އަންހެނުންނަކީ އުންމަތެއް ނުވަތަ ޤައުމެއް ދިރިގެން އައުމުގެ އަސްލުކަމަށާއި، އަންހެނުންނަށް ފުރިހަމަ ގަދަރާއި އިޙްތިރާމް ދޭންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން "ރެހެންދި އެވޯޑް" ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ޙަފްލާގައި އެކަމަނާ ވަނީ ރެހެންދި އެވޯޑް 2024 ވަނަ އަހަރާއި 2025 ވަނަ އަހަރު ޙާސިލުކުރެއްވި ފަރާތްތަކަށް ބްރޫޗާއި އެވޯޑް ޙަވާލުކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، އަންހެނުންގެ ކުރިއެރުމާއި އަންހެނުން ބާރުވެރިކުރުވުމުގެ މަޢުޟޫގައި އަޅުގަނޑުމެން މުސްލިމުން އެންމެ ފުރަތަމަ ހަނދާނަށް ގެންނަންޖެހޭނެ ކަމަކީ މާތްވެގެންވާ އިސްލާމްދީނުގައި އަންހެނުންނަށް ދެއްވާފައިވާ މަތިވެރި މަޤާމުކަމަށެވެ. އަދި އެއްވެސް ކަމެއްގައި އަންހެނަކަށްވީތީ ނިކަމެތިކަމެއް ބޭއިންސާފެއް، މާތްވެގެންވާ އިސްލާމްދީނުގައި ލައްވާފައި ނެތްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
"ހެޔޮ އަމަލުކުރުން ކަމުގައިވިޔަސް، ނުބައި އަމަލުކުރުން ކަމުގައިވިޔަސް، ޖަޒާ ލިބުމުގައިވެސް އޮތީ އަދުލުވެރިކަން. ހަމައެހެންމެ މުދާ މިލްކުކުރުމާއި ވިޔަފާރިކުރުންފަދަ އެހެނިހެން މުޢާމަލާތްތަކުގައިވެސް އަންހެނަކަށްވީތީ ހުރަސްއެޅޭ ނުވަތަ އުނިވާކަމެއްނެތް. އަޅުގަނޑުމެން މުސްލިމުން އިސްލާމްދީން ފުންކޮށް ބަލައި ވިސްނުމުން ކަށަވަރުވަނީ އަންހެނުންނަށް މާތްﷲ އެކަލާނގެ ދީނުގައި ދެއްވާފައިވާ މަތިވެރި މަޤާމު. ޢަދުލު އިންސާފު، ޢިއްޒަތާއި ގަދަރު." ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ.
އަންހެނުންނަކީ އުއްމަތެއް ނުވަތަ ޤައުމެއް ދިރިގެން އައުމުގެ އަސްލުކަން ފާހަގަކުރައްވާ، ރައީސްގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވީ، މަންމައިންނަކީ ކޮންމެ އިންސާނެއްގެވެސް އެންމެ ފުރަތަމަ މުދައްރިސްކަމަށާއި، ކޮންމެ އިންސާނެއްގެވެސް އެންމެ ފުރަތަމަ އެހީތެރިޔާކަމަށެވެ.
އެހެންކަމުން މަންމައިންގެ ވާޖިބަކީ އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ މުހިންމުކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
"ކުރުކޮށް ދަންނަވާނަމަ ޤައުމެއް ބިނާކުރުމުގައި ހިނގާ މައިގަނޑު ހުރިހާކަމެއްގައި އެ ޤައުމެއް ބައްޓަންކުރުމުގެ ފުރަތަމަ މޭސްތިރިއަކީ މަންމަ. އެހެންކަމުން އަޅުގަނޑުމެން ކޮންމެ ވާޖިބެއް އަދާކުރިކަމުގައިވިޔަސް މަންމައެއްގެ ވާޖިބު އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ. ހަމައެއާއެކު މަންމައަކަށްވުމުގެ އެދުމާއި އުއްމީދުގައި އަދި ހެޔޮ ދުޢާގައި ތިއްބެވި އެންމެހާ ބޭފުޅުންނަށްވެސް އަޅުގަނޑުމެންގެ ފުރިހަަމަ އިޙްސާންތެރިކަމާއި ހެޔޮ ދުޢާ ދެމެހެއްޓުން ވަރަށް މުހިންމު." ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.
ރެހެންދި އެވޯޑަށް އިޝާރަތްކުރައްވާ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ މިއީ އަންހެނުންގެ ކިބައިގައި ހުންނަ ހުނަރުވެރިކަމާއި ކުޅަދާނަކަމާއި ހިތްވަރު ރަމްޒުކޮށްދޭ އެވޯޑެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މިއީ އަންހެނުން ކުރާ މަތިވެރި ޚިދުމަތްތަކުގެ އަގު ވަަޒަންކުރުމަށްޓަކާ ދެވޭ އެވޯޑެއްކަން ފާހަގަކުރައްވާ ރެހެންދި އެވޯޑަކީ އަންހެނުން ބާރުވެރިކޮށް، ހުނަރުވެރިކޮށް ހުރިހާ ދާއިރާއެއްގައި ފުރުޞަތުތައް ތަނަވަސްކޮށްދީ، އަންހެނުންގެ މަޤާމާއި ދަރަޖަ އުފުލައި ދިނުމަށް ދެވޭ އެވޯޑެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ޙަފްލާގައި މި އެވޯޑް ހާސިލުކުރެއްވި ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މަރުހަބާ ދަންނަވާފައެވެ.