ވިޔަފާރީ އުސޫލުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އާލާކުރި މޫދު ވިނަ، ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުމަށް ތައްޔާރުވެއްޖެއެވެ.
މޫދު ވިނަ އާލާކުރުމުގެ މި މަޝްރޫޢު ފެށީ މިއަހަރުގެ އޭޕްރީލްމަހުގެ 20 ވަނަ ދުވަހު، ބ.ފެހެންދޫގައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ވިޔަފާރި އުސޫލުން މޫދު ވިނަ އާލާކުރުމުގެ މަޝްރޫއު ފެށީ ފްލޯޓިންގ އޭކާސް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނިން ފެށި މަޝްރޫއުގެ ދަށުން އާލާކުރި މޫދު ވިނައިގެ ފުރަތަމަ ސްޓޮކް ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއިބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ މޫދު ވިނަ އާލާކުރުމުގެ މަޝްރޫއުގެ ކާމިޔާބީ ފާހަގަކުރައްވާ، މަސައްކަތް ކުރިއަށް ގެންދިޔަ ކުންފުންޏަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުން ނަފާ ހޯދުމަށް ކުރާ މަސައްކަތުގައި ކުރިއަށް އޮތްތަނުގައިވެސް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވިޔަފާރި އުސޫލުން މޫދު ވިނަ އާލާކުރުމުގެ މި ކާމިޔާބު މަޝްރޫޢު، ވަޒީރު ޝިޔާމް ސިފަކުރެއްވީ އިގްތިސާދު ސިންދަފާތުކޮށް، ނޫ އިގްތިސާދު ކުރިއެރުވުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށްވަމުން އަންނަކަން ދައްކައިދޭ ކާމިޔާބީއެއްގެ ގޮތުގައެވެ.
ފްލޯޓިންގ އޭކާސްއިން މޫދުވިނަ އާލާކުރުމާ ގުޅޭގޮތުން ދިރާސާކުރުމަށްފަހު އެކަމުގެ ހުއްދަ އެދުމުން މީގެކުރީން އޮތީ އެ ހުއްދަ ނުދީއެވެ. އެ ކުންފުންޏަށް ވިޔަފާރި އުސޫލުން މޫދު ވިނަ އާލާކުރުމުގެ ހުއްދަ ދިނީ މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ކަނޑައަޅާފައިވާ މެރިކަލްޗަރ ފަހި ސިޔާސަތުގެ ދަށުންނެވެ.
މި ބާވަތުގެ މޫދުވިނަ ރާއްޖޭގައި އާލާކުރެވިދާނެތޯ ބެލުމަށް އަޖުމަ ބެލުމުގެ މަޝްރޫޢެއް މީގެ ކުރިން ވަނީ ހިންގާފައެވެ. އެ މަޝްރޫޢު ނިމުމުން ޝާއިޢުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ މޫދުވިނަ އާލާކުރުމުގެ މަސައްކަތަކީ ދިވެހިރާއްޖޭގައި ކުރެވިދާނެ މަސައްކަތެއް ކަމަށެވެ. ނަމަވެސް މިހާތަނަށް ނިމިދިޔަ އެއްވެސް ސަރުކާރަކުން މޫދުވިނަ އާލާކުރުމުގެ މަސައްކަތަކަށް ހުއްދަ ދީފައެއް ނުވެއެވެ..
އޭޝިއާގެ ޤައުމުތަކުގައި މޫދުވިނައިގެ ވިޔަފާރި މީގެ 50 އަހަރު ކުރިން ފަށާފައިވާއިރު، މިއަދު ދުނިޔޭގައި ކަލްޗަރކުރާ މޫދުވިނައިގެ 98 އިންސައްތަ ކަލްޗަރކުރަނީ މައިގަނޑުގޮތެއްގައި އޭޝިއާގެ ޤައުމުތައް ކަމުގައިވާ ޗައިނާ، އިންޑޮނޭޝިއާ، ސައުތު ކޮރެއާ އަދި ފިލިޕީންސްގައެވެ. އެގޮތުން 2023 ވަނަ އަހަރު ދުނިޔޭގެ މޫދުވިނައިގެ މާރކެޓް ވެލިއު 17.14 ބިލިއަން ޑޮލަރުގައި ހުރިއިރު 2032 ވަނަ އަހަރަށް އަންނައިރު މި އަދަދު 2 ގުނަ ވާނެކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
ދިވެހިރާއްޖެއަކީ 99 އިންސައްތަ ކަނޑު ހިއްސާކުރާ ޤައުމަކަށްވީ ހިނދު މެރިކަލްޗަރ އާއި ގުޅުންހުރި މިފަދަ މަސްރޫއުތަކުން އައު ވަޒީފާގެ ފުރުޞަތުތައް ހުޅުވި، ޤައުމުގެ އެކްސްޕޯޓް އާމްދަނީ އިތުރުވެ، މަސްވެރިކަމާއި ގުޅުންހުރި ދާއިރާތަކަށްވެސް ކުރިއެރުން ލިބިގެންދާނެކަމަށެވެ.