ޚަބަރު

އެސްއީޒެޑު ޤާނޫނަށް ގެނައި އިސްލާޙުގެ ބިލު ތަސްދީޤުކުރައްވައިފި


  • މިބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިމަހުގެ 5ގައި

  • މިބިލުގައި އިންވެސްޓަރުންގެ ޝަރުތުތަކާއި އިނާޔަތްތައް ތަފްޞީލުކޮށް ބަޔާންކޮށްފައިވޭ

ބޭރުގެ އިންވެސްޓަރުން ޝައުޤުވެރިކުރުވަން ބޮޑެތި ލުއިތަކާއިއެކު އިޤުތިޞާދީ މަސައްކަތްތައް ކުރުމަށް ވަކި ސަރަޙައްދެއް ދޫކުރާ ގޮތަށް ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް ހުށަހެޅި އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިމަހުގެ 5 ވީ ބުދަ ދުވަހު ބޭއްވެވި ޖަލްސާގައެވެ.

މި ބިލު ހުށައެޅީ ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯން ކަނޑައެޅުމަށް މަގުފަހިކުރުމަށް ޓަކައި، އެ ޒޯނާގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާންކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމެވެ.

އެގޮތުން ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްޤީކުރުމުގެ ޚާއްޞަ ޝަރުޠުތަކުގެ ތެރޭގައި، ޒޯނުގައި ކުރާ އިންވެސްޓްމަންޓަކީ 500,000,000 (ފަސްސަތޭކަ މިލިޔަން) އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން ޢަދަދެއްގެ އިންވެސްޓްމަންޓަކަށް ވާންޖެހޭކަމަށް ބިލަށް ގެނެވުނު އިޞްލާޙްގައި ހިމެނެއެވެ. އަދި ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ޚިދުމަތްތައް ހިމެނޭހެން ތަރައްޤީކުރެވޭ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ޒޯނުގައި ގާއިމުކުރުން ނުވަތަ ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ޚިދުމަތްތަކާއި ލަގްޒަރީ ރެސިޑެންޝަލް ފެސިލިޓީތައް ހިމެނޭހެން ތަރައްޤީކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓެއް ޒޯނުގައި ގާއިމުކުރުން ހިމެނެއެވެ.

މީގެއިތުރުން، މިފަދަ ޒޯނުގައި ހަކަތަ އުފެއްދުމަށާއި ކުނި މެނޭޖްކުރުމަށް ގާއިމުކުރެވޭ އިންފްރާސްޓްރަކްޗަރއާއި ވަސީލަތްތަކަކީ ސެލްފް-ސަފިޝެންޓް އިންފްރާސްޓްރަކްޗަރ އަދި ވަސީލަތްތަކެއް ކަމުގައިވުމާއެކު، ޒޯން ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން %60 (ފަސްދޮޅަސް އިންސައްތަ) އަކީ އިޢާދަކުރަނިވި ހަކަތައަށް ވާންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެފަދަ ޒޯނެއްގައި ޑިވެލޮޕަރަށް ނުވަތަ އެފަދަ ޒޯނެއްގެ އިންވެސްޓަރުންނަށް ލިބިދެވޭ ޚާއްޞަ ޢިނާޔަތްތައް މި ބިލުގައި ވަނީ ހިމަނާފައެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއެކު މި ބިލު ޤާނޫނަކަށްވެ މިހާރު ވަނީ ޢަމަލުކުރަން ފަށައިފައެވެ.