ޚަބަރު

ފަރޓިލިޓީ ކެއަރ ޓްރަސްޓް ފަންޑުން އައިވީއެފް ފަރުވާއަށް މިހާތަނަށް 7.13 މިލިޔަން ރުފިޔާ


  • މިހާތަނަށް 93 ފަރާތަކަށް ފަރުވާގެ އެހީ ފޯރުކޮށްދީފައިވޭ

  • މިދިޔަ އަހަރު މިފަންޑުން އައިވީއެފް ފަރުވާއަށް 4.78 މިލިޔަން ރުފިޔާ ދޫކުރި

ފަރޓިލިޓީ ކެއަރ ޓްރަސްޓް ފަންޑުން އައިވީއެފްގެ ފަރުވާއަށް، އޮކްޓޫބަރުގެ ނިޔަލަށް 7.13 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުން ފަރޓިލިޓީ ކެއަރ ޓްރަސްޓް ފަންޑުން އައިވީއެފްގެ ފަރުވާއަށް މިދިޔަ އަހަރު އެކަނިވެސް 4.78 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެެވެ. އަދި މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޖުމުލަ 93 ފަރާތެއްގެ ފަރުވާއަށް 7.13 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި އޭގެތެރެއިން 23 ފަރާތެއްގެ އައިވީއެފް ފަރުވާ ކާމިޔާބުވެފައިވާކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާއެއް ކަމަށްވާ، އައި.ވީ.އެފްއަށް ދައުލަތުގެ އެހީ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ މާރިޗުމަހުގެ ތެރޭގައެވެ.

ދަރިމައިވުމަށް ބޭނުންވާ އައިވީއެފް ފަރުވާ އާސަންދައިން ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.