މައުމޫން ފައުންޑޭޝަންގެ ފަރާތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރަކަށް ސްކޮލަރޝިޕެއް ދީފިއެވެ. ސްކޮލަރޝިޕްގައި ކިޔެވުމުގެ ފުރުސަތު ލިބިފައިވަނީ ހައްވާ ރުހުޝާނާއަށެވެ.
ސްކޮލަރޝިޕް ލިބުނު ދަރިވަރަށް ލިޔުން ހަވާލުކުރުމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައިޔޫއެމްގައި ބޭއްވި ހަފްލާގައި އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވީ މައުމޫން ފައުންޑޭޝަންއަކީ އެ ޔުނިވަރސިޓީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފައުންޑޭޝަނެއް ކަމަށެވެ.
މި ސްކޮލަރޝިޕްގެ ދަށުން ދަރިވަރަށް ގިނަ އެހީތަކެއް ލިބިގެންދާކަން ފާހަގަކުރައްވާ ޒާހިރު ވިދާޅުވީ ދަރިވަރަށް ޓިއުޝަން ފީގެ ކަންކަން ހަމަޖެހި، އެލަވަންސްއަކާ ކޮންފަރެންސްތަކުގައި ބައިވެރިވުމަށް ފައިސާގެ އިނާޔަތްތައް ސްކޮލަރޝިޕްގެ ދަށުން ހަމަޖެހިގެންދާނެ ކަމަށެވެ.
"ސްކޮލަރޝިޕް ދެނީ ވަރަށް ގިނަ ކަންތައްތަކަށް ބެލުމަށް ފަހު، މި އިޢުލާނާ ގުޅިގެން 14 އެޕްލިކޭޝަނެއް ލިބުނު، ވަރަށް އިންސާފްވެރިކަމާއެކު ޔުނިވަރސިޓީގެ ކެމެޓީގެ ފަރާތުން ބައްލަވާފައިވޭ،" ޒާހިރު ވިދާޅުވިއެވެ.
މި ހަފްލާގައި މައުމޫން ފައުންޑޭޝަންގެ ވައިސް ޗެއަރމަން އަޙްމަދު ފާރިސް މައުމޫން ވިދާޅުވީ އެ ފައުންޑޭޝަންގެ ފަރާތުން މިހާތަނަށް 30 އަށްވުރެ ގިނަ ދަރިވަރުންނަށް މަތީ ތަޢުލީމު ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާކަމަށެވެ.
"ދުވަސްތަކަކަށް މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު، މިހާރު އަލަށް މަތީ ތައުލީމުގެ ޕްރޮގްރާމެއްގެ ސްކޮލަރޝިޕް މި އެވޯޑުކުރެވުނީ، ސްކޮލަރޝިޕް ދިނުމުގެ ފުރުސަތުތައް މި ފެށުނީ، އިތުރު ފުރުސަތުތައްވެސް ފަހިކޮށްދިނުމަށް މަސައްކަތްކުރަމުން މިދަނީ"، ފާރިސް ވިދާޅުވިއެވެ.
ފާރިސް ވަނީ މީގެކުރިން މައުމޫން ފައުންޑޭޝަނުން ރާއްޖެއިން ބޭރުގައި ކިޔެވުމަށް ދަރިވަރުންނަށް ސްކޮލަރޝިޕްދީފައިވާ ކަން ފާހަގަކުރައްވާފައެވެ. ފައުންޑޭޝަންގެ އިތުރު މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފާރިސް ވިދާޅުވީ ފައުންޑޭޝަންގެ ފަރާތުން އިތުރު ފޮތްތަކެއް ނެރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
މައުމޫން ފައުންޑޭޝަން އުފައްދާފައިވަނީ 26 ޖެނުއަރީ 2010ގައެވެ. ކުރީގެ ރައީސް، ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމްގެ އިސްނަންގަވައިގެން އުފެއްދެވި މި ފައުންޑޭޝަންގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ޒުވާނުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ހޯދައި ދިނުން ހިމެނެއެވެ.