ޚަބަރު

ރައީސް މުޢިއްޒުއަކީ ސިފައިންގެ ގުރުބާނީގެ އަގުވަޒަން ކުރައްވާ ލީޑަރެއް: ޗީފް އޮފް ޑިފެންސް ފޯސް


  • އަސްކަރިއްޔާ ތަރައްޤީކުރަން ރައީސް ކުރައްވާ މަސައްކަތް ފާހަގަކުރެއްވި

  • އެމްއެންޑީއެފްއަށް އައިސްފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއަކީ އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ، އަދި ސިފައިންގެ ގުރުބާނީގެ އަގުވަޒަންކުރައްވާ ލީޑަރެއްކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ޙިލްމީ ވިދާޅުވެއްޖެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މިހެން ވިދާޅުވީ ނަސްރުގެ ދުވަހާއި ގުޅިގެން ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔަ އަސްކަރީ ހުށަހެޅުން ފެށުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ބަޔަކު ދިން އުދުވާނީ ހަމަލާއިން ޤައުމު ސަލާމަތްކުރުމަށް ސިފައިންވި މަތިވެރި ޤުރުބާނީގެ ހަދާންތައް އައުކުރެއްވިއެވެ. އަދި އެއީ ދުވަހަކުވެސް ފަނޑުވެގެންނުދާނެ ދީނީ އަދި ޤައުމީ ޚިދުމަތެއްކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި ވަނީ މިދިޔަ އަހަރުތަކުގައި ނަސްރުގެ ދުވަސް ވަރަށް އާދައިގެ ގޮތެއްގައި ފާހަގަކުރަމުން އައި އައުން ރައީސުލްޖުމްހޫރިއްޔާ ޑރ،މުހައްމަދު މުޢިއްޒު ބަދަލުކޮށްލާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިދުވަހަކީ ޤައުމުގައި އެންމެ ކުލަގަދަކޮށް ފާހަގަކުރެވޭ ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހައްދަވާފައިވާކަން ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއަކީ ސިފައިންގެ މަތިވެރި ޚިދުމަތުގެ އަގުވަޒަންކުރައްވާ ލީޑަރެއްކަމަށްވެސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

"އެމަނިކުފާނަކީ ސިފައިންގެ މަތިވެރި ގުރުބާނީގެ އަގުވަޒަންކުރައްވާ ލީޑަރެއް. އެދުވަހު މި ޤައުމުގެ މިނިވަންކަން ދިފާޢުކުރުމަށްޓަކައި ޝަހީދުވި ފަރާތްތަކުގެ އަގުވަޒަންކުރައްވާ ލީޑަރެއް" ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި ވަނީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރެވޭނެ ޤާބިލްކަން ދިވެހި އަސްކަރިއްޔާއަށް ހޯއްދަވައިދެއްވައި، ފާއިތުވި މާޒީގައި ދިވެހިން ސިފައިންވި މަތިވެރި ގުރުބާނީގެ އަހު ވަޒަންކުރައްވާތީ ސިފައިންނާއި ސިފައިންގެ އާއިލާތަކާއި އެންމެހާ ދިވެހިންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ ނޮވެމްބަރު 3 ގެ ހާދިސާއިން ލިބޭ އެއް ފިލާވަޅަކީ މިނިވަންކަން ދިފާއުކުރުމަށް އަބަދުވެސް ތައްޔާރަށް އޮންނަ އަސްކަރީގޮތުން ޤާބިލް ފައުޖެއް އޮތުމުގެ މުހިއްމުކަންކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ އަސްކަރިއްޔާއަށް މީގެކުރިން ގެނެސްފައިނުވާފަދަ ތަރައްޤީއާއި ކުރިއެރުން ގެނެސްދެއްވަމުންކަމަށްވެސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ދިވެހި އަސްކަރިއްޔާ ތަރައްޤީކުރައްވަމުން ގެންދަވަނީ މިނިވަން އަދި އަމިއްލަ ބާރުވެރި ޤައުމެއްގެ ގޮތުގައި ރާއްޖެ ބޭއްވުމުގެ މަތިވެރި މަޤްޞަދުގައިކަމަށެވެ. އަދި އެެރޮނގުން މިހާތަނަށް އަސްކަރިއްޔާއަށް ހޯއްދަވައިދެއްވާފައިވާ ކުރިއެރުންތަކުގެ މައްޗަށްވެސް ޗީފް އޮފް ޑިފެންސް ފޯސް އަލިއަޅުއްވާލެއްވިއެވެ.

ނަސްރުގެ ދުވަހާއި ގުޅިގެން ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔަ އަސްކަރީ ހުށަހެޅުމުގައި ވަނީ ދިވެހި އަސްކަރިއްޔާއަށް އެންމެފަހުން ގެނެސްފައިވާ ވަޔާއި، ކަނޑާއި އެއްގަމުގައި ބޭނުންކުރާ ޒަމާނީ އަސްކަރީ އުޅަނދުތައް ދައްކާލާފައެވެ. އެގޮތުން ޑްރޯންއާއި، މަނަވަރާއި، އަރމަޑް ވެހިކަލްތައް ވަނީ އަސްކަރީ ހުށަހެޅުމުގައި ފެނިގެންގޮސްފައެވެ.