ޚަބަރު

ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީއަކީ، އިޤްތިޞާދު ހަމަމަގަށް އެޅުވުން: މަޖިލިސް ރައީސް


  • ފުން އަނދަވަޅަކަށް ވެއްޓިފައި އޮތް އިޤްތިޞާދު ކޮޅަށް ޖެހީ، ހިކުމަތްތެރިކަމާއި ރޭވުންތެރިކަމާއެކު

  • އުފެއްދުންތެރިކަން އިތުރުވެ، ތިޔާގި ޤައުމަކަށް ކުރިއަށް އޮތް އަހަރުތަކުގައި ޤައުމުވާނެކަމަށް ވިދާޅުވި

ސަރުކާރަށް ދެ އަހަރު ފުރުނުއިރު އެންމެ ބޮޑު ކާމިޔާބީއަކީ އިޤްތިޞާދު ހަމަމަގަށް އެޅުވުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސް އިން ގެނެސްދޭ "ހަފްތާ 104" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ އަދުގެ ސަރުކާރަކީ އެހެން ސަރުކާރުތަކާ އަޅާބަލާއިރު ދެ އަހަރު ދުވަހުގެ ތެރޭގައި ގިނަ ގޮތްގޮތުން ތަފާތު ދެއްކި ސަރުކާރެއް ކަމަށެވެ.

އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޤައުމުގެ އިޤްތިޞާދު ފުން އަނދަވަޅަކަށް ވެއްޓިފައި އޮތް ނަމަވެސް ހިކުމަތްތެރިކަމާއި ރޭވުންތެރިކަމާއެކު ކުރެއްވި މަސައްކަތްތަކުން މިއަދު އެ އަނދަވަޅުން އިޤްތިޞާދު ނަގާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މަސައްކަތް އެމަނިކުފާނު ކުރެއްވީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެއްވެސް އަސާސީ ޚިދުމަތަކަށް ބުރޫ ނާރުވައި، ފައިސާ ޗާޕުނުކޮށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ އަދުގެ ސަރުކާރުން ޤައުމުގެ އިގްތިސާދު ކުރިއެރުވަމުން ގެންދަވަނީ ކުރީ ސަރުކާރުން ފައްޓަވާފައިހުރި މަޝްރޫއުތަކާއެކު އައު މަޝްރޫއުތައްވެސް ފައްޓަވަމުން ކަމަށެވެ.

"ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޤައުމު އޮތް ހާލަތުން ވަރަށް ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ ޤައުމު ބަނގުރޫޓުވާނެ ކަމަށް. އެ ހާލަތުގައި އޮތީ. ވަރަށް ބޮޑަށް ދަރަނިވެރިވެފައި އޮތީ. ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތުވެސް އޮތީ ވަރަށް ދަށު ދަރަޖައެއްގައި. ނަމަވެސް އިދިކޮޅު ފަރާތްތަކުން އުއްމީދުކުރި ގޮތަށް ޤައުމު ބަނގުރޫޓު ވިޔަނުދީ، ދައްކަންޖެހޭ ދަރަނި ދައްކައި، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތަކަށް ބުރުލެއް ނާރާ، ބަރާބަރަށް މުސާރަ ދީގެން މިހާތަނަށް އައިއައުން އަޅުގަނޑު ސިފަކުރާނީ ވަރަށް ކާމިޔާބު ކަމެއްގެ ގޮތުގައި." ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅުތަކުގެ ތެރެއިން ބޭރުފައިސާއާ ބެހޭ ޤާނޫނަށް ގެންނެވި އިސްލާހުތަކަކީ ރާއްޖޭގައި ޑޮލަރު ލިބުމުގައި އޮތް ދަތިކަމަށް ހައްލު ލިބިގެންދިޔަ އިސްލާހުތަކެއް ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ވިޔަފާރިވެރިންނަށް ބޭނުންވާ ބޭރު ފައިސާ ލިބި، ރާއްޖޭގެ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ކުރިއަރައިގެން ގޮސްފައިިވާކަމަށްވެސް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި ރާއްޖެއަށް ކުރިއަށް އޮތީ ވަރަށް އުޖާލާ ދުވަސްތަކެއް ކަމަށެވެ. އެގޮތުން، ތަރައްޤީގެ މަގުގައި ރާއްޖެ ކުރިއަރައިގެންދާނެ ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުލިބި، އުފެއްދުންތެރިކަން އިތުރުވެ، ތިޔާގި ޤައުމަކަށް ކުރިއަށް އޮތް އަހަރުތަކުގައި ޤައުމު ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.