ޚަބަރު

ހަނިމާދޫ އެއަރޕޯޓު ވެގެންދާނީ ބޮޑުތިލަދުންމަތީ ތަރައްޤީގެ ދޮރާއްޓަށް: ރައީސް


އަލަށް ހުޅުވުނު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ވެގެންދާނީ ހދ. އަތޮޅާއި މުޅި އުތުރުގެ ތަރައްގީގެ ދޮރާއްޓަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެއަރޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ހަނިމާދޫއަށް ކުރެއްވި ޒިޔާރަތުގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތާ ގުޅޭގޮތުން ރައްޔިތުން ސުވާލު އުފެއްދި ކަމަށެވެ. އެ ދުވަހު ރައްޔިތުންނަށް ވަޢުދުވެވަޑައިގެންނެވި ގޮތަށް މަޝްރޫއުގެ މަސައްކަތް ހަލުވިކޮށް ކުރު މުއްދަތެއްގައި %70 މަސައްކަތް މި ސަރުކާރުން ނިންމާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަނިމާދޫ އެރއަރޕޯޓަކީ ހަމައެކަނި ބިނާއެއް ނޫންކަމަށާއި މިއީ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި އުތުރުގެ އަތޮޅުތައް ތަރައްގީކުރުމަށް އެންމެ މުހިންމު ވަސީލަތް ކަމަށެވެ. އަދި އެއަރޕޯޓާއެކު އުތުރުގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ ހުރިހާ ދާއިރާއަކުންނާއި އިޖުތިމާޢީ ގޮތުންވެސް ތަރައްގީއާއި ކުރިއެރުން ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ދޮރާއްޓަކީ ރާއްޖޭގެ ތަރައްގީ ދެމެހެއްޓެނިވި ގޮތެއްގައި އަދި ހަލުވި މިނުގައި ހާސިލްކުރުމަށް ވަރަށް މުހިންމު ވަސީލަތެއް. މި ރަށާއި މި އަތޮޅާއި ބޮޑު ތިލަދުންމަތީގެ ހުރިހާ ރައްޔިތުންނަށް މި ލިބިގެންދާ ފުރުސަތު އަޅުގަނޑު އެދެނީ ވަރަށް ފުޅާ މިނުގައި އަޅުގަނޑުމެން ބަލައިގަނެ، އޭގެ ބޭނުން ހިފަން ފަށަން"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އުތުރުގައި ފަތުރުވެރިކަން ކުރިއަރުވަން ދިވެހި އަދި ބޭރުގެ އިންވެސްޓަރުންނަށްވެސް ސަރުކާރުން ފަހި ފުރުސަތުތައް ހޯދައިދެއްވާނެ ކަމަށެވެ.

"އަޅުގަނޑު އެދެން އެންމެ ފުޅާ މިނުގައި ރާއްޖޭގެ ކުދި، ބޮޑު، މެދުފަންތީގެ ހުރިހާ ވިޔަފާރިވެރިން މި ސަރަހައްދަން ވަޑައިގަންނަވަން. މި ސަރަހައްދުގައި އިންވެސްޓް ކުރައްވަން. މި އޮޕަޯޗުނިޓީގެ ބޭނުން ހިއްޕަވަން. މިއީ ވަރަށް ބޮޑު ރަނުގެ ފުރުސަތެއް. ހުރިހާ ދާއިރާއަކުންވެސް. ސަރުކާރުން މިއޮތީ ތައްޔާރަށް ހުރިހާ ގޮތަކުން އަޅުގަނޑުމެންނަށް ކަންކަން ފަހިކޮށްދެވޭނެ ހުރިހާކަމެއް ކޮށްދޭން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އައު އެއަރޕޯޓާއެކު ހަނިމާދޫއަށްވެސް އެކި ގޮތްގޮތުން ތަރައްގީ އަންނާނެ ކަމަށެވެ. އަދި މި އެއަރޕޯޓާއެކު ރާއްޖޭގެ އުތުރުގެ އަތޮޅުތައް ދުނިޔެއާ ގުޅުވައިދީ ޤައުމާއި ރައްޔިތުންނަށް ކުރިއެރުން ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިއާގެ ގުޅުމަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހަނިމާދޫ އެއަރޕޯޓަކީ ދެ ޤައުމުގެ ގާތް ގުޅުން ރަމްޒުކޮށްދޭ ބިނާއެއް ކަމަށެވެ.