ޚަބަރު

"މިހާތަނަށް 191،700 ބިދޭސީންގެ މައުލޫމާތު އެއްކުރެވިއްޖެ؛ މައުލޫމާތު ނުދޭ ބިދޭސީން ޑިޕޯޓްކޮށްލާނަން"


  • ބަޔޯމެޓްރިކްސް ނުދޭ ބިދޭސީއަކަށް ރާއްޖޭގައި ނުހުރެވޭނެކަމަށް ރައީސް ވިދާޅުވި

  • ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުން އެންމެ އިސްކަންދެއްވާ އެއް މަސައްކަތް

މި ސަރުކާރުން މިހާތަނަށް 191700 އަށްވުރެ ގިނަ ބިދޭސީންގެ އިނގިލީގެ ނިޝާން ނަގާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުން އެންމެ މުހިންމު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެއް މަސައްކަތެވެވެ.

'ދިވެހީންގެ ރާއްޖެ' ގެ ނަމުގައި ޕީއެންސީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ ކޮންމެ ސަރުކާރެއްގައިވެސް އޮތް މައްސަލައެއްކަމަށެވެ. ނަމަވެސް މިއީ އެއްވެސް ސަރުކާރަކަށް ހައްލު ނުކުރެވުނު މައްސަލައެއްކަމަށާއި ނަމަވެސް މި ސަރުކާރުން މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ފެށިއިރު ބިދޭސީންގެ ތަފާސްހިސާބެއް ނެތްކަމަށެވެ. ނަމަވެސް ސަރުކާރުން ފެށި މަސައްކަތުން މިހާތަނަށް 191،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާކަމަށެވެ.

"އަޅުގަނޑުމެން ފެށި ކުރަނގި އޮޕަރޭޝަން މިއަދާއި ހަމައަށް އައިރުގައި 191،723 ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގައިފިން. އަޅުގަނޑުމެންނަށް އެބައިނގޭ ރާއްޖޭގައި ތިބި ބިދޭސީންނަކީ ކޮބައިކަމާއި، މިމީހުން ތިބީ ކޮންތަނެއްގައި ކަމާއި މި ހުރިހައި ކަމެއް. މާދަމާއަށް މި ހަމަވަނީ މުއްދަތު. މާދަމާއާއި ހަމައަށް ރަޖިސްޓަރ ނުވާ ނުވަތަ ބަޔޯމެޓްރިކްސް ނުދޭ ބިދޭސީއަކު އަނެއް ދުވަހުން ފެށިގެން ފަށާ އޮޕަރޭޝަންގައި ފެނިއްޖިއްޔާ ވަގުތުން ޑީޕޯޓްވާގޮތައް އޮތީ. މާދަމާއަށް ފަހު ދެން މި ރާއްޖޭގައި ބަޔޯމެޓްރިކްސް ނުވަތަ ޑީޓެއިލްސް ނުދީ އެންމެ ބިދޭސީއަކަށްވެސް ނުހުރެވޭނެ ވަގުތުން ޑީޕޯޓްކުރާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރު ވެރިކަމާއި ހަވާލުވެ މިދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ނުގަވައިދުން އުޅުނު މީހުންނާއި އެކި ކުއްކުރި މީހުންނާއި ރެގިއުލަރައިޒްކުރަން ބޭނުންނުވާ މީހުންނާއި ހުރިހައި އެންމެން އެއްކޮށްގެން 9021 ބިދޭސީން ޑީޕޯޓްކޮށްފައިވާކަމަށެވެ. މިއީ އޭގެ ކުރީ ސަރުކާރަށްވުރެ %143 އިތުރު އަދަދެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.