މިދިޔަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކޮރަޕްޝަނާއި ގުޅުވައިގެން ދެއްކެވި ވާހަކަފުޅު އޮޅޭގޮތަށް ބައެއް ފަރާތްތަކުން ދަނީ ވާހަކަދައްކަމުންނެވެ. އެގޮތުން ކޮރަޕްޝަންގެ ވަބާ ބޮޑީ ދަށު ފަންތިއާއި މެދު ފަންތީގެ މުވައްޒަފުންގެ ތެރޭގައި ކަމަށް ދޭހަވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދެއްކެވިކަމަށް ބައެއް ފަރާތްތަކުން ބުނާއިރު، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅަށް ބަލާލުން މުހިންމެވެ.
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ކޮރަޕްޝަންގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ފެއްޓެވީ އެމަނިކުފާނުގެ ވަޢުދަކާއި ގުޅުވައިގެންނެވެ. އެމަނިކުފާނު ވިދާޅުވީ އަދުލުވެރި ވެރިކަމެއް ކޮށްދޭނެކަމަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވިކަމަށާއި، ކޮރަޕްޝަންގެ ވަބާ ނައްތާނުލާ އަދުލުވެރިނުވެވޭނެކަމަށެވެ.
"ކުރުކޮށްވިޔަސް ދެތިން ކަމެއް ފާހަގަކޮށްލަން އަޅުގަނޑު ގަސްދުކުރަން މިއަދުގެ މި މުނާސަބަތާ ގުޅިގެން. އާދެ، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އަޅުގަނޑު ރިޔާސީ އިންތިޚާބުގައިވެސް ވަޢުދުވީ ފަދައިން، ޒިންމާދާރު، އަދުލުވެރި، އިންސާފުވެރި ވެރިކަމެއް ކުރަން. އަދުލުވެރިވެވޭނީ އޭގެ ފުރިހަމަ މާނައިގައި އެކަން ކުރަން އުޅުމުން. ސަރުކާރު ހިންގާ ނިޒާމަކީ، ކޮރަޕްޝަންގެ ވަބާގެ ތެރެއަށް އެ ގޮސްފައި އޮތްގޮތަށްދާން އަނެއްކާވެސް ދޫކޮށްލައިގެން ތިބޭކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ވިސްނުން ހުރެއްޖެނަމަ އެއީ، އަދުލުވެރި ވެރިކަމެއް ކުރެވޭނެގޮތެއް ނޫން." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއިން ކޮރަޕްޝަން ނައްތާލަންޖެހޭކަމަށާއި، ކޮރަޕްޝަން ނައްތާލުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް އެމަނިކުފާނުގެ ސަރުކާރުން ކުރާނެ ކަމަށެވެ. އަދި ހިންގުމުގެ ނިޒާމު ދެ ފުށް ފެންނަގޮތް ހަދައި، ޖަވާބުދާރީ ވެވޭވަރު އިތުރުކޮށް، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންކަން ނައްތާލާއި، ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ނިޒާމު ރަނގަޅުކުރަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ދަށް ފަންތިއާއި މެދު ފަންތީގައި ކޮރަޕްޝަން ހިނގާކަން ރައީސް ފާހަގަކުރެއްވީ އެކި މުޢައްސަސާތަކުން ޚިދުމަތް ހޯދާ ރައްޔިތުންނާއި ބައްދަލުވާ މުވައްޒަފުންގެ ފަރާތުން ބައެއް ފަހަރު ފެންނަ އަމަލުތަކާއި ގުޅިގެނެވެ. އެއްގޮތަކަށްވެސް މުޅި ދައުލަތުގެ ތެރޭގައި އެންމެ ކޮރަޕްޓީ މެދު ފަންތިއާއި ދަށް ފަންތީގެ މުވައްޒަފުންކަމަށް ވިދާޅުވުމުގެ ނިޔަތުގައި ނޫންކަން ރައީސްގެ ވާހަކަފުޅު އަޑުއަހާލުމުން އެނގިގެންދެއެވެ.
"ގިނަ ފަހަރު ކޮރަޕްޝަންގެ ޢަމަލު މި ހިންގެނީ، ނޫނީ ހިންގަނީ، އެކަން ކުރުމުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނަ ފަރާތްތަކަށް. އެންމެ ދަށު ލެވެލްގެ ވަޒީފާއިން ފެށިގެން މެދުފަންތިއާ ހަމައިގައި އާންމުކޮށް އެންމެ ގިނައިން. އަދި އެންމެ މަތީގައިވެސް ހިނގާ. އެހެންނަމަވެސް، މިސާލަކަށް ދަންނަވަންޏާ، ޚިދުމަތެއް ދިނުމަށް ރައްޔިތުންގޮސް ބައްދަލުކުރާ މީހާ، އޭނާގާތުން އެ ޚިދުމަތް ދިނުމުގައި، އޭގެތެރެއިން އަމިއްލަ ފައިދާއެއް ނެގެން ފުރުޞަތު އޮންނަ މީހާ އެކަން ކުރާވަރު، އަބަދުވެސް ގިނަ. މިސާލަކަށް ދަންނަވަންޏާ، ވަރކް ޕަރމިޓެއް އާކުރުން، ނޫނީވިއްޔާ ބޭރުމީހުންގެ އެކިކަހަލަ ވިސާގެ ކަންތައް ކުރުން. މި ހުރިހާ ކަމެއް، މިއީ މި ނިޒާމުގެ ތެރޭގައި ކޮރަޕްޝަން އިންތިހާއަށް މިހާތަނަށް އޮތް ކަންތައް" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު އަޑުއަހާލުމުން އެމަނިކުފާނު ވިދާޅުވާ ބަސްފުޅުގެ މާނަ ހާމަވެގެންދާއިރު، ބައެއް ފަރާތްތަކުން ދަނީ އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގެ އެއްބައި ނަގައިގެން، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް މަސައްކަތްކުރަމުންކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ހަޤީޤަތުގައި ރައީސް އެ ދެެއްކެވި ވާހަކަފުޅަކީ އާއްމު ގިނަ ރައްޔިތުންވެސް ދައްކާ ވާހަކަކަން ގިނަ ބަޔަކު ޤަބޫލުކުރާނެއެވެ.
އައިޑީ ކާޑެެއް، ޕާސްޕޯޓް ނުވަތަ ސަރުކާރުން ހޯދަންޖެހޭ އެހެން ޚިދުމަތްތައްވެސް "ދަންނަ މީހަކަށް" ނުވަތަ "ގާތް މީހަކަށް" ގުޅައިގެން، އެކަމެއް އަވަހަށް ކުރުމަށް ބައެއް މީހުން މަސައްކަތްކުރާކަން މިއީ ގިނަ ބަޔަކު އަބަދުވެސް ދައްކާ ވާހަކަތަކެވެ. އަދި މިކަންކަން ކޮށްދިނުމުގައި އާއްމުކޮށް އުޅެނީ ކޮން ފަންތިތަކެއްގެ މުވައްޒަފުންތަކެއްތޯ މިއީވެސް ގިނަ ބަޔަކު ދަންނަ ކަންކަމެވެ.
ރައީސް ވިދާޅުވީ މިފަދަ ކަންކަން ނިމުމަކަށް ގެނެސް، ކޮރަޕްޝަނާއި ދެކޮޅަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ސަރުކާރުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން އެންމެ މުހިންމު، އެންމެ ބޮޑު މަސައްކަތެއްގެ ގޮތުން ކުރިއަށްގެންދާނީ ޑިޖިޓަލައިޒޭޝަން މޯލްޑިވްސް 2.0ގެ މަސައްކަތްކަމަށެވެ.
"އަޅުގަނޑުމެން މިވަނީ، އިމިގްރޭޝަން ސަރވިސް އެކީގައި ޑިޖިޓަލައިޒް ކޮށްފައި. ހިއުމަން އިންޓަރވެންޝަން ގާތްގަނޑަކަށް ހުއްޓާލެވިފައި. މާނައަކީ، އަމިއްލައަށް ރައްޔިތަކު މީހެއް ކައިރީގައި ބުނެގެން، އާދޭސްކޮށްގެން، ދެން އެކަމުގައި ކޮރަޕްޝަން ހިންގަން ފުރުޞަތު ނޯންނާނެ ގޮތަށް، އޮޓޯ ސިސްޓަމަކުން ޑިޖިޓަލައިޒްކޮށް، ހުރިހާ ކަމަކަށް އެޕްލައި ކުރެވި، އެކަން ކުރިއަށްދާ ގޮތް ބެލި، އޭގެ ޖަވާބު ލިބި، އެއީ ޕާސްޕޯޓް ކަމުގައިވިޔަސް، ވިސާ ކަމުގައިވިޔަސް، މި ހުރިހާ ކަމެއްގައިވެސް މި ހުންނަ ލޭޔަރުތައް، އޭގެތެރޭގައި ނުފޫޒު ފޯރުވުމުގެ ފުރުޞަތުތައް ނައްތާލެވޭނެ ގޮތް ގާއިމުކޮށްފައި." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މޯލްޑިވްސް 2.0 ވެގެންދާނީ، ގަވަރނަންސް ނިޒާމުން، ސަރުކާރުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލުމަށް މި ސަރުކާރުން ކުރާނެ އެންމެ ބޮޑު މަސައްކަތްކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އެ މަސައްކަތަށް ބޮޑު އަދަދެއް ހިމަނާފައިވާކަމަށާއި، ސަރުކާރުން ބޭނުންވަނީ، ރައްޔިތުންނަށްދޭ ޚިދުމަތް އެއީ، އެންމެ އަވަސްކޮށް ދެވޭ، އެންމެ އެފިޝަންޓްކޮށް ދެވޭ، އޭގައި ކޮރަޕްޝަން ނެތް ޚިދުމަތްތަކަށް ހަދަންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޑިޖިޓަލައިޒޭޝަންގެ މަސައްކަތް ސަރުކާރުން ފައްޓަވާފައިވާއިރު، އެކަމުގައި ސަރުކާރުން ނަމޫނާ ބަލަނީ ޑިޖިޓަލައިޒޭޝަންގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެސްޓޯނިއާއަށެވެ. އެސްޓޯނިއާއަށް ވަޑައިގެން އެ ޤައުމުގެ ކަންކަން ޑިޖިޓަލައިޒޭޝަންއާއެކު ކުރިއަރާފައިވާ މިންވަރު ރައީސުލްޖުމްހޫރިއްޔާ ވަނީ އަމިއްލަފުޅަށް ތަޖުރިބާކުރައްވާފައެވެ.
އެސްޓޯނިއާގެ މޮޑެލްއަށް ރާއްޖޭގައި ޑިޖިޓަލައިޒޭޝަން މަޝްރޫޢު ކުރިއަށް ގެންދަވާއިރު، އެ ޤައުމަކީ ދުނިޔޭގައިވެސް ކޮރަޕްޝަން އެންމެ ކުޑަ ޤައުމެވެ. އަދި ޑިޖިޓަލައިޒޭޝަންއާއެކު މައުލޫމާތު ހާމަކުރުމަށް ދޮރުތައް ހުޅުވޭއިރު، އެސްޓޯނިއާއަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައިވެސް އެންމެ ކުރީގައި އުޅޭ އެއް ޤައުމެވެ.
އެހެންކަމުން އެސްޓޯނިއާފަދަ ހެޔޮވެރިކަމެއްގެ ނަމޫނާ ޤައުމެއް މިސާލަށް ނަގައިގެން ރާއްޖެއިން ކުރާ މަސައްކަތާއެކު، ކޮރަޕްޝަން ނައްތާލެވި، ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައިވެސް ކުރިއެރުންތަކެއް ހޯދާ ޤައުމަކަށް ރާއްޖެ ވެގެންދާނެކަމާމެދު ޝައްކެއްނެތެވެ.