އެމް.އެސް.އެމް.އީ އެވޯޑްސްގައި ޢާންމުންގެ ވޯޓުން ހޮވާ އެވޯޑުތަކުގެ ނޮމިނޭޝަންތަކަށް ވޯޓުލުމަށް ކަނޑައަޅާފައިވާ ސުންގަޑި މިރޭ ހަމަވާނެކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025އަކީ ދިވެހި ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން، އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ.
އާއްމުންގެ ވޯޓަށް ހުޅުވާލާފައިވަނީ މި އެވޯޑަށް ހުޅުވާލާފައިވާ 7 ދާއިރާއަކުންނެވެ، މިދާއިރާތަކުގެ ތެރޭގައި އެގޮތުން ކާބޯތަކެތި އުފެއްދުމުގެ ދާއިރާއާއި، ލައިފް ސްޓައިލް ބްރޭންޑާއި، އަންނައުނު ފަރުމާ ކުރުމާއި ފެޝަންގެ ދާއިރާއާއި، މުނިފޫހިފިލުވުމުގެ ދާއިރާއާއި، ކުރެހުމާއި އަތްތެރި މަސައްކަތުގެ ދާއިރާއާއި، ފޮޓޯގްރެފީގެ ދާއިރާގެ އިތުރުން އެންމެ މަޤުބޫލު މާކެޓިންގ ފަރމް ހިމެނެއެވެ.
ޢާންމުންގެ ވޯޓަށް ހުޅުވާލާފައިވާ ދާއިރާތަކަށް ވޯޓުދިނުމަށް އެސް.އެމްއެސް ކުރުމުގެ ސުންގަޑިއަކީ މިރޭ 12:00ކަމަށް ބީސީސީން ވިދާޅުވިއެވެ.
މިބައިތަކުގެ އިތުރުން ފަނޑިޔާރުން ހޮވާ 13 ގިންތިއަކުންވެސް ވިޔަފާރިތަކަށް އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެދާއިރާތަކުން އިނާމަށް ހުށަހެޅުއްވި ފަރާތްތަކުގެ އިވެލުއޭޝަން މަރުޙަލާ މިހާރު ކުރިއަށްދާކަމަށް ބީސީސީން ވިދާޅުވިއެވެ.
މި އެވޯޑަކީ ކުދި ވިޔަފާރިތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އައު ވިޔަފާރީގައި އިތުރު މާކެޓުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް ދޭން ނިންމާފައިވާ އެވޯޑެއް ކަމަށް ބީސީސީން ވިދާޅުވިއެވެ. ދިވެހި މަސައްކަތްތެރިންނާއި ވިޔަފާރިތަކުގެ އުފެއްދުންތެރިކަމާއި، ހުނަރު، އަދި ކުރިއެރުން ފާހަގަކުރުމަށްޓަކައި ދެވޭ މި އެވޯޑުތަކަށް އެންމެކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ރަނގަޅު ތަރުޙީބެއް ލިބިފައިވެއެވެ.
"މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025" ގެ މަގުސަދަކީ، ދިވެހިރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކުރުމާއި ދެމެހެއްޓެނިވި ތަރައްޤީއެއް ހާސިލުކުރުމުގައި ދިވެހި ވިޔަފާރިވެރިން އަދާކުރަމުންދާ ދައުރު ފާހަގަކޮށް، ޤައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވިޔަފާރިތަކުން ހޯދާ ކަމިޔާބީތައް ފާހަގަކުރުމާއެކު، ޤައުމުގެ އުފެއްދުންތެރިކަމާއި، ހުނަރުވެރިކަން ކުރިއެރުވުމަށް ހިތްވަރުދީ، ރާއްޖޭގެ ވިޔަފާރިތަކާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ކުރިއަރުވައި މިސްރާބުކުރުމެވެ.