ފުވައްމުލައް ސިޓީގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމްކުރަން މޯލްޑިވްްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓިސީސީއާ ޙަވާލުކޮށްފިއެވެ.
ފުވައްމުލައް ސިޓީގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމްކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލަކާއި އައްޑު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލަކަށް ކުރެއްވި ޒިޔާރަތެއްގައެވެ.
ފުވައްމުލައް ސިޓީގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، އަދި އެރަށު ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން، 11،250 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިުފިލާގެ އިމާރާތެއް އެޅުމަށް ހަމަޖެހިފައިވެއެވެ. އަދި މިއިން ކޮންމެ ފަންގިފިލާއެއްގައި 5625 އަކަފޫު ހުންނާނެކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ.
މި މަޝްރޫޢުގެ މަސައްކަތްކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 15.18 މިލިޔަން ރުފިޔާއަށް 390 ދުވަސްތެރޭ މަސައްކަތް ނިންމާ ޙަވާލުކުރާގޮތަށެވެ.
ފުވައްމުލަކު ސިޓީގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމްވެގެންދިއުމަކީ، ފުވައްމުލަކަށް ޢިލްމީގޮތުން އިތުރު ކުރިއެރުންތަކެއް އަންނާނޭކަމެއްކަމަށް އެމްޓީސީސީއިން ޤަބޫލުކުރައްވައެވެ.
އަދި ނޭޝަނަލް ލައިބްރަރީއެއް ހުރުމަކީ ފުވައްމުލަކުގައި ދިރިއުޅޭ ރައްޔިތުންގެ މަޢުލޫމާތު މުއްސަނދިވެ، ހޭލުންތެރިކަން އިތުރުވުމަށް ފުރުސަތު ފަހިވާނެކަމެއްކަމަށް އެމްޓީސީސީއިން ޤަބޫލުކުރައްވައެވެ.
ވޭތުވެދިޔަ 44 އަހަރު އެމްޓީސީސީން ވަނީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ގިނަ މަސައްކަތްތަކެއް ކާމިޔާބުކަމާއެކު ނިންމާލާފައެވެ. އަދި މިހާރުވެސް އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތައް ކުރިއަށްގެންދަމުންނެވެ.