ކުޅިވަރު

އާނޮލްޑް ރެއާލްގެ ޖާޒީގައި، ލިވަޕޫލުން ހޫނު މަރުހަބާއެއް ކިޔާނެ: ކޯޗު


20 އަހަރަށް ފަހު ލިވަޕޫލް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވި ޓްރެންޓް އެލެގެޒެންޑާ އާނޮލްޑް އެ ކުލަބާ ދެކޮޅަށް ކުޅެން ލިވަޕޫލްގެ ދަނޑަށް ފުރަތަމަ ފަހަރަށް އައުމުން ހޫނު މަރުހަބާއެއް ކިޔާނެ ކަމަށް ކޯޗު އާނޭ ސްލޮޓް ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ލިވަޕޫލްގެ ދަނޑުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު އެންމެ ހާއްސަވާނެ ކުޅުންތެރިއަކީ ވެސް އާނޮލްޑެވެ.

މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކޯޗު އާނޭ ސްލޮޓް ބުނީ އޭނާގެ ކުރީގެ ވައިސް ކެޕްޓަނާ މެދު އޮތީ ހާލިސް ހިތެއް ކަމަށެވެ.

"އަހަރެން އޭނާއާ ބެހޭ ގޮތުން ދައްކަން އޮތީ މުޅިން ވެސް ރަނގަޅު ވާހަކަ. އޭނާއާ އެކު އަހަރެންގެ ވަރަށް ގިނަ ހަނދާންތަކެއްވޭ. އޭނާ އަކީ މި ކުލަބަށް ވަރަށް އަގުހުރި ހިދުމަތްތެރިއެއް. އޭނާ އައުމުން ހޫނު މަރުހަބާއެއް ކިޔާނެ. އެއީ ޔަގީން ކަމެއް،" އާނޭ ސްލޮޓް ބުންޏެވެ.

ލިވަޕޫލްގެ ޔޫތު އެކަޑަމީން ފެށިގެން އެ ކުލަބުގެ ވައިސް ކެޕްޓަންކަމާ ހަމައަށް ދަތުރު ކުރި އާނޮލްޑް ވަނީ ދެ ފަހަރު ޕްރެމިއާ ލީގު ކާމިޔާބުކޮށްދީފަ އެވެ. އަދި އެއް ޗެމްޕިއަންސް ލީގާއި ކުލަބު ވޯލްޑް ކަޕެއްގެ އިތުރުން ވެސް ގިނަ ކާމިޔާބީތައް ލިވަޕޫލަށް އޭނާ ހޯދައިދިނެވެ.

ނަމަވެސް ރެއާލް މެޑްރިޑަށް ކުޅެން އޭނާ ނިންމުމުން އެކަން ސަޕޯޓަރުންނަށް ފުރަތަމަ ބަލައި ނުގަނެވުނެވެ. މި ގޮތުން އޭނާ ރެއާލް އަށް ދާ ވާހަކަ އަޑުއިވުމާއެކު ކުޅުންތެރިޔާ އަށް ހުސްވި ސީޒަނުގައި މަލާމާތްކޮށް ވެސް ހެދި އެވެ. އެކަން ހުއްޓުނީ ކޯޗާއި ކުޅުންތެރިން އެކަމަށް އެދިގެންނެވެ.

މިހެންވެ އާނޮލްޑް ވެސް ހުރީ އޭނާއާ މެދު ލިވަޕޫލް ސަޕޯޓަރުން މި މެޗުގައި ކަންތައްތައް ކުރާނެ ގޮތަކާމެދު ސުވާލު އުފެދިފަ އެވެ. މެޗުގެ ކުރިން އޭނާ ބުނީ އެހެން ޓީމެއްގެ ކުޅުންތެރިއެއްގެ ގޮތުގައި ލިވަޕޫލްގެ ދަނޑަށް ދާ ފުރަތަމަ ފަހަރު ސަޕޯޓަރުން ކޮންމެ ގޮތަކަށް އަމަލު ކުރިޔަސް އޭނާގެ ހިތުގައި ލިވަޕޫލަށް އޮތް ލޯބި ބަދަލު ނުވާނެ ކަމަށެވެ.

"ކޮންމެ ގޮތަކަށް ކަންތައްތައް ވިޔަސް އަހަރެންގެ ހިތުގައި ލިވަޕޫލަށް އޮތް ލޯބި ބަދަލެއް ނުވާނެ. އަހަރެން އަބަދުވެސް ހުންނާނީ ލިވަޕޫލްގެ ސަޕޯޓަރެއްގެ ގޮތުގައި. އަހަރެން ކުލަބު ދޫކޮށްލީ ކުލަބަށް ކާމިޔާބު ހޯދާދީފައި އަހަރެންގެ ހަޔާތުގެ އައު ސޮފުހާއަކަށްޓަކައި،" އާނޮލްޑް ބުންޏެވެ.

އޭނާ ބުނީ ޗެމްޕިއަންސް ލީގުގައި ރެއާލްއާ ވާދަކުރަން ޖެހުމުން ބައެއް ކުޅުންތެރިންގެ ސަމާސާގެ މެސެޖްތައް އޭނާ އަށް ލިބުނު ކަމަށެވެ.

"އަހަރެން ގާތަށް ހިނި އަންނަނީ އެ މެސެޖްތަކުން. އަހަރެންނާ ވަރަށް ގާތްކޮށް އުޅޭ ކުޅުންތެރިން އަބަދުވެސް މެސެޖް ކުރޭ މި މެޗުގެ ވާހަކަ ވެސް ދައްކާ. ސަލާހް އާއި އިބްރާހީމާ ކޮނާޓޭ އަދި އެންޑީ ރޮބަޓްސަން އަށް މިކަން އެނގޭނެ،" އާނޮލްޑް ބުންޏެވެ.

މި މެޗަށް ލިވަޕޫލަށް ދިޔަ ނަމަވެސް އޭނާ ކުޅޭނެ ކަމާމެދު ޝައްކެވެ. ސަބަބަކީ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން ނުކުޅެ މިދިޔަ މަހެއްހާހާ ދުވަހު ހުންނަން ޖެހުމެވެ.