އާބާދީގައި 2000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީން ރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ކަންކަން ކޮށްދެއްވަނީ ވަކި ރަށެއް ނުބަލާ ހުރިހާ ރަށަކަށްވެސް ހަމަހަމަ ކަމާއި އެކުގައި ކަމަށާއި، ރަށްރަށުގައި ތަފާތު އެކި ޚިދުމަތްތައް ޤާއިމްކޮށްދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އޭޓީއެމް ބެހެއްޓުމުގެ މަސައްކަތަކީ، މިފަދަ މުހިންމު މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުން އިސްނަގައިގެން މުޅިރާއްޖޭގައި އޭޓީއެމް ބެހެއްޓުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، މިހާތަނަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ އޭޓީއެމް ބަހައްޓާފައެވެ. މިމަސައްކަތް ފުޅާކޮށް ރަށްރަށުގައި ޑޮލަރު އޭޓީއެމްވެސް ބަހައްޓަމުންދާކަން ސަރުކާރުން މީގެ ކުރިން ވަނީ ވިދާޅުވެއެވެ. މިކަމުގެ ތަފްސީލް ޙިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން ވިޔަފާރިތައް ކުރިއެރުވުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން މިއަހަރުގެ މާރިޗު މަހާއި ހަމައަށް ދާއިރު 70 ރަށުގައި ޑޮލަރު އޭޓީއެމް ބަހައްޓާ ނިންމަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މީގެ ތެރޭގައި ޓުއަރިސްޓް ގެސްޓް ހައުސް އެންމެ ގިނަ ހުރިހާ ރަށަކާއި، އެންމެ ގިނަ މިކިޔަނީ ގާތްގަނޑަކަށް 150 އެނދަށްވުރެ ގިނަ ހުރިހާ ރަށަކާއި، ވެރިކަން ކުރާ ރަށްތަކާއި، އަރބަން ސެންޓަރުތަކާއި، ދެން މިހެން ގޮސް އާބާދީއަށް ބަލާއިރު 2000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އާދެ 70 ރަށުގައި މިއަންނަ އަހަރު މާރިޗު މަހުގައި" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ، ރައީސުލްޖުމްހޫރިއްޔާ ރާއްޖެ ތަރައްޤީކުރުމަށް ނިންމަވާފައިވާ ސިޔާސަތުގެ ދަށުން ކަނޑައަޅާފައިވާ 7 އަރބަން ސެންޓަރާއި، ސިޓީތަކުގެ އިތުރުން ލޯކަލް ޓުއަރިޒަމް ފުޅާވެފައިވާ ރަށްރަށުުގައި ޑޮލަރު އޭޓީއެމްތައް ބެހެއްޓުމެވެ.
"މުޅި ރާއްޖޭގައި އޭޓީއެމް" ބެހެއްޓުމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުން ވަނީ، މިދިޔަ މަހުގެ ނިޔަލަށް ދިވެހި ރުފިޔާ ޖަމާކުރާ އަދި ނެގޭ 105 އޭޓީއެމް މީހުން ދިރިއުޅޭ ރަށްތަކުގައި ބަހައްޓާފައެެވެ. މިމަސައްކަތް ބޭންކް އޮފް މޯލްޑިވްސްއިން ނިންމާފައިވަނީ، 9 މަސް ދުވަހުގެ ތެރޭގައެވެ. މިއާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށްވެސް އަސާސީ ބޭންކިންގ ޚިދުމަތް ލިބިގެންދާނެ ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.