މިހާރު ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އަންހެން ޓޭބަލް ޓެނިސް ޓީމު އިވެންޓުގެ ދެވަނަ މެޗުގައި މުބާރާތް ބާއްވާ ގައުމު ސައުދީ އަރަބިއްޔާގެ މައްޗަށް ދިވެހިރާއްޖޭއިން ފަސޭހަ މޮޅެއް ހޯދައިފިއެވެ. އަންހެން ޓޭބަލް ޓެނިސް ޓީމު އިވެންޓުގައި ސައުދީގެ މައްޗަށް ރާއްޖެއިން ކުރިހޯދީ 3 ގޭމު 1 ގޭމުންނެވެ.
ސަޢުދީ ޢަރަބިއްޔާގެ ރިޔާޛުގައި ކުރިއަށްދާ މުބާރާތުގައި އަންހެން ޓޭބަލް ޓެނިސް ޓީމު އިވެންޓު ފުރަތަމަ ޑަބަލްސް މެޗުގައި ކުޅުނީ ދިމާ އާއި ރަފާގެ ޕެއާއިންނެވެ. ދިމާ އާއި ރަފާގެ ޕެއަރއިންވަނީ ތިން ސެޓު ކާމިޔާބުކޮށް މި ގޭމު ހޯދާފައިއެވެ. އެއީ 11-7، 11-7 އަދި 11-2 އިންނެވެ.
މި މެޗުގެ ދެވަނަ ގޭމުގައި ސިންގަލްސްގައި ނިކުތީ އައިޝަތު އަލްސާ ނާފިޒެވެ. މިގޭމުގައި ސައުދީ ޓީމުން ނިކުތީ ވަރަށް ބޮޑަށް ކުޅުން ރަގަނޅުކޮށްގެންނެވެ. ސައުދީއިން ސެޓުތައް ކާމިޔާބުކުރީ 11-4، 11-8 އަދި 11-8 އިންނެވެ.
ޓީމު އިވެންޓުގެ ތިންވަނަ ސިންގަލްސްގައި ސައުދީއާ ދެކޮޅަށް ރާއްޖެއިން ނިކުތީ ފާތިމަތު ދީމާ އަލީއެވެ. މި ގޭމުގައި ސައުދީ ޓީމުގެ ކުޅުންތެރިޔާ ރަނގަޅު ކުޅުމެއް ދެއްކިއިރު، ދީމާގެ މޮޅު ކުޅުމާއެކު މި ގޭމުގެ ސެޓުތައް ދީމާ ކާމިޔާބުކުރީ 11-2، 11-3 އަދި 11-4 އިންނެވެ.
ޓީމު އިވެންޓުގެ ތިންވަނަ ސިންގަލްސްގައި ސައުދީއާ ދެކޮޅަށް ރާއްޖެއިން ނިކުތީ އައިޝަތު ރަފާ ނާޒިމެވެ. މި ގޭމުގައި ސައުދީ ޓީމުގެ ކުޅުންތެރިޔާ ރަނގަޅު ކުޅުމެއް ދެއްކިއިރު، ރަފާގެ މޮޅު ކުޅުމާއެކު މި ގޭމުގެ ސެޓުތައް ރަފާ ކާމިޔާބުކުރީ 11-8 އަދި 11-7 އިންނެވެ.