ޒުވާނުންނަށް ޚާއްސަކޮށްގެން ސަރުކާރުން ޤާއިމުކުރި ޔޫތު ތާރޑް ސްޕޭސް، "ޒުވާނުންގެ ވެހި" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ.
"ޒުވާނުންގެ ވެހި" ނަމުގައި ހުޅުވި މި ތާރޑް ސްޕޭސް ޤާއިމުކޮށްފައިވަނީ ލިލީމަގުގައި ހުންނަ، މުލިއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން ދިޔަ އިމާރާތާއި ގޯތީގައެވެ. މިތަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ޒުވާނުން ބަރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހީމް ވަޙީދާއި ދައުލަތުގެ ބައެއް ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިތަނުގައި ޒުވާނުން ބާރުވެރިކޮށް ޒުވާނުންނަށް ބޭނުންވާ އެކި ކަހަލަ ހުނަރުތައް ތަރައްޤީކުރުމަށް ތަފާތު ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިތަން ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިތަނުގައި ޤާއިމުކޮށްފައިވާ ސްޓޯލްތަކާއި މަސައްކަތްތައް ބައްލަވާލައްވާފައެވެ.
"ޒުވާނުންގެ ވެހި" ގައި ޤާއިމުކޮށްފައިވާ ސްޓޯލްތަކުގެ ތެރޭގައި ކްލޭ ސްޓޫޑިއޯ ސްޓޯލް، އޯގާ ސްޓޯލް، އާޓް އެގްޒިބިޝަން ސްޓޯލް، ލައިވް އާޓް ސްޓޯލް، ކަސަބު ސްޓޯލް، އާޓްވޯކް ސްޓޯލް، މޫރަލް ސްޓޯލް، އެންދެރި ޖުވެލަރީ ސްޓޯލް، ކެލިގްރަފީ ސްޓޯލް، މެކް-މާމަ ކްރާފްޓް ސްޓޯލް، ޖުވެލަރީ ސްޓޯލް އަދި އޭ.އައި އެންޑް ރޮބޮޓިކްސް ސްޓޯލް ހިމެނެއެވެ.
މުލިއާގެ ގަރާޖުގެ ގޮތުގައި ކުރިން ބޭނުންކުރަމުންދިޔަ އިމާރާތުގައި "ޔޫތު ތާރޑް ސްޕޭސް" އެއް ޤާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާ، އެކަން އިޢުލާންކުރެއްވީ 18 ނޮވެންބަރު 2024 ގައެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މުޖުތަމަޢަށް ފައިދާހުރި ކަންތައްތަކެއް ކުރާ ތަނަކަށް އެތަން ބަދަލުކުރުމަށްޓަކައި ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުންތަކުގެ ތެރެއިން، ޒުވާނުންނާ ގުޅޭ ހަރަކާތްތައް ހިންގުމަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ޙައްލު ހޯދައިދިނުމުގެ ގޮތުންނެވެ.
ޔޫތު ތާރޑް ސްޕޭސް ފަރުމާ ކޮށްފައިވަނީ، ޒުވާނުންނާއި ގުޅުންހުރި ތަފާތު ހުނަރުވެރި ޕްރޮގްރާމްތަށް ހިންގުމާއި، ޒުވާނުންނަށް ޚާއްސަކޮށްގެން މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތައް ރާވައި އިންތިޒާމުކުރުމާއި، ޒުވާނުންނަށް ދުޅަހެޔޮ ހަށިހެޔޮ އަދި ނަފްސާނީ ގޮތުން ހިތްހަމަޖެހޭ ފަދަ މާހައުލެއް ގާއިމުކުރުމާއި، ޒުވާނުންނަށް ދިމާވާ ތަފާތު މައްސަލަތަކުގައި ޔޫތު ކައުންސެލިންގ އަދި ޔޫތު ވެލްބީންގ ހިދުމަތް އެއް ފުރާޅެއްގެ ދަށުން ޒުވާނުންނަށް ފޯރުކޮށްދެވޭނެ ތަނެއްގެ ގޮތުގައިކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މިފަދަ ތަންތަނަކީ، ޒުވާނުންގެ އީޖާދީ ވިސްނުން ހަޤީގަތަކަށް ހަދައި، ޒުވާނުން ބާރުވެރިކުރުވުމަށް މުހިންމު މަންސައެއްކަމުގައި ހައްދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެކުރިން ވިދާޅުވެފައެވެ.
ޒުވާނުންނަށް ޚާއްޞަ "ތާރޑް ސްޕޭސް" އޭރިއާތަކަކީ، ޒުވާނުންގެ ހުނަރުތައް އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރުމަށް ލިބޭ ވަރަށް ބޭނުންތެރި މުހިންމު ތަނެކެވެ.
މިގޮތުން މި ތަނުގައި ކުރިއަށް ގެންދެވުމަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، އެކިކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިންގ، ކޮމިއުނިޓީ އާޓް ވޯލް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، އެކިކަހަލަ މަސައްކަތު ބައްދަލުވުން، އަދި ކަލިނަރީ އިވެންޓްތައް ހިމެނެއެވެ. މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިކުރުމަށްވެސް މިތަނުގެ ބައެއް ހަމަޖެއްސުމަށް ހުށަހަޅާފައިވެއެވެ.
"ޒުވާނުންގެ ތަރޑް ސްޕޭސް" ނުވަތަ ޒުވާނުންގެ މަރުކަޒު ޑިޒައިންކުރުމަށް ހުށަހަޅާފައިވަނީ ޒުވާނުން ކަންކަން އުނގެނުމަށާއި، އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިކުރެވޭނެގޮތަށް، ތިމާވެއްޓާ ރައްޓެހި ތަނެއްގެ ގޮތުގައެވެ. އަދި މި ކޮންސެޕްޓުގައި، ރާއްޖެއަށް ޚާއްޞަ ކާބޯތަކެތި (ލޯކަލް ކުއިޒިން) ވިއްކުމަށާއި، އަދި ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ކާބޯތަކެތި ވިއްކާ ފަރާތްތަކުގެ އުފެއްދުންތައް އިޝްތިހާރުކޮށް ވިއްކުމާއި، ޞިއްޙަތަށް ފައިދާހުރި ކެއުންތައް ޕްރޮމޯޓްކުރާ، ކެފެޓޭރިއާއެއް ހިމެނުމަށްވެސް ހުށަހަޅާފައިވެއެވެ.