ދުނިޔެ

ކޮލަމްބިއާގެ 50 އަހަރުވީ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނެސްފި


ކޮލަމްބިއާ ސަރުކާރާއި އެޤައުމުގެ އިދިކޮޅު ހަނގުރާމަވެރިނާ ދެމެދު ސުލްޙަ ޤާއިމްކުރުުމުގެ އެއްބަސްވުމަކާ ހަމައަށް އައިސް، 50 އަހަރަށްވުރެ ގިނަދުވަސްވީ ހަނގުރާމަ ނިމުމަކަށް ގެނެސްފިއެވެ. ކޮލަމްބިއާ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރި ޖަމާާޢަތް، ރެވޮލިއުޝަނަރީ އާރމްޑް ފޯސަސް އޮފް ކޮލަމްބިއާ، ފާކްއާ ދެމެދު ސުލްޙައިގެ އެއްބަސްވުމެއް ޤާއިމްކުރުމަށް އެއްބަސްވެފައިވަނީ ކިއުބާގައި ކުރިއަށްދިޔަ 4 އަހަރަށްވުރެ ގިނަދުވަސްވީ ސުލްޙައިގެ ވާހަކަތަކަށްފަހުއެވެ. 

img:http://s4.psmnews.mv/images/660x400/14721107204236.jpg|ކިއުބާގައި ކުރިއަށްދިޔަ ސުލްޙައިގެ ވާހަކަތަކުގެ ތެރެއިން

ދުނިޔޭގެ ހިނގާ އެންމެ ގިނަ ދުވަސްވީ އެއް ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ހަތިޔާރު އެޅި ހަނގުރާމަވެރިން، ހަތިޔާރުތައް ބެހެއްޓުމަށްފަހު އާއްމު ދިރިއުޅުމަށް ރުޖޫއަވާންޖެހޭނެއެވެ. ސުލްޙައިގެ އެއްބަސްވުމަކާ ހަމައަށް އާދެވިފައި މިވަނީ 50 އަހަރުވީ މިހަނގުރާމައިގައި ދުއިސައްތަ ހާހަށްވުރެ ގިނަ މީހުން މަރުވެ، އެތައްހާސް ބަޔަކު ގެއްލި، އަދި އެތައް މިލިއަނެއް މީހުންތަކެއް ޤައުމު ދޫކޮށް ދިޔަފަހުންނެވެ. 

ހަނގުރާމަވެރިންނާއެކު ސުލްޙަ ޤާއިމްވުމުން ކޮލަމްބިއާގެ ރައީސް ޖުއާން މެނެއަލް ސަންޓޯސް ވަނީ އެކަން ވަރަށް ބޮޑަށް ފާހަގަކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.

"އަހަރެންގެ ހިތުގެ އަޑިން މިއަދު ބުނެވިދާނެ، އަހަރެންނާއި ހަވާލުކުރި މަސްއޫލިއްޔަތު އަދާކުރެއްވިއްޖެކަމަށް" ޤައުމަށް ސުލްޙަ ގެނައުމުގެ ވަޢުދާއެކު 2014 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ކޮލަމްބިއާގެ ރައީސް ޓީވީ މެދުވެރިކުރައްވާ ދެއްވި މެސެޖެއްގައި ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14721105669702.jpg|ކޮލަމްބިއާގެ ރައީސް ޖުއާން މެނުއަލް ސަންޓޯސް

ކިއުބާގައި ކުރިއަށްދިޔަ ވާހަކަތަކަށްފަހު ސުލްޙަ ޤާއިމްކުރުމަށް އެއްބަސްވުމުން ކޮލަމްބިއާގެ ވެރިރަށް ބޮގޯޓާގައި ވަނީ ރައްޔިތުން ނިކުމެ އުފާ ފާޅުކޮށްފައެވެ. އެގޮތުން އެތައްސަތޭކަ ބަޔަކު ބޮގޯޓާގެ މަގުތަކަށް ނިކުމެ އުފާފާޅުކުރިއެވެ. 

"އަހަރެން ވަރަށް އުފާވެއްޖެ. ހަނގުރާމަ ނިމުމަކަށް ގެންނަންވީ ވަގުތު ޖެހިއްޖެ. ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެއްކަން އެނގޭ، އެކަމަކު އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ މިކަން ކާމިޔާބުވާނެ" 28 އަހަރުގެ އެކައުންޓަންޓެއް ކަމަށްވާ މާގަރީޓާ ނިއެޓޯ ބުންޏެވެ. 

ސަރުކާރާ ހަނގުރާމަވެރިންނާ ދެމެދު ވެވުނު އެއްބަސްވުމުގައިވާ ގޮތުން، ހަނގުރާމަވެރިންނަށް ސިޔާސީ ކަންކަމުގައި މަސްޢޫލުވެވޭނެއެވެ. އަދި ހަނގުރާމައިގެ ދުވަސްވަރު ކޮށްފައިވާ ކުށްތަކަށް އަދަބެއްވެސް ނުލިބޭނެއެވެ. އަދި ވޯޓަކާ ނުލާ 2018 ވަނަ އަހަރާ ހަމައަށް ކޮލަމްބިއާގެ ޤާނޫނު ހަދާ މަޖިލީހުން ހަނގުރާާމަވެރިންނަށް ޖާގަ ދިނުމަށްވެސް ވަނީ ނިންމާފައެވެ. ނަމަވެސް އެއަށްފަހު ހަނގުރާމަވެރިންނަށް ޖެހޭނީ އިންތިޙާބުތަކުގައި ވާދަކޮށްގެން އިންތިޙާބުވާށެވެ.

img:http://s2.psmnews.mv/images/660x400/14721104880273.jpg|ހަނގުރާމަ ނިންމާލުމާ ގުޅިގެން ބޮގޯޓާގައި އުފާ ފާޅުކުރަނީ

އެއްބަސްވުން އެއްކޮށް ތައްޔާރުކުރުމަށްފަހު ކޮލަމްބިއާގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅާނީ މާދަމާއެވެ. ސުލްޙަ ޤާއިމްކުރުމުގެ އެއްބަސްވުމާ ގުޅޭގޮތުން އޮކްޓޯބަރު 2 ވަނަ ދުވަހު ފެންނަ ނުފެންނަ ވޯޓެއް ނަގާނެއެވެ. އަދި ރައްޔިތުންގެ ފުރިހަމަ ތާއީދު މިއެއްބަސްވުމަށް ލިބޭނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ހަނގުރާމަވެރިންގެ ފަރާތުން ވާހަކަތަކުގައި އިސްކޮށް ބައިވެރިވާ އިވާން މާކޭޒް ވިދާޅުވީ މިއީ ވަރަށް ފުރިހަމަ ކާމިޔާބީއެއްކަމަށެވެ. "ހަތިޔާރުން ކުރި ހަނގުރާމަ ނިމިއްޖެ. ދެން ފަށާނީ ތަރައްޤީގެ ހިޔާލުތަކުގެ ބަހުސް" މާކޭޒް ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/14721105207775.jpg|ފާކްގެ ފަރާތުން ވާހަކަތަކުގައި ބައިވެރިވާ އިވާން މާކޭޒް ( މެދުގައި )

ސުލްހައިގެ އެއްބަސްވުމަކާ ހަމައަށް ދެ ފަރާތުން އައިސްފައިވާއިރު، ޖޫންމަހު ވަނީ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައެވެ. ކޮލަމްބިއާގެ ހަނގުރާމަވެރިންނާއި ސަރުކާރާއި ދެމެދު ސުލްޙަ ޤާއިމްކުރުމުގެ އެއްބަސްވުމަކާ ހަމައަށް އާދެވުމުން، އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ކޮލަމްބިއާގެ ރައީސަށް މަރުޙަބާ ވިދާޅުވެފައެވެ. އިޖްތިމާޢީ އަދި އިޤްތިޞާދީ ތަފާތުކުރުންތަކާ ދެކޮޅަށް ރެވޮލިއުޝަނަރީ އާރމްޑް ފޯސަސް އޮފް ކޮލަމްބިއާ، ފާކް ޖަމާޢަތް ހަތިޔާރާއެކު ހަނގުރާމަކުރަން ފެށީ 1964 އަހަރުއެވެ. މައިގަނޑު ގޮތެއްގައި ފައިސާ ހޯދީ ޑްރަގް ވިޔަފާރިންނާއި މީހުން ރަހީނުކޮށްގެނެވެ. 1990ގެ އަހަރުތަކަށް އައިއިރު އެޖަމާއަތުގައި ސަތާރަ ހާހެއްހާ ހަނގުރާމަވެރިން ހަރަކާތްތެރިވިއެވެ. އެކަމަކު 2002 ވަނަ އަހަރު އެމެރިކާއާއި ގުޅިގެން ކޮލަމްބިއާއިން ދިން ޙަމަލާތަކެއްގައި ހަނގުރާމަވެރިންގެ އެތައް ބަޔަކު ވަނީ މަރުވެފައެވެ. އަދި މިހާރު އެޖަމާއަތުގައި ހަރަކާތްތެރިވަނީ ހަތް ހާހެއްހާ ހަނގުރާމަވެރިންކަމަށް ޙަބަރުތައް ބުނެއެވެ.