ޚަބަރު

ނަޞްރުގެ ދުވަހުގެ މައުރަޒު މިފަހަރު ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރުގެ އުފަން ރަށުގައި


  • ތިނަދޫގައި މާދަމާ ހަަވީރު މިލިޓަރީ ޑިސްޕްލޭއާއި ޢާއިލީ ހަވީރެއް ވެސް ބާއްވާނެ

ނަޞްރުގެ ދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވާ "ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު" މިއަހަރު ތިނަދޫ ސިޓީގައި ހުޅުއްވައިފިއެވެ.

ތިނެއް ނޮވެންބަރުގެ ޢުދުވާނީ ހަމަލާގައި އެންމެ ފުރަތަމަ ޝަހީދުވި، ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރުގެ އުފަން ރަށް ކަމުގައިވާ ތިނަދޫގައި ބާއްވާ މި މައުރަޒު ހުޅުވައިދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

އާންމުކޮށް ހުޅުވާލައިގެން ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މި މަޢުރަޒު ޚާއްޞަކޮށްފައިވަނީ 1988 ނޮވެންބަރު 3ވަނަ ދުވަހުގެ ޢުދުވާނީ ހަމަލާގައި ޝަހީދުވެ ދިޔަ، ޝަހީދުންގެ ޒިކުރާއާއި ދިވެހިންނަށް ލިބުނު ނަޞްރާއި ކާމިޔާބީއަށެވެ.

މި މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް، 1988 ނޮވެންބަރު 3ވަނަ ދުވަހު ދިވެހިރާއްޖެއަށް ޢުދުވާނީ ހަމަލާތައް ފެށި ވަގުތުން ފެށިގެން ދިވެހިންނަށް ނަޞްރު ލިބުމާ ހަމައަށް ހިނގައިދިޔަ ކަންތައްތަކުގެ ވަގުތު ފީތާއެއް ނުވަތަ ޓައިމްލައިނެއް ގޮތަށް ސިފަވާނެގޮތަކަށް ފޮޓޯތަކާއި، ކުރެހުންތަކާއި، އަޑާއި މަންޒަރާއި، އަދި ލިޔުންތައް ވަނީ ހިމަނާފައެވެ. އަދި، ދިވެހި ސިފައިންނާއި ދިވެހިންވީ ޤުރުބާނީއާއި ދެއްކި ގަދަހިތްވަރު، މި މައުރަޒުން ތަޞައްވުރުކޮށްލެވޭނެކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިއަދު ފެށި މި މައުރަޒު ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މާދަމާގެ ނިޔަލަށެވެ. މި މި މައުރަޒު މާދަމާ ހުޅުވިފައި ހުންނާނީ ހެނދުނު 9:00އިން 12:00އަށް، މެންދުރުފަހު 14:00އިން 18:00އަށް، އަދި ރޭގަނޑު 20:00އިން 22:00 އަށެވެ.

މި މައުރަޒު ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު، ސައުދުﷲ ޙިލްމީއާއި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު ޢަލީއާއި، ސިފައިންގެ އިސްބައެއް ވެރިންގެ އިތުރުން ނޮވެންބަރު ތިނެއްގެ ހާދިސާގައި ސިފައިންގެއިން ބޭރަށް ނިކުތުމަށް ދިޔަ 11 މީހުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޢަބްދުﷲ ނަސީމް (ތިނަދޫ ނަސީމް) ބައިވެރިވެލެއްވިއެވެ.

ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ސިފައިންގެ މަޢުރަޒުގެ އިތުރުން، ނޮވެންބަރު 8ވަނަ ދުވަހުގެ ހަަވީރު 16:00ގައި، ތިނަދޫ ސިޓީ ސްޓޭޑިއަމުގައި އެމްއެންޑީއެފް މިލިޓަރީ ޑިސްޕްލޭއާއި ޢާއިލީ ހަވީރެއް ވެސް ބާއްވާނެކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއްވިއެވެ.

ނަސްރުގެ ދުވަހާއި ގުޅިގެން ކުރިއަށްގެންދާ ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒާއި އެނޫންވެސް ހަރަކާތްތަކަކީ، ޝަހީދުންނަށް ޓަކައި ދިވެހީންގެ ހިތްތަކުގައި އޮންނަ ގައުމީ ފަޚުރާއި، މުޖުތަމައުގެ އެއްބައިވަންތަކަމުގެ ރޫހު އާލާކުރުމުގެ އިތުރުން، ޤައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމުގައި ޝަހީދުން ވެދެއްވި ގުރުބާނީތަކުގެ ހަނދާނާއި ޒިކުރާ އާކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ހަރަކާތްތަކެވެެ.