މި ސަރުކާރުގެ 2 އަހަރުގެ ތެރޭގައި ކަނޑުފަޅު ނަފާ ލޯނުން 18.8 މިލިޔަން ރުފިޔާ ދޫކޮށްފިއެވެ. މި ލޯނު ދޫކުރަނީ، އެސްއެމްއީ ޑިޖިޓަލްއިންނެވެ.
މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ކަނޑުފަޅު ނަފާ ލޯނު ދެމުން އައި ގޮތަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލު ގެނައީ، 21 ފެބްރުއަރީ 2024 ގައެވެ.
ކުރިން ކަނޑުފަޅު ނަފާ ލޯނު ދިނީ، ލޮނު ފެނުން މަސް ފިނިކުރާ ނިޒާމް ނުވަތަ އާރު.އެސް.ޑަބްލިއު ސިސްޓަމް ޤާއިމް ކުރުމަށެވެ. ނަމަވެސް މިހާރު މި ލޯނު ދޫކުރަނީ، ފަރު މަސްވެރިކަމުގެ އެކިއެކި މަސައްކަތްކުރާ ފަރާތްތަކަށެވެ. އަދި އާރު.އެސް.ޑަބްލިއު ސިސްޓަމް ޤާއިމް ކުރުމަށް ވަކިން ދަނީ، ލޯނު ދޫކުރަމުންނެވެ.
އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް 68 ފަރާތަކަށް ލޯނު ދޫކުރުމަށް އެޕްރޫވްކޮށްފައިވާ ކަމަށެވެ. އެއީ މުޅި ޖުމްލަ 34.5 މިލިޔަން ރުފިޔާއެވެ. އެޕްރޫވްކޮށްފައިވާ އަދަދުގެ ތެރެއިން މިހާތަނަށް 18.8 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ފަރު މަސްވެރިކަމަށް ޚާއްސަ ކޮށްގެން ދޫކުރާ ކަނޑުފަޅު ނަފާ ލޯނުން ފަރު މަސްވެރިކަން ކުރާ ފަރާތްތަކަށް 7 ލައްކަ ރުފިޔާއާ ހަމައަށް ފައިސާ ލިބޭނެއެވެ.
އެސްއެމްއީ ޑިޖިޓަލްއިން ދަނީ، އެކިއެކި ދާއިރާތަކުން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރަމުންނެވެ. އެ ބޭންކުން ވިދާޅުވީ، މިއަހަރުގެ މިހާތަނަށް މިފަދަ ވިޔަފާރިތަކަށް 117 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
އެސްއެމްއީ ޑިޖިޓަލްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ މިހާތަނަށް 573 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފައެވެ.