މިއަދުމި މުޖުތަމަޢުގެ ތެރޭގައި ހިނގާ ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމާއި އިސްލާމްކަމާއި އިޙްސާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި، ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުންކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުުޠުބާގެ މައުޟޫއަކީ "ތައުޙީދުގެ މަތީގައި ދަރީން ތަރުބިޔަތުކުރުން" މި މައުޟޫއެވެ.
ހުކުރު ޚުޠުބާގައިވަނީ ދަރިން ދަރުބިޔަތުކުރުމުގައި އިމާންކަމާއި އިސްލާމުކަމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލާފައެވެ. އެގޮތުން ނަބަވީ ޙަދީޘްފުޅުތަކުގެ ތެރެއިން ޙަދީޘު ޖިބުރީލުގެ ނަމުން މަޝްހޫރުވެފައިވާ ޙަދީޘްފުޅުގައި އިންސާނާއަށް، ޢަޤީދާގެ ގޮތުންނާއި ޢަމަލީ ގޮތުން ބޭނުންވާ މުހިންމު ކަންތައްތަކެއް، އެކުލެވިގެންވާކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. މި ޙަދީޘްފުޅުގައި އައިސްފައިވާ ކަންތައްތަކުގެ މުހިންމުކަމުން، އެ ޙަދީޘް ބަސްފުޅުގައިވާ ކަންތައްތައް އެންގެވުމަށް މާތް الله އިރާދަކުރެއްވި ގޮތަކީ، އިންސާނުންގެ ހިތުގައި އެ ވާހަކަތައް އެންމެ ފުރިހަމައަށް ބިންވަޅުނެގި، ދިގު މުއްދަތަކަށް އިންސާނާއަށް ދަސްވެ، ހިތުގައި ހަރުލައި ހުންނާނޭ ގޮތަށްކަމަށާއި އެހެންކަމުން މި ޙަދީޘްފުޅު ވެސް އައިސްފައި ވަނީ ޙާދިސާއެއްގެ ގޮތަށްކަމަށް ވިދާޅުވިއެވެ.
އެ ޙާދިސާގައި މާތް اللهއަށް އަޅުވެތިވުމަށް ޓަކައި އިންސާނާގެ ކިބައިގައި އެނގިދެނިވެފައި ހުންނާންޖެހޭ މުހިންމު ކަންތައްތަކަކަށް، މި ކަންތައްތައް ވާތީ، ގިނަ ދުވަހަށް ހިތުގައި ހަރުލައި ހުންނާނޭ ފަދައިން، މާތް الله މި ކަންތައްތައް އަންގަވައިދެއްވައިފައި ވާތީކަމަށެވެ.މި ފަދަ ޙާދިސާއަށް މި ޒަމާނުގެ ތަޢުލީމީ ދާއިރާގައި ކިޔައިއުޅެނީ "ރޯލް ޕްލޭ" އެވެ. އެއީ ދަސްކުރާން ޖެހޭ ފިލާވަޅު މުދައްރިސް ދެތިން ކުއްޖަކު ލައްވައި އެހެން ކުދީންގެ ކުރިމަތީގައި ތަމްސީލުކޮށްލުމެވެ. މި ގޮތަށް ފިލާވަޅު ގެންދިއުމުން ވަރަށް އަވަހަށް ފިލާވަޅު ދަސްވެ ގިނަ ދުވަހަށް ހިތުގައި ހަރުލައިފައި ހުންނާނެތީކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
އެހެންވީކަމުން ޖިބްރީލް ޢަލައިހިއްސަލާމް އިސްލާމް ދީނުގެ އަސާސްތަކާ މެދު ގެނެސްދެއްވި އެ ސުވާލުތަކަކީ ވަރަށް ވަރުގަދައަށް ކޮންމެ މުސްލިމެއްގެ ހިތުގައި ބިންވަޅުނެގިފައި ހުންނާންޖެހޭނޭ ކަންތައްތަކެއް ކަމަށް ވިދާޅުވިއެވެ. ނަމަވެސް ދެރަކަމަކީ މިއަދު މިކަންކަމުގެ މައްޗަށް ވަރަށްބޮޑަށް އަޅައިނުލެވި ފަރުވާކުޑަކުރެވިފައިވުމެވެ. އެދެވޭ ގޮތުގައި ހިތުގައި މި ކަންކަން ހަރުލެއްވިފައި ނުވާކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާގައި ވިދާޅުވީ މިއަދު މި މުޖުތަމަޢުގެ ތެރޭގައި ހިނގާ ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމާއި އިސްލާމްކަމާއި އިޙްސާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި، ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުންކަމަށެވެ.
"އަބަދާއި އަބަދު މާތް الله ބައްލަވައިވޮޑިގެންވާކަމާއި، އަދި އޭގެ އިތުރަށް ދެ މަލާއިކަތުން ތިމާގެ ގާތުގައި ތިމާގެ ޢަމަލުތަކާއި ބުނާ ބަސްތައް ލިއުއްވަން ތިއްބަވާނޭކަން، ކަށަވަރުކޮށްދެވިފައި ނުވާތީއެވެ. އެހެންކަމުން ޅަފަތުއްސުރެ މިކަންކަން ހިތުން ކެހިގެން ނުދާ ފަދަ ގޮތެއްގައި، ހަރުލެއްވިއްޖެ ނަމަ މީސްތަކުންގެ އުޅުންތަކާއި ގުޅުންތަކަށް ހެއު ބަދަލު އަންނާނޭކަން ކަށަވަރެވެ"، ހުޠުބާގައި ވިދާޅުވިއެވެ.
ހުޠުބާގައި ވިދާޅުވީ ޙަދީޘު ޖިބުރީލުގެ ނަމުން މަޝްހޫރުވެފައިވާ ޙަދީޘްފުޅުން މުދައްރިސް ގާތަށް ދަރިވަރު ދާއިރު އަދަބުވެރިވާންޖެހޭނެކަމަށާއި ސާފުތާހިރުކަންމަތީގައި އަދަބުވެރިކޮށް ހުންނާންޖެހޭނެކަން އެނގިގެންދާކަމަށެވެ. މުދައްރިސްގެ ކުރިމަތީގައި އިށީނުމުގެ އަދަބުވެރި ގޮތް ވެސް ފާހަގަކުރެވޭކަމަށާއި، ހަމަ އެ ފަދައިން ނޭނގޭ ކަމެއްގެ ސުވާލުކުރެވިއްޖެ ނަމަ ނޭނގޭ ވާހަކަ ބުނުމަކީ ވެސް މުދައްރިސްގެ ޤަދަރު އުނިވާނެކަމެއް ނޫންކަން ވެސް އެނގިގެންދާކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.