ޚަބަރު

މިއީ ދިވެހި ވިޔަފާރިވެރިން ޑޮމިނޭޓް ކުރަންވީ ވަގުތު، ތަނަވަސްކަން ޤައުމަށް


  • އަމިއްލަ 153 ކުންފުންޏަކާ ގިނަ އަދަދެއްގެ މަޝްރޫއުތައް ވަނީ ހަވާލުކޮށްފައި

  • މީގެ ސަބަބުން އިގްތިސާދު ކުރިއަރިގެން ދާނެ

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ދާއިރާގެ 5.5 އިންސައްތަ ހިއްސާ ކުރަނީ ކޮންސްޓްރަކްޝަން ދާއިރާ ނުވަތަ އިމާރާތް ކުރުމުގެ ދާއިރާއެވެ. އެ ދާއިރާގައި ދިވެހި އެތައް ކުންފުންޏެއް ހަރަކާތްތެރިވަމުން އަންނައިރު މި ނިމުނު ހަފުތާގައި އެ ދާއިރާގެ 153 ކުންފުންޏަކަށް ސަރުކާރުގެ 216 މަޝްރޫއެއް ހަވާލުކުރުމަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެ ފައިދާ ސީދާގޮތުން ލިބިގެންދާނީ ދިވެހިންނަށެވެ.

"ސަރުކާރުގެ މަޝްރޫއުތައް ކާމިޔާބުކުރުމުގައި ކޮންމެވެސް ގޮތަކުން ބޭރު ކުންފުނިތަކުން ޑޮމިނޭޓް ކުރާކުރުން ނިމުމަކަށް ގެނައުމުގައި ގިނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. ގަވާއިދުތަކާއި ޤާނޫނުތައް ގެންނަންޖެހޭ ބަދަލެއް ވިއްޔާ އެކަން އަޅުގަނޑުމެން ގެންނާނަން. އެވޯޑު ކުރުމުގައި ޕޮއިންޓް ދިނުމުގައި ގެންނަންޖެހޭ ބަދަލެއް ވިއްޔާ އެކަންވެސް ކުރާނަން. ދިވެހި މަސައްކަތްތެރިންނަށް، ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކަށް މިފަހިކަން އެބަޖެހޭ ދޭން،" މިއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ކުންފުނިތަކަށް އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ބަސްފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގައި ޚާއްސަކޮށް، ސަރުކާރުގެ މަޝްރޫއުތައް ކާމިޔާބު ކުރާ ގިނަ ކުންފުނިތަކަކީ ބޭރުގެ ކުންފުނިތަކަށްވެފައި އޮތުމުންނެވެ. ސްކޫލް ކްލާސްރޫމް ހެދުމާއި ސިއްޙީ މަރުކަޒުތައް ބިނާކުރުމާއި ހައުސިންގ ޔުނިޓުތައް އެޅުން ކަމަށްވިޔަސް ގިނަ މަޝްރޫއުތައް ކާމިޔާބު ކުރަމުން އައީ ބޭރުގެ ކުންފުނިތަކުންނެވެ. އެކަން ބަދަލުކޮށް ދިވެހި ކުންފުނިތަކަށް ފުރުސަތުތައް އިތުރުކޮށްދިނުމަކީ އެ ދާއިރާގައި މަސައްކަތްކުރާ ދިވެހި އަމިއްލަ ކުންފުނިތަކުން އެދެމުން އައި ކަމެކެވެ.

ބުރާސްފަތި ދުވަހު ބޭއްވި ހަފްލާގައި ފެނިގެންދިޔައީ ދިވެހި ކުންފުނިތަކުން އެދެމުން އައި ކަންކަމަށް ސަރުކާރުން އިޖާބަ ދެއްވި މަންޒަރެވެ. ތަރައްގީގެ 9 ދާއިރާއަކުން 206 މަޝްރޫއެއް އެކި ކުންފުނިތަކާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ތެރޭގައި އެ މަޝްރޫއުތައް މޮބިލައިޒްކޮށް މަސައްކަތްތައް ފަށާ ގޮތަށެވެ. މިއާއެކު މަޑުޖެހިފައި އޮތް އިމާރާތްކުރުމުގެ ދާއިރާ ކުރިއަރައި އުފެއްދުންތެރިކަން އިތުރުވެގެންދާނެއެވެ.

މީގެ ކުރިންވެސް ސަރުކާރުގެ މަޝްރޫއުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރެއެވެ. ނަމަވެސް ސަރުކާރުން ދޫކުރަންޖެހޭ ފައިސާ ނުލިބުމާއި ސަރުކާރުތަކުން ދޭންޖެހޭ އެއްބާރުލުން ދަށްވުމުގެ ސަބަބުން މަސައްކަތްތައް މަޑުޖެހި، ކުންފުނިތަކަށް ގެއްލުންވުމަކީވެސް އެ ކުންފުނިތަކުން ފާޅުކުރާ ކަންބޮޑުވުމެކެވެ. ނިމުނު ހަފުތާގައި ދިވެހި އަމިއްލަ ކުންފުނިތަކާ ހަވާލުކުރި ހުރިހާ މަޝްރޫއެއްވެސް ހަވާލުކޮށްފައިވަނީ އެ ކަންބޮޑުވުމަށް ރިއާޔަތްކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ވިދާޅުވެފައެވެ.

"އެއްވެސް ކަހަލަ ޕޭމަންޓުގެ ފައިސާ ލިބުމުގެ އެއްވެސް ތާށިކަމެއް ނާންނާނެ މަޝްރޫއުތަކެއްގައި ސޮއިކުރެވިގެން މިދިޔައީ. އާންމުކޮށް ސަރުކާރުގެ ތެރެއިން ފައިސާ ދޫކުރުމުގައި އެ ހުންނަ ދަތިތަކުގެ ތެރެއިން އެ އަންނަ ޑިލޭތައް އެއްވެސް ވަރަކަށް ނާންނާނެގޮތަކަށް މަސައްކަތްތައް އެއްބަސްވުމުގައި ވާގޮތަށް ކުންފުނިތަކުން ކުރަމުންގެންދާނެ،" ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރުމަށް ބޭއްވި ހަފްލާގައި ރައީސް ވިދާޅުވިއެވެ.

މީގެ ނަތީޖާއަކަށްވެގެންދާނީ މަޝްރޫއުތައް ނުހުއްޓި އިގްތިސާދު ކުރިއެރުމެވެ. ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާ ކުރިއަރައިގެންގޮސް، ދިވެހިންނަށް ސީދާގޮތުން އޭގެ މަންފާ ކުރުމެވެ.

ދިވެހި އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމެކެވެ. އަދި އެ ދާއިރާގެ އެކި ކަންކަމުގައި މަސައްކަތްކުރާ އަމިއްލަ ފަރާތްތަކާއި ކުދި ވިޔަފާރިތަކަށްވެސް މަޝްރޫއުގެ ތެރެއިން އެކި މަސައްކަތްތައް ހަވާލުކުރެވި އޭގެ ފައިދާ ކުރާނެ ކަމެކެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިފަދަ ގިނަ މަޝްރޫއުތައް އަމިއްލަ ފަރާތްތަކަށް ލިބިގެންދާނެ. އަޅުގަނޑުމެން ބޭނުންވަނީ އާންމު ފަރުދުން މުއްސަނދިކޮށްދޭން. އާންމު ފަރުދުންނަށް މިފަދަ މަޝްރޫއުތައް ލިބުމުން އެ މަޝްރޫއުގެ ތެރެއިން އަންނަ ޗެއިންގެ ތެރެއިން ލޮޖިސްޓިކް ޗެއިންގެ ތެރެއިން، މެޓީރިއަލް ޗެއިންގެ ތެރެއިން، މަސައްކަތްތަކުގެ ތަރުތީބުގެ ތެރެއިން މިހުރިހާ ދިމާލަކުން މި މަސައްކަތްތައް ފޭދިގެންދާއިރު އެތައް ބަޔަކަށް ފައިދާވާނެ،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ދިވެހި ކުންފުނިތަކާ މިފަދަ މަޝްރޫއުތައް ހަވާލުކުރުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށްވެސް އެކި ގޮތްގޮތުން ފައިދާ ކުރާނެއެވެ. އެގޮތުން، ބޭރުގެ ކުންފުނިތަކަށް ދޭ ފައިސާއަކީ ޤައުމުން ބޭރުވާ ފައިސާއަށްވާއިރު ދިވެހި ކުންފުނިތަކާ ހަވާލުކޮށްގެން ހިންގާ މަޝްރޫއުތަކަށް ހޭދަވާ ފައިސާ ދައުރުވާނީ ޤައުމުގެ އިގްތިސާދުގެ ތެރޭގައެވެ. ޤައުމުގެ އިގްތިސާދު ދާނީ ދުވަހަކަށްފަހު ދުވަހެއް ކުރިއަރަމުންނެވެ. މިއީވެސް އެކި ޤައުމުތަކުން އެ ޤައުމުގެ ތަރައްގީގެ ގިނަ މަޝްރޫއުތައް އެ ޤައުމެއްގެ އަމިއްލަ ކުންފުނިތަކާ ހަވާލުކުރާ މުހިންމު ސަބަބެކެވެ.

ރައީސުލްޖުމްހޫރިއްޔާ 2023ވަނަ އަހަރު ވިދާޅުވިގޮތަށް މިއަދު އިމާރާތްކުރުމުގެ ދާއިރާގައި ބޭރުގެ ކުންފުނިތަކުން "ޑޮމިނޭޓް ކުރުން" މިވަނީ ނިމުމަކަށް އައިސްފައެވެ.