"ވިލުންތެރި ރާއްޖެ 2045" އަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށް ގެންދިއަ "ކުރިމަގު ސައްލާ" ރާއްޖޭގެ ހުރިހާ ރަށެއްގައި ބާއްވައިފިއެވެ.
ޤައުމީ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އަށް ރައްޔިތުންގެ ޚިޔާލާއި، މަޝްވަރާ ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވި މިބައްދަލުވުންތަކުގައި ހުރިހާ ސިޓީތަކާއި، ރަށު ކައުންސިލްތަކުގެ މެންބަރުންނާއި، ސަރުކާރުގެ އިދާރާތައް ތަމްސީލް ކުރައްވާ ފަރާތްތައް ހިމެނޭހެން ރައްޔިތުންގެ ބައިވެރިވުން ހޯދައި، ޚިޔާލުތައް އެއްކުރިއެވެ.
"ވިލުންތެރި ރާއްޖެ 2045" އަށް ރައްޔިތުންގެ ޚިޔާލު އެއްކުރުމަށް ކުރާ ދިރާސާގެ މަސައްކަތް ޙަވާލުކޮށްފައިވަނީ، "ނެކްސިޔާ މޯލްޑިވްސް" އާއެވެ.
މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު ކ.ގުރައިދޫން ފެށި "ކުރިމަގު ސައްލާ" ބައްދަލުވުންތައް ނިންމާލީ، ރޭގެ ނިޔަލަށެވެ. ކުރިމަގު ސައްލާގެ އެންމެފަހުގެ ބައްދަލުވުން ބޭއްވީ، މާލޭ ސަރަހައްދުން ހުޅުމާލޭގެ އިތުރުން ކ.ހިންމަފުށްޓާއި ހުރާގައެވެ.
މިއާއެކު މިހާތަނަށް 189 ރަށުގައި ބައްދަލުވުންތައް ބާޢްވާފައިވާއިރު، އެކި ގޮތްގޮތުން 9،048 މީހުންގެ ބައިވެރިވުން ހޯދުނު ކަމަށް ނެކްސިއާ މޯލްޑިވްސްއިން ބުނެއެވެ.
ނެކްސިއާ މޯލްޑިވްސްއިން ބުނީ، "ކުރިމަގު ސައްލާ" ބައްދަލުވުންތައް މިހާރު ނިންމާލާފައިވާއިރު، އުމަރު ޒާހިރު އޮފީސް އިމާރާތުގައި ޤާއިމްކޮށްފައިވާ ވިލުންތެރި ރާއްޖެ އޮފީހުގައި ވަށްމޭޒު ސައްލާތައް ބާއްވަމުން އަންނަ ކަމަށެވެ.
މި ސައްލާތަކުގައި ޤައުމީ ތަރައްޤީގެ ޕްލޭނަށް މައުލޫމާތު އެއްކުރުމަށް މުހިންމު 60 މަޢުޟޫޢަކަށް އެކި ދާއިރާތަކުގެ މީހުން ބައިވެރިވެ ޚިޔާލާއި، މަޝްވަރާތައް ދަނީ ހުށަހަޅަމުންނެވެ. ނެކްސިއާއިން ބުނީ، މިހާތަނަށް ވަށްމޭޒު ސައްލާގެ 19 ބައްދަލުވުން ބާއްވާފައިވާ ކަމަށެވެ.
މިބައްދަލުވުންތައް ނިންމާލިނަމަވެސް، "ވިލުންތެރި ރާއްޖެ 2045" އަށް ޚިޔާލާއި މަޝްވަރާ ހުށަހެޅުމުގެ ފުރުޞަތު އަދިވެސް އެބައޮތް ކަމަށް ނެކްސިއާއިން ބުނެއެވެ. އެގޮތުން ނެކްސިއާގެ ޕޯޓަލްއިން، ޚިޔާލު ހޯދުމުގެ ސަރވޭގައި ބައިވެރިވެ ރައްޔިތުން ދޭން ބޭނުންވާ ޚިޔާލާއި، މަޝްވަރާ Resilient Maldives | ވިލުންތެރި ދިވެހިރާއްޖެ ޕޯޓަލުން އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ޤައުމީ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، ހުރިހާ އެންމެންގެ ޝާމިލްވުން ހިމެނޭ ގޮތަށެވެ. .
ދުރުރާސްތާ ޕްލޭނަކަށް ވާސިލްވުމަށް ޤައުމު ބިނާކުރުމަށް ސަރުކާރުން ފެށި މި މަސައްކަތުގެ ތެރެއިން، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއިއެކު "ވިލުންތެރި ރާއްޖެ 2045" ޤައުމީ ޕްލޭން އެކުލަވާލައި، ކުރިއަށް އޮތް 20 އަހަރު ރާއްޖެ އޮންނަން ރައްޔިތުން ބޭނުންވާ ގޮތުގެ ތަސައްވުރު އެކުލަވާލައި، އެއަށް ޤާނޫނީ ބާރުވެރިކަން ލިއްބައިދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.