ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަން ބޯޑުގެ އެގްޒެކެޓިވް ކޮމިޓީއަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އައްޔަންކުރައްވައިފިއެވެ.
މި މަޤާމަށް ދިވެހިރާއްޖޭގެ ތަޢުލީމީ ވަޒީރު އައްޔަންކުރެވިގެން ދިއުމަކީ ތަޢުލީމީ ސިޔާސަތުތަކާ ގުޅޭ ބައިނަލްއަޤްވާމީ މަޝްވަރާތަކުގައި ދިވެހިރާއްޖޭގެ ދައުރު ފުޅާވަމުންދާކަމުގެ ހެއްކެކެއްކަމަށް ތައުލީމީ ވުޒާރާއިން ވިދާޅުވިއެވެ. އަދި މިއީ ދިވެހިރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެކެވެ. މިކަމުން ދައްކުވައިދެނީ ތަޢުލީމީ ދާއިރާގެ ސިޔާސަތުތައް އެކުލަވާލުމުގައި ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުގެ އިސްނެންގެވުމާއި، ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އިތުރުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ 4 ވަނަ ލަނޑުދަނޑި – ހަމަހަމަ، ޝާމިލު އަދި ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދިނުން - ހާސިލުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ޖީ.ޕީ.އީ ބޯޑުގެ އެގްޒެކެޓިވް މެންބަރެއްގެ ހައިސިއްޔަތުން، ޖީ.ޕީ.އީގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ގްލޯބަލް އެޑިޔުކޭޝަން އިނިޝިއޭޓިވްތައް ރަނގަޅަށް ކުރިއަށްދޭތޯ ކަށަވަރުކުރުމުގައި ވަޒީރު ޝަފީޢު މުހިންމު ދައުރެއް އަދާކުރައްވާނެއެވެ. މީގެ އިތުރުން ޖީ.ޕީ.އީގެ އޭޝިއާ އަދި ޕެސިފިކް ސަރަޙައްދު ތަމްސީލުކުރައްވާ ބޯޑު މެންބަރުގެ ހައިސިއްޔަތުން، މި ސަރަޙައްދުގެ ޤައުމުތަކުގައި ހަމަހަމަކަމާއެކު، ޝާމިލުވެއްޓެއްގައި، ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދިނުމަށް ވަކާލާތު ކުރައްވާނެކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.
ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) އަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް ހިލޭ އެހީ ދޭ ބައިނަލްއަޤްވާމީ އެންމެ ބޮޑު އެއް ފަންޑެވެ. ޖީ.ޕީ.އީ އިން ވަނީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން ޖީ.ޕީ.އީގެ ތަފާތު 3 ގްރާންޓްގެ އެހީއާއެކު ތައުލީމީ ނިޒާމަށް އިންގިލާބީ ހެޔޮ ބަދަލެއް ގެނައުމަށްޓަކައި "ތައިބަ" ގެ ނަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޙާއްސަ ޕްރޮޖެކްޓެއް ގާއިމުކުރެވި، އޭގެ މަސައްކަތް ކުރިއަށްދެއެވެ. މި ޕްރޮޖެކްޓަކީ ދިވެހިރާއްޖޭގެ ތައުލީމަށް، ނިޒާމީގޮތެއްގައި، ހެޔޮ ބަދަލުތަކެއް ގެނެއުމާއެކު، ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ ހަރުދަނާ، ޝާމިލު، ވިލުންވެރި ނިޒާމަކަށް ހެދުމަށްޓަކައި އެކުލަވާލި ޕްރޮޖެކްޓެކެވެ.