ޚަބަރު

މިއަދު ހަވީރު 5:30 ވަންދެން، ފޮރިން މިނިސްޓްރީން ޔޫކޭ ވިސާ ލިބޭނެ


ތަޢުލީމު ޙާޞިލުކުރުމަށްޓަކައި، އިނގިރޭސިވިލާތަށް ދާ ދިވެހިންނަށް ލުއިފަސޭހަކަމާއެކު ވިސާ ހޯދޭނެ އިންތިޒާމް ހަމަޖެއްސަވައިދެއްވުމުގެ ގޮތުން، މިއަދު ފޮރިން މިނިސްޓްރީއިން ވިސާ އެޕްލިކޭޝަން ބަލައިގެންނެވުމުގެ ޚިދުމަތް ދެއްވަމުން އެބަގެންދަވައެވެ.

މިއަދު ހެނދުނު ވިސާ އެޕްލިކޭޝަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުމުން، މިހާތަނަށް ތިރީހަށްވުރެ ގިނަ ފަރާތުން އެޕްލިކޭޝަން ފޯމް ހުށައަޅާފައިވާކަމަށް ފޮރިން މިނިސްޓްރީއިން ހާމަކުރައްވައެވެ. އަދި، މިއަދު ހަވީރު 5:30 ވަންދެން މި ފުރުޞަތު ހުޅުވާލައްވާފައިވާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މި ޚިދުމަތުގެ ދަށުން ވިސާ ފޯމް ފުރުމާއި، އެޕްލިކޭޝަން ހުށައެޅުމުގެ އިތުރުން، ބަޔޯމެޓްރިކް މަޢުލޫމާތު ނެގޭނެ އިންތިޒާމްތައްވެސް ހަމަޖައްސަވާފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މި ޚިދުމަތަކީ، ތަޢުލީމު ޙާޞިލުކުރުމަށްޓަކައި، އިނގިރޭސިވިލާތަށް ދާ ދިވެހިންނަށް ލުއިފަސޭހަކަމާއެކު ވިސާ ހޯދޭނެ އިންތިޒާމް ހަމަޖެއްސަވައިދެއްވުމުގެ ގޮތުން، އިނގިރޭސި ހައި ކޮމިޝަނާއި ފޮރިން މިނިސްޓްރީއާއި ދެމެދު ބޭއްވެވި ޚާއްޞަ މަޝްވަރާތަކެއްގެ ދަށުން ހަމަޖެއްސެވި އިންތިޒާމްތަކެއް ކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މި ޚިދުމަތުގެ ސަބަބުން އިނގިރޭސި ވިލާތަށް ތަޢުލީމް ޙާޞިލްކުރަން ދާ ދިވެހީންނަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ޤަބޫލްފުޅު ކުރައްވާކަމަށް ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމް ވަނީ ވިދާޅުވެފައެވެ.

ޢާއްމު ގޮތެއްގައި، އިނގިރޭސި ވިލާތަށް ދިއުމަށް ދިވެހީން  ވިސާ ހޯދުމަށްޓަކައި ދަތުރުކުރަން ޖެހެނީ އިންޑިއާގެ ޗެންނާއީއަށެވެ.