ޚަބަރު

ޤައުމީ ރޫހު ދިރުވާ އަލާކުރުމަށް ޚާއްސަ ޖަލްސާއެއް ބާއްވައިފި


ސިފައިންގެ ހިތްްތަކުގައި ޤައުމީ ރޫޙު އިތުރަށް ދިރުވާ، ޤައުމީ ލޯބި އާލާކުރުމުގެ ޖަލްސާއެއް ކަޅުތުއްކަލާކޮށީގައި ރޭ ބާއްވައިފިއެވެ. 

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ޝަރަފްވެރިކޮށްދެއްވި މި ޖަލްސާގައި ސިފައިންނާއި މުޙާތަބުކޮށް ވާހަކަފުޅުދެއްކެވީ ޑިޕާޓްމަންޓް އޮފް ކައުންޓަރ ޓެރަރިޒަމްގެ ޑައިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރެވެ. ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ ތަފާތު އެކިއެކި ހާދިސާތަކުގެ މައްޗަށް އަލިއަޅުވާލައްވައި ރާއްޖޭގެ މިއަދުގެ ހާލަތާއި މަޝްރަޙާއި ގުޅޭގޮތުން ވަރަށް ތަފްޞީލުކޮށް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. 

img:http://s1.psmnews.mv/images/660x400/14721035953606.jpg|ރޭގެ ޖަލްސާގައި ބްރިގޭޑިއަރ ޖެނަރަލް ޒަކަރިއްޔާ މަންސޫރު ވާހަކަދައްކަވަނީ

މިގޮތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ހިމާޔަތްކުރުމުގައި، ސިފައިން އަދާކުރަންޖެހޭ އިސް ދައުރުގެ މައްޗަށާއި ސިފައިން ޤައުމީ ވާޖިބުގައި ދެމިތިބުމުގެ މުހިންމުކަމާއި ބޭނުންތެރިކަމުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ވާހަކަފުޅުދައްކަވާފައިވެއެވެ. އަދި ސިފައިންނަކީ ކޮންމެ ފަދަ ދަތި ހާލެއްގައިވެސް، ކުރިމަތިވާ ކޮންމެ ގޮންޖެހުމަކަށް ފަސްނުޖެހި ޤައުމުގެ ދިފާޢުގައި ތެދުވާން ތިބި ބަދަހި ލަޝްކަރެއްކަން ހަނދާން އާކޮށްދެއްވިއެވެ. މިމޭރުމުން ވާހަކަފުޅުދައްކަވަމުން ޤައުމުގެ އެތެރެއިންނާއި ބޭރުން ޤައުމަށް ކުރިމެތިވެދާނެ ކޮންމެ އުދުވާނަކަށް ފާރަވެރިވެ، ދީނާއި ޤައުމުގެ ޙައްޤުގައި ފުރާނައިން ޤުރުބާންވުމަށް މާތް ﷲ ގަންދީ ހުވާކޮށްގެން ތިބި ބައެއްކަން، ސިފައިންނަށް ހަނދާން އާކޮށްދެއްވާފައިވެއެވެ.

img:http://s4.psmnews.mv/images/660x400/14721036075805.jpg|ސިފައިންގެ ހިތްތަކުގައި ޤައުމީ ރޫހު އަލާކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން / ފޮޓޯ:އެމްއެންޑީއެފް

ރޭގެ ޖަލްސާގައި ޚާއްސަ ދުއާއެއްކުރުންވެސް ކުރިއަށްދިޔައެވެ. މިޖަލްސާގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ އޮފިސަރުނާއި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވިއެވެ.