ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އަންހެން ހޭންޑްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ގިނީ އަތުން ބަލިވެއްޖެއެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖެހީ ރާއްޖެއިންނެވެ. ނަމަވެސް ގިނީން ވަނީ ފަހަތުން އަރައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. ކައުންޓަރ އެޓޭކުތަކުގައި ގިނީގެ ކުޅުންތެރިންގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެންދިޔައިރު، ރާއްޖެއަށް ބޯޅަ ގެއްލޭ ކޮންމެ ވަގުތެއް ކަހަލަ ގޮތަކަށް ރާއްޖޭގެ ގޯލަށް ނުރައްކާ ކުރަމުންދިޔައެވެ. ނަމަވެސް ރާއްޖޭގެ ގޯލް ބަލަހައްޓަމުންދިޔަ ޝަހުދާ މުޙައްމަދު ވަނީ ގިނީގެ ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.
ގިނީ ކުޅުންތެރިންގެ އިސްކޮޅާއި ހަށިގަނޑު ބޭނުންކޮށްގެން ކުޅެމުންގޮސް، ފުރަތަމަ ހާފުގެ ކުރީކޮޅުގައި އެ ޓީމުން ވަނީ 7 ލަނޑުގެ ލީޑެއް ނަގައި ހަމަޖެހިލާފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ކުޅުންތެރިންނަށް ލަނޑު ޖެހުމަށް އެންމެ ބޮޑު ހުރަހަކަށްވެފައިވަނީ ގިނީގެ ކުޅުންތެރިން ފިޒިކަލް ކުޅުމެވެ. މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއަށް އެންމެ ބޮޑަށް ދިމާވީ ގިނީގެ ކައުންޓަރ އެޓޭކުތައް ހުއްޓުވުމުގެ މައްސަލައެވެ. އަދި ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ރާއްޖޭގެ ޔަޝްފާ އާދަމްގެ ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަނީ ބާލަން ޖެހިފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރާއްޖެއިން ކުޅުން ރަނގަޅުކޮށް، ލަނޑު ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދިޔައެވެ. މެޗުގެ ފުރަތަމަ ހާފު ނިންމާލާފައިވަނީ ގިނީ ކުރީގައި އޮވެގެންނެވެ. އެއީ 30-5 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ދެވަނަ ހާފުވެސް ގިނީން ފެށީ ވަރަށް ވަރުގަދަކޮށެވެ. ރާއްޖެއިން ދެވަނަ ހާފު ފެށީ ފަހަތުގައި ފާތިމަތު ލީމް ހިމަނައިގެންނެވެ. އެއާއެކު ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި ރާއްޖެއިން ވަނީ ހާފުގެ ކުރީކޮޅުގައި 3 ލަނޑު ޖަހާފައެވެ. މި ހާފުގައި ލީޑު ހަނިކުރުމަށް އެސިސްޓަންޓް ކޯޗު ނައްފަ ދިޔައީ ބަދަލަތަކެއް ގެނެސް، ކުޅުން ވަރަށް ބޮޑަށް ރަގަނޅު ކުރުމަށް މަސައްކަތްކުރަމުންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ގިނީގެ ކުޅުންތެރިންގެ ފަރާތުން ގިނަ ފައުލްތަކެއް ފެނިގެންދިޔައެވެ. އެއާއެކު ރާއްޖެއަށް ޕެނަލްޓީތަކެއްވެސް ލިބިގެންދިޔައެވެ. ދެވަނަ ހާފުގައި ރާއްޖޭގެ ކުޅުމަށް ގެނައި ބަދަލުތަކާއެކު ރާއްޖޭގެ ކުޅުން އަވަސްވެގެންގޮސް، ގިނީގެ ގޯލަށް ނުރައްކާ ކުރިތަން ފެނިގެންދިޔައެވެ. ދެވަނަ ހާފުގައި ގިނީގެ ކުޅުންތެރިން ބޮޑަށް ކުޅެފައިވަނީ ފަހަތުގައި ތިބެގެންނެވެ. އަދި ލަނޑު ޖަހާފައިވަނީވެސް ކައުންޓަރ އެޓޭކުތަކުގައި އެ ޓީމަށް ލިބިގެންދިޔަ ފުރުސަތުތަކުގައެވެ.
މި ހާފުގައި ރާއްޖޭގެ ފާތިމަތު އަރުޝާގެ ކުޅުން ވަރަށް ބޮޑަށް ފާހަގަވެގެންދިޔައެވެ. ނަމަވެސް ފުރަތަމަ ހާފުގައި ގިނީން ނެގި ބޮޑު ލީޑާއެކު، އެ ލީޑު ހަނިކުރުމަށް ރާއްޖޭގެ ޓީމަށް ގިނަ އުނދަގޫތަކެއް ކުރިމަތިވިއެވެ. ދެވަނަ ހާފުގައި އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ ގިނީގެ ގިނަ ހަމަލާތައް ހުއްޓުވުމުގައި ރާއްޖެއިން ކާމިޔާބު ހޯދާފައިވުމެވެ. އެއާއެކު މެޗު ނިމިގެންދިޔައީ 52-16 ގެ ނަތީޖާއަކުން ގިނީ ކުރީގައި އޮވެގެންނެވެ.
މި މުބާރާތުގެ މެޗެއް މާދަމާވެސް ކުޅޭނެއެވެ. އެގޮތުން ރާއްޖޭގެ ފިރިހެން ޓީމު ނިކުންނާނީ ޔޫއޭއީއާ ދެކޮޅަށެވެ. މި މެޗު އޮންނާނީ ރާއްޖެ ގަޑިން މެންދުރުފަހު 2:00 ގައެވެ.