ޒަމާނަށް އަންނަ ބަދަލުތަކާ އެއްގޮތަށް ހެއްކާބެހޭ ޤާނޫނު އިސްލާހުކުރުމުން އެކަށީގެންވާ އަވަސްމިނެއްގައި އިންސާފު ޤާއިމުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ. މެންބަރުން މިގޮތަށް ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ހެއްކާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ. 
ބިލު ހުށަހަޅުއްވައި ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު އަސްލަމް ވިދާޅުވީ ހެއްކާބެހޭ ޤާނޫނުތައް މިހާރު ހުރި ނަމަވެސް ކޯޓުތަކާއި ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ހެކި އެއްކުރުމާއި ސައްޙަކަން ކަށަވަރުކޮށް ހުށަހެޅުމުގައި ހުރަސްތައް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ އިސްލާހުތަކާއެކު އެ ހުރަސްތައް ނައްތާލެވޭނެ ކަމަށާއި އިޖުރާއަތުގެ މައްސަލަތަކުގެ ސަބަބުން މައްސަލަތައް ލަސްވުމާއި ޖިނާޢީ މައްސަލަތަކުގައި ޗެއިން އޮފް ކަސްޓަޑީ ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތައްވެސް ހައްލުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. 
މި ބިލުގެ ސަބަބުން ހެއްކާ ގުޅޭގޮތުން ނޫސްވެރިންގެ އޮތް ކަންބޮޑުވުންތަކަށްވެސް ހައްލު ލިބޭނެ ކަމަށާއި އެކަށީގެންވާ އަވަސްމިނެއްގައި އިންސާފު ޤާއިމުކުރުމަށް ބިލުގެ ސަބަބުން އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް ބިލެތްދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ. 
"ހެކި ޤާނޫނުގެ ބައެއް މާއްދާތަކުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ބުރޫއަރާފާނެކަމުގެ ބިރު، ނޫސްވެރިން ވަނީ ފާޅުކޮށްފައި. އެހެންކަމުން އިޖުރާއަތުގެ އިންސާފުވެރިކަމާއި ޙައްގުތައް ރައްކާތެރިކޮށް ހެކި ރައްކާތެރިކުރުމުގެ ޤާނޫނުތައް ޒަމާނީ ހަގީގަތްތަކާ އެއްގޮތަށް ހަރުދަނާ އިސްލާހުތަކެއް މި ބިލުގެ ސަބަބުން ލިބިގެން ދިއުމީވެސް މި ބިލު މުހިންމުވާ ސަބަބެއް،" ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު އަސްލަމް ވިދާޅުވިއެވެ. 
		
										
			ބިލަށް ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ މިހާރު ފެންނަ މަންޒަރުތަކުން ހެއްކާބެހޭ ޤާނޫނުގައި ހުރި މައްސަލަތަކުގެ ސަބަބުން ކުށްވެރިން މިނިވަންވެގެންދާތަނާއި ކޯޓުތަކަށް ދަތިތަކާ ދިމާވާ މިންވަރު ހާމަވެގެންދާކަމަށެވެ. އަދި މިހާރު ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއެކު ހެއްކާބެހޭ ޤާނޫނަށް އިސްލާހުތައް އަންނަޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. 
"ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލަށް ހަމަލާދިން ފަރާތްތައްވެސް މިނިވަންވެގެންދިޔައީ ސީސީޓީވީ ފުޓޭޖް ފެނޭ، އެކަމަކު ސީސީޓީވީ ފުޓޭޖްގެ ގަޑި ދިމާނުވެގެން. މިކަހަލަ ކަންކަން ދިމާވަނީ ބައެއް ފަންނީ މައްސަލަތައް ދިމާވެގެން. މިހެން ހުރި ބައެއް ކަންކަމުގައި އަޅުގަނޑުމެން އެބަޖެހޭ މީގައި ކުށްވެރިން ދެމިގަންނަ ބާގަނޑުތައް ބައްދަން. އެކަން އަޅުގަނޑުމެންނަށް މި ޤާނޫނަށް އިސްލާހުތައް ގެނެސްގެން،" މަޖިލީހުގެ ނައިބު ރައީސް ވިދާޅުވިއެވެ. 
		
										
			ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޢަފޫރު މޫސާ ވިދާޅުވީ ޒަމާނަށް އަންނަ ބަދަލުތަކާއެކު ޤާނޫނުތަކަށް ބަދަލު އަންނަންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ޤާނޫނުތަކަށް ބަދަލުގެނައި ނަމަވެސް ތަންފީޒީ އިދާރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގައި ތެދުވެރިކަމާއި ވަފާތެރިކަން ނެތި ކަންކަން ރަނގަޅު ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. 
"އަޅުގަނޑުމެން ޤާނޫނު ކިތަންމެ މޮޅަށް ހެދި ނަމަވެސް އެ ޤާނޫނުގެ ކަޅު ފަރާތް ނަގައިގެން ފަނޑިޔާރުން ހުކުމް ކުރަންވެއްޖެއްޔާ އަބަދުވެސް އޮންނާނީ އެ ފަރާތް ފެންނަން. އެހެންވީމަ އިޚްލާސްތެރިވާންވީ، ތެދުވެރިވާންވީ. ކޯޓުގެ ގޮނޑީގައި އިށީނީމާ އިންސާފުން ހުކުމް ކުރާ މީހެއްގެ އަޒުމުގައި އެ މީހާ މަސައްކަތް ކުރަންވީ،" ހަނިމާދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ. 
		
										
			ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވީ އިންޓަނެޓްގެ ޒަރީއާއިން އީމެއިލާއި ސީސީޓީވީ ފަދަ ހެކިތައް ރައްކާތެރިކުރެވޭނެ ނިޒާމެއް ޤާނޫނުގައި ނެތުމުގެ ސަބަބުން ފަނޑިޔާރުންނަށް މައްސަލަތައް ނިންމުމުގައި ގޮންޖެހުންތައް އެބަހުރި ކަމަށް ވިދާޅުވިއެވެ. ހެއްކާބެހޭ ޤާނޫނަށް ގެންނަ އިސްލާހުތަކާއެކު ހުރިހާ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެވި ކަށަވަރު ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. 
"ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް އަންނަންވީ ބަދަލަކީ ތާރީޚު ކަނޑައެޅިގެން މައްސަލަތައް ނިންމަންވީ. ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި، ޝަރީޢަތް ނިމޭނެ މުއްދަތު، ތާރީޚު ދޭންވީ ފަނޑިޔާރުގެއިން ރައްޔިތުންނަށް. އެ އިތުބާރު އަޅުގަނޑުމެން ބޭނުންވަނީ ފަނޑިޔާރުންގެ ފަރާތުން." ޝުޖާޢު ވިދާޅުވިއެވެ. 
މި ބިލުގެ ބަހުސްގައި މެންބަރުން ވަނީ ފަނޑިޔާރުން އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އަދި ފަނޑިޔާރުންނަށް ހުރި ގޮންޖެހުންތައް ނައްތާލައި އަދުލުއިންސާފު ގާއިމުކުރުމުގެ ފުރުސަތު މަޖިލީހުން ކަށަވަރުކޮށްދޭނެކަމުގެ ޔަގިންކަންވެސް މެންބަރުން ވިދާޅުވިއެވެ.