އަޅުގަނޑުމެން މިބޭނުންކުރާ ދިވެހިބަހަށް އިސްކަންދިނުމުގެ ޤާނޫނޫގެވެސް މައިގަނޑު މަޤްސަދަކީ ކުރިމަގުގެ ޖީލަށް އަންނަން އޮތް ޖީލުތަކަށް އަމާނަތްތެރިކަމާއެކު ރައްދުކޮށްދިނުން. އެހެންވީމަ އެކަމަށްޓަކައިވެސް އެބަ ބޭނުންވޭ ބަސް ހެޔޮގޮތުގައި ބޭނުން ކުރާނެ ބައެއް. އެބަޔަށް ވަރަށް ބޮޑަށް ބެލުން." އައިންތު މިސް ވިދާޅުވިއެވެ.

ތައުލީމީ ހަޔާތުގައި އައިންތު މިސް ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު އެމްއެންޔޫއިން ބާއްވާ އެންމެ ބޮޑު ބައިނަލްއަޤްވާމީ ކޮންފަރަންސް ތެވެލި ކޮންފަރެންސްއަށް 2023 އަދި 2024 ވަނަ އަހަރު ހުށަހެޅި އެންމެ މޮޅު ދިރާސީ ކަރުދާހުގެ އެވޯރޑްވެސް ވަނީ ލިބިފައެވެ. އަދި 2023 ވަނަ އަހަރު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސީޓީއިން ބޭއްވި "3 މިނިޓްއިން ތީސިސް" ނުވަތަ ފިކުރާތު ހުށައެޅުމުގެ މުބާރާތުންވެސް އައިންތު މިސް ވަނީ އެއްވަނަ ހޯދާފައެވެ.

އައިންތު މިސް ވިދާޅުވީ ޕީއެޗްޑީގެ ފިކުރާތު ލިޔުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށްވީ އެ ދާއިރާއިން ދިވެހިން ލިޔެވިފައިވާ ލިޔުންތައް ނެތުންކަމަށެވެ. މީގެ އިތުރުން މުޖްތަމައުގައި ނެތްކަމެއް އުފައްދަން ޖެހުމުން އެކަން ވަރަށް އުނދަގޫވިކަމަށް އައިންތު މިސް ވިދާޅުވިއެވެ.

"ވަރަށް ބޮޑު ގޮންޖެހުމަކަށްވި ޔުނިވަރސިޓީގެ ވަރަށް ބޮޑު އަމާޒެއް ފެންވަރު ރަނގަޅު މުޖްތަމައު ބިނާކުރާ ތައުލީމެއް އުފެއްދުން. އެހެންކަމުން ދިވެހިބަހުން މިފަދަ ކޯހެއް މިފަދަ ކިޔެވުމެއް ބޭނުންވާކަމަށްވަންޏާ އެކަމަށް ބޭނުންވާނެ ވިސްނުންތަކާއި އެކަމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އެ ފެންވަރަށް ގެންދިޔުމަށް ވަރަށް ބޮޑު ގޮންޖެހުމަކަށްވި." އައިންތު މިސް ވިދާޅުވިއެވެ.

ކިޔެވުމަށް ވަގުތު ހޯދުމާއި ލިބުނު ހިތްވަރު:

ތައުލީމީ ދިރިއުޅުމަކީ، ވަކިން ޚާއްސަކޮށް އާއިލީ ޒިންމާތަކާއި ވަޒީފާގެ މަސައްކަތްތަކާއެކު ކުރިއަށް ގެންދަންޖެހޭ ދިރިއުޅުމެއް ނަމަ، އުނދަގޫތަކާއި ގޮންޖެހުންތައް ގިނަ ކަމެކެވެ. ނަމަވެސް، މިފަދަ ހާލަތްތަކުގައިވެސް ކާމިޔާބީ ހޯދި ބޭފުޅުން މަދެއްނޫނެވެ. މީގެ ތެރެއިން، އަމިއްލަ ތައުލީމީ ހަޔާތުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިވެ، އެހެންނަމަވެސް އެކަންކަން ގިރާކޮށް ކުރިއަށް ދިޔަ އެއް ބޭފުޅަކީ އައިންތު މިސްއެވެ.

އައިންތު މިސް ވިދާޅުވީ، އާއިލާގެ ކަންކަމާއި ވަޒީފާގެ އެންމެހާ ޒިންމާތައް އަދާކުރަމުން ކިޔެވުމަކީ ވަރަށް ބުރަ މަސައްކަތެއްކަމަށެވެ. ވަގުތު ބެހުމާއި، ކޮންމެ ކަމަކަށް ދޭންޖެހޭ ސަމާލުކަން ދިނުމުގައި ދަތިތަކެއް ހުރި ކަމަށް އައިންތުމިސް ވިދާޅުވިއެވެ.

އެގޮތުން، އެހެން ބޭފުޅުން އެމީހުންގެ ވަގުތު ބަހާލައި، މަސައްކަތްތަކާއި ކިޔެވުން އެކުގައި ކުރިއަށް ގެންދާ ގޮތް ބަލައިގެން، އަމިއްލަ ދިރިއުޅުމަށް އެކަށޭނެ ގޮތްތައް ހޯދައި، ވަގުތުގެ ރޭވުންތައް ތަރުތީބުކުރިކަމަށް އައިންތުމިސް ވިދާޅުވިއެވެ. އަދި މިގޮތަށް ކަންކަން ރާވާލުމުން، ކިޔެވުމަށް ވަގުތު ދިނުމާއި، އާއިލާއަށާއި ވަޒީފާއަށް ދޭންޖެހޭ ވަގުތުތައް ބެލެހެއްޓުމަށް ފަސޭހަވިކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންމެ ދުވަހެއްގެ ހެނދުނަކީ އެ ދުވަހެއްގެ ކަންކަން ކުރާނެ ގޮތް ރާވާލައިގެން ކުރިއަށް ގެންދިޔައީ. މިކަމަށްޓަކައި އަޅުގަނޑުގެ ދިރިއުޅުމުގައި ކުރަމުންއައި ކަންކަން ހުއްޓާލާފައި އަޅުގަނޑުގެ މައިގަނޑު ތިން ކަމަކަށް އަމާޒު ގެންދިޔައީ. އެއްކަމަކީ އަޅުގަނޑުގެ އާއިލާ. ވަޒީފާ ދެން ކިޔެވުން. 3 ކަމަށްވެސް ވަގުތުދިނީ އެ ތިންކަމަކީ އަޅުގަނޑުގެ ހަޔާތައް ވަރަށް މުހިންމު ތިންކަމަށް ދެކިގެން." އައިންތު މިސް ވިދާޅުވިއެވެ. އައިންތު މިސް ވިދާޅުވީ ދިރިއުޅުމުގެ މިހާ ހިސާބަށް އައީ އަޒުމެއް ކަނޑައަޅައި އެކަން ހާސިލްކުރުމަށްކަމަށެވެ.

އައިންތު މިސްގެ މި ވާހަކައިން ދޭހަވަނީ، ބުރަތަކެއް ތަހައްމަލު ކުރަންޖެހުންކަމުގައިވިޔަސް، ޕްލޭންކުރުމާއި ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ، ތައުލީމީ ގޮތުންނާއި ދިރިއުޅުމުގެ އެހެނިހެން ދާއިރާތަކުންވެސް ކާމިޔާބީ ހޯދިދާނެކަމެވެ.

އައިންތު މިސްގެ ނަސޭހަތަކީ ވަގުތަށް ކަމޭހިތުން!

ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުނަށް އައިންތު މިސް ދެއްވި އެންމެ މުހިންމު ނަސޭހަތަކީ ވަގުތަށް ކަމޭހިތުމެވެ. ކޮންމެ ދުވަހެއްގެ ތާވަލު ރާވާލައި އެ ދުވަހެއްގައި ކުރަން ހަމަޖެހިފައިވާ ކަންކަންކޮށް ނިންމާލައި ފަހަށް އެއްވެސް ކަމެއް ނުބެހެއްޓުމަށް އައިންތު މިސް ނަސޭހަތްތެރިވިއެވެ.

"ވަގުތު އިންސާނެއްގެ ފަހަތުން ނާންނާނެއޭ. ވަގުތު ފަހަތުން އިންސާނުންނޭ ދާންޖެހޭނީ. ވަގުތު ނެތިގެންނޭ ކިޔާފައި ނުތިއްބަވަން ހިންގަވާށޭ. އަޅުގަނޑުމެން ރާވަންވީއޭ އަޅުގަނޑުމެން މިއަދު ކުރާނީ މިކަމޭ، އެ އަމާޒަށް. އަޅުގަނޑުމެންނަށް ވަރަށް ގިނައިން ދިމާވެ ވަކި ރޭވުންތެރިކަމެއް ނެތި ކުރަން ފެށުމުން ދާންވި ދިމާ ނޭގުން." އައިންތު މިސް ވިދާޅުވިއެވެ.

ދިވެހިބަހުން ފުރަތަމަ ޕީއެޗްޑީ ހާސިލުކުރުމުގެ ލަޤަބު ލިބުމަކީ ނުވަތަ މި ކާމިޔާބީއަކީ ލިބިގެންދިޔަ ވަރަށް އުފާވެރި އަދި ފަޚުރުވެރިކަމެއް ކަމަށް އައިންތު މިސް ފާހަގަކުރެއްވިއެވެ. އަދި އަމިއްލަ ނަފްސަށް ލިބުނު އުފަލަށްވުރެ ބޮޑަށް، މިކަމަކީ ދިވެހިބަހަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި އައިންތު މިސް ސިފަކުރެއްވިއެވެ.

އައިންތު މިސް ވިދާޅުވީ، ބައެއް ފަރާތްތަކުގެ ހިތުގައި ދިވެހިބަހުގެ ދާއިރާއިން އިތުރަށް ކުރިއަށް ނުދެވޭނެކަމާމެދު ކަންބޮޑުވުންތަކެއް ހުރިކަމަށެވެ. އެހެންނަމަވެސް، މި ކާމިޔާބީއާއެކު އެ ފަރާތްތަކަށްވެސް އިތުރު ހިތްވަރެއް ލިބިގެންދިޔަކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ޤައުމަށް މިފަދަ ބޮޑު ޝަރަފެއް ހޯދައިދެއްވުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއްކަމަށް ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް މުސްތަޤްބަލާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އައިންތު މިސް ވިދާޅުވީ، އަމާޒަކީ އުނގެނުނު އެއްޗެއް މުޖްތަމަޢަށް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން، ދިވެހިބަހުގެ އެކި ދާއިރާތަކުން ކަރުދާސް ލިޔެ، ޝާއިޢުކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ދިވެހިބަހުގެ ޢިލްމީ ދާއިރާއަށް އިތުރު ފުޅާކަމެއް ލިބި، ދިވެހިބަސް ދިރާސާކުރާ ފަރާތްތަކަށް އިތުރު މަޢުލޫމާތުތަކެއް ލިބިގެންދާނެކަން ޔަޤީނެވެ.

އައިންތު މިސްއަކީ އަބަދުވެސް ދިވެހިބަހަށް ލޯބިކުރާ މީހަކަށް ވުމާއެކު، ކުރިއަށްއޮތްތާނގައި ޤައުމު ބިނާކުރުމުގައި ދިވެހިބަހުން ޤައުމަށް ޚިދުމަތް ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

އާއިލާއަށް ހިފެހެއްޓުމެއްނެތް ޝުކުރު!

އައިންތު މިސް ގަބޫލުކުރައްވާ ގޮތުގައި މިހިސާބަށް އާދެވުނި ﷲގެ ރަހުމަތާއެކު ވަރަށް ގިނަ ބައެއް އެހިތެރިކަމާ އެކުގައެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރައްވަނީ ޕީއެޗްޑީ ފިކުރާތު ހެއްދެވުމުގައި އިރުޝާދާއި މަގުދައްކަވައިދެއްވި ދެ ސުޕަވައިޒަރުން ކަމުގައިވާ ޑރ. އާމިނަތު ރިޔާޒާއާއި ޑރ. ދިބާގެ ނަމެވެ. ޚާއްސަކޮށްކޮށް ޑރ. އައިންތު ރިޔާޒުގެ ވަރަށް ގިނަ ވަގުތު އެބޭފުޅާއަށް ދެއްވަވައި، ދެއްވި އިރުޝާދުތައް ވަރަށް ބޮޑަށް ފާހަގަކުރައްވައެވެ.

އިންސާނެއްގެ ކުރިއެރުމުގައި އޭނާގެ އާއިލާއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ފަރާތެކެވެ. މިގޮތުން އައިންތު މިސް ފާހަގަކުރެއްވި ގޮތުގައި މި ކާމިޔާބީއާ ހަމައަށް ވާސިލުވުމުގައި އެންމެ ބޮޑު ހިތްވަރެއް ދިން އެއްބަޔަކީ އާއިލާގެ މެންބަރުންނެވެ.

ކޮވިޑް 19 ގެ ވަބާގައި އޭނާގެ ބައްޕަ މި ދުނިޔެއާ ވަކިވާން ޖެހުނަސް ބައްޕަގެ ހެޔޮ ދުއާ އޭނާއާ އެކުވުމީ މި ކާމިޔާބީގެ ސިއްރުކަމުގައި އައިންތު މިސް ދެކިލައްވައެވެ. އޭނާގެ ތީސިސް ތަޚުސީސްކުރަނީ އޭނާގެ މަންމައާއި ބައްޕައަށެވެ. އަދި ބައްޕައަށް ހެޔޮ ދުއާ ކުރާ ހާލު އެބޭފުޅާގެ އާއިލާގެ އެންމެހައި މެންބަރުންނަށާއި ޚާއްސަކޮށް، އޭނާގެ ބޭބެއާއި ބޭބެގެ ދަރިންނާއި ފިރިމީހާއާއި ދަރިފުޅު، މިކަމުގައި އޭނާއަށް ވެދިން އެހީތެރިކަމާ، އަދި ހެޔޮއެދޭ ފަރާތްތަކުން ދެއްވި އެހީތެރިކަން ފާހަގަކުރައްވައެވެ.

އައިންތު މިސް ކިޔަވާ ވިދާޅުވީ ވަޒީފާގައި ހުރެކަމަށް ވުމާއެކު، ފެކަލްޓީ އޮފް އަރޓްސްގެ ޑީން އަދި އޭނާގެ ޕީއެޗްޑީ ކޯހުގެ ވިލަރެސްވެރިޔާ އާސިމް އަބްދުއްސައްތާރާއި، ފެކަލްޓީގެ އެންމެހައި މުއައްޒަފުންނާއި ފެކަލްޓީއާއި ޔުނިވަރސިޓީގެ އެކުވެރި ދާރިސުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި، ފެކަލްޓީގެ ކުރީގެ ޑީން އަބްދުއްރަޝީދު އަލީ އައިންތު މިސްގެ ކުރިއެރުމަށް ދެއްވި އެއްބާރުލެއްވުން ވަރަށް ބޮޑަށް ފާހަގަކުރައްވައެވެ.

ހަމައެހެންމެ އައިންތު މިސްގެ ދިރާސީ މަސައްކަތަށް ބޭނުންވި ޑޭޓާ އެއްކުރުމުގައި ދީނީ، ޓެކްނޮލޮޖީ، ތަޢުލީމީ، ޞިއްޙީ، މީޑިއާ، ޤާނޫނީ، އަދި ސަލާމަތީ ބާރުތަކާއި ބަހާއި ބަހަވީ ދާއިރާތަކުގެ ދިވެހިބަހުގެ މަސްލަހަތުވެރިންނާއި ދިރާސާއަށް ފަންނީ މަޢުލޫމާތު ދެއްވި އެކި ބޭފުންނާއި ދިވެހިބަހުގެ އެކެޑަމީގެ އެހާރާއި މިހާރުގެ އިސްވެރިނާއި މެންބަރުންނާއި މުއައްޒަފުންގެ އެއްބާރުލެއްވުން ފާހަގަކުރައްވައި ޖުމުލަކޮށް މި ކާމިޔާބީގައި އެހީތެރިވެ ދެއްވި ހުރިހާ ފަރާތަކަށް އައިންތު މިސް ޝުކުރު އަދާކުރައްވައެވެ.