ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ވަޑައިގެންފިއެވެ.
އައްޑޫ ސިޓީ ފޭދޫއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެ ރަށްރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި އެކި ޢުމުރުފުރާތަކުގެ މީހުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވުމަށް ދިގު ކިއޫއެއް ހަދާފައިއޮތެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަމުގެ އަޑު އައްސަވައި، އެ ރަށްރަށަށް ކުރައްވާ ތަރައްޤީގެ ތަސައްވުރު ރައީސުލްޖުމްހޫރިއްޔާ ޙިއްސާކުރައްވާނެއެވެ.
ފޭދޫއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން ފޭދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ފަށްޓަވައިދެއްވުމާއި ފޭދޫގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވާނެ އެވެ. އަދި ފޭދޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ފަށުމާއި ފޭދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ފަށްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ. އަދި މި ދަތުރުޕުޅުގެތެރެއިން މަރަދޫފޭދޫ އާއި ހިތަދޫގައިވެސް މަޝްރޫޢުތައް ފެށުމަށްވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.