ޚަބަރު

ސިނގިރޭޓު ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި


  • މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް

  • މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް ޖުމުލަ 10 މީހަކު ހައްޔަރުކޮށްފައިވޭ

ސިނގިރޭޓު 2 ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ މުޙައްމަދު އަލަމިން މިއާ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މިދިޔަ އެޕްރީލް މަހުގެ 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރުގެ ސިނގިރޭޓު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓައި ވަގަށް ނަގައިފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ އޮކްޓޫބަރުމަހުގެ 9 ވަނަ ދުވަހުއެވެ.

މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް ޖުމުލަ 10 މީހަކު ހައްޔަރުކޮށް މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ.