ރާއްޖޭގެ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ގްލޯނެޓުން ބާއްވަމުން އަންނަ "ގްލޯނެޓް އެޑިއުކޭޝަން ފެއަރ" މިއަދު ހުޅުވައިފިއެވެ. މިއަދު ހަވީދު އާޓް ގެލަރީގައި އޮތް ރަސްމިއްޔާތެއްގައި މި ފެއަރ ރަސްމީކޮށް ހުޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރ އަޙުމަދު މުނައްވަރެވެ.
މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް އާޓް ގެލަރީގައި ކުރިއަށްދާ ގްލޯނެޓް އެޑިއުކޭޝަން ފެއަރއަކީ މަތީ ތަޢުލީމް އެގެނުމަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ގްލޯނެޓުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ފެއާރއެކެވެ. މިފަހަރުގެ ފެއާރގައި މެލޭޝިޔާގެ ސާދަ ޔުނިވަރސިޓީއަކުން ބައިވެރިވެފައިވެއެވެ. ޢާންމުގޮތެއްގައި މިފެއާރގައި އެންމެ ގިނައިން ބައިވެރިވަނީ މެލޭޝިޔާގެ ޔުނިވަރސިޓީތަކުންނެވެ. އޭގެ ތެރޭގައި ދިވެހިން ޢާންމު ގޮތެއްގައި ތަޢުލީމް ޙާސިލްކުރަމުން ދާ ޔުނިވަރސިޓީތައް ކަމަށްވާ، ލިންކޮކް ޔުނިވަރސިޓީ، ސަންވޭ ޔުނިވަރސިޓީ، ޓެއިލަރސް ޔުނިވަރސިޓީ ފަދަ ތަންތަން ހިމެނެއެވެ. މީގެ އިތުރުން ޑިޕާރޓްމަންޓް އޮފް ހަޔަރަ އެޑިއުކޭޝަންއިން ވެސް މިފެއަރގައި ބައިވެރިވެފައިވެއެވެ.
މިފެއަރ ހުޅުއްވައިދެއްވުމަށް ފިނޭންސް މިނިސްޓަރ އަޙުމަދު މުނައްވަރު ދެއްކެވި ވާހަކަފުޅުގައި، ޒުވާނުންނަށް މަތީ ތަޢުލީމްގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ. އަދި ޒުވާނުންގެ ތަރައްޤީއަށް އެފަދަ ފުރުޞަތު ހޯއްދަވައިދެއްވުމަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
'' ޒުވާނުންގެ ތަރައްޤީއަށް ޚާއްސަކޮށް ޒުވާނުންނަށް މަތީ ތަޢުލީމް ހޯއްދަވައިދެއްވުމަށް ރައީސް ޔާމީން ވަރަށް އިސްކަމެއް ދެއްވާ. ސަރުކާރުން ވަރަށް ބޮޑު ހޭދައެއް އެކަމަށް ހޭދަކުރައްވާ، އެގޮތުން މިދިޔަ ދެއަހަރުވެސް ދައުލަތުގެ ބަޖެޓުގައި ވިހި މިލިއަން ރުފިޔާ ހަމައެކަނި މަތީ ތަޢުލީމަށް ޚަރަދުކުރެއްވި'' ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.
ޒުވާނުން ޝައުޤުވެރިކަން ހުންނަ ދާއިރާކުން ކުރިއަށްދިއުމުގައި ހުރި ފުރުޞަތުތަކީ ކޮބައިކަން ދެނެގަނެ އެދާއިރާތަކުން ކުރިއަށް ދިއުމަކީ މުހިންމުކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
18 ސްޓޯލްއަކާއެކު ކުރިއަށްދާ ފެއަރގުޅޭ މަޢުލޫމާތު ދެއްވަމުން ގްލޯނެޓްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަސީމް ވިދާޅުވީ، މެލޭޝިއާގެ އިތުރުން އަޔަލެންޑު ޔުނިވަރިސިޓީއިން މިފަހަރުގެ ފެއަރގައި ބައިވެރިވެފައިވާ ކަމަށެވެ.
'' މެލޭޝިޔާގެ އިތުރުން އަޔަލެންޑުންވެސް ބައިވެރިވޭ. ޚާއްސަކޮށް ދިވެހިން ޒުވާނުން ކުރިއަށްދާ ބޭނުންވާ ދާއިރާ ކަމަށްވާ ޕައިލެންޓު ލައިސަންސާ އިންޖިނިއަރިން ފަދަ ދާއިރާތަކާ ގުޅޭ މަޢުލޫމާތު ފެއަރ މެދުވެރިކޮށް ލިބޭނެ." ނަސީމް ވިދާޅުވިއެވެ. ފެއާރގައި ބައިވެރިވި ބައެއް ޔުނިވަރސިޓީތަކުން ބުނީ، ފެއަރ މެދުވެރިކޮށް ޔުނިވަރސިޓީތަކުން ކުރިއަށް ގެންދާ ކޯސްތަކާއި ގުޅޭ މަޢުލޫމާތާއި، ޕްލޭސްމަންޓް ލެޓާ އަދި ސްކޮރޝިޕްގެ އިތުރުން ކެރިއަރ ގައިޑެންސްއާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވޭނެކަމަށެވެ.