ތަރައްގީގެ މެގަޕްރޮޖެކްޓެއްގެ ދަށުން ތުރުކީ ވިލާތުން އަލަށް ބިނާކުރި އާދަޔާ ޚިލާފް ބޮޑު ސަސްޕެންޝަން ބްރިޖުގެ ދިގުމިނުގައި އެކެއްޕޮއިންޓް ހަތަރެއް ކިލޯމީޓަރު ހުރެއެވެ. އަދި ދެ ރޭލްވޭ ލައިންއާއި ވެހިކަލްތަކަށް 8 މަގު މިބްރިޖުގައި އެކުލެވިފައިވެއެވެ. 200 ބިލިއަން ޑޮލަރު ޚަރަދުކޮށްގެންހާދާފައިވާ މި ބްރިޖް ގެ ސަބަބުން ޔޫރަޕްގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ތުރުކީވިލާތުގެ އިސްތަންބުލްއަށް އާދަޔާ ޚިލާފް ތަރައްގީ އަންނާނެ ކަމަށް ތުރުކީ ގެ އޮފިޝަލުން ވިދާޅުވެއެވެ.
ބްރިޖް މަޝްރޫއުއަށް ފާޑުކިޔާފަރާތްތަކުން ބުނެފައިވަނީ މިމަޝްރޫޢުގެ ސަބަބުން ތިމާވެއްޓަށް ލިބުނު އިޔާދަނުކުރެވޭފަދަ ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. ސަރުކާރުން ބުނަނީ ބްރިޖް އެޅުމަށްޓަކާ ކެޑުނީ ތިންސަތޭކަ އަށްޑިހަހާސް ގަސް ކަމަށާ ނަމަވެސް 2.5 މިލިއަން ގަސް އިންދާފައިވާނެ ކަމަށެވެ. ބޮސްފޮރަސް ކަޑުއޮޅި ހުރަސްކޮށް ތުރުކީވިލާތުން ބިނާކުރި މިބްރިޖަކީ ޔޫރަޕާއި އޭޝިޔާ ގުޅުވައިދޭ ތިންވަނަ ބްރިޖެއެވެ.
img:http://s2.psmnews.mv/images/660x400/14722834774762.jpg|ބްރިޖު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ތުރުކީވިލާތުގެ ރައީސް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޒިންހުާ
އިސްތަންބުލްގެ މަގުތަކަށް އެވްރެޖްކޮށް ދުވާލަކު ހަސަތޭކަ ފަންސާހެއްހާ ކާރު އަލަށް ނެރޭކަމަށް ހިސާބުތަކުން ދައްކައެވެ. ތުރުކީގެ އާބާދީއަކީ އަށްޑިހަ މިލިއަން ކަމަށްވާއިރު އާބާދީގެ ފަސްބައި ކުޅައެއްބައި އުޅެނީ އިސްތަންބުލްގައެވެ. އިސްތަންބުލްއަކީ ދުނިޔޭގައިވެސް ތިންވަނައަށް އެންމެ ތޮއްޖެހިފައިވާ ސަރަހައްދު ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިފަދަ ބްރިޖެއްގެ ބޭނުމަކީ ތޮއްޖެހުން ކުޑަކޮށް ތަރައްގީއަށް މަގުފަހިކޮށްދިނުންކަމަށް ސަރުކާރުން ބުނެއެވެ.
img:http://s4.psmnews.mv/images/660x400/14722835129388.jpg|ބްރިޖު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޒިންހުއާ
ތުރުކީ ވިލާތަކީ ބިނާވެށި ތަރައްގީ ކުރުމަށް މުޅި ދުނިޔޭގައިވެސް އެންމެ ގިނައިން ޚަރަދުކުރާ އެއްގައުމެވެ. ވަރލްޑްބޭންކުގެ ހިސާބުތަކުން ދައްކާގޮތުގައި 2015 ވަނަ އަހަރު އެކަނިވެސް ތުރުކީވިލާތުން ބިނާވެށީގެ މަޝްރޫއުތަކަށް 45 ބިލިއަން ޑޮލަރު އިންވެސްޓް ކޮށްފައިވެއެވެ. މިއީ މުޅިދުނިޔޭގައި މިފަދަ ތަރައްގީގެ މަޝްރޫއުތަކަށް އިންވެސްޓް ކުރެވުނު މިންވަރުގެ ސާޅީސް އިންސަތަކަމަށް ކަމަށް ވަރލްޑް ބޭންކުން ބުނެއެވެ. ތުރުކީވިލާތުން މިހާރުގެންދަނީ ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓް ބިނާކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.