ޚަބަރު

މި ބަޖެޓަކީ ރައްޔިތުންނަށް ޚިދުމަތްކޮށްދޭން ހުށަހެޅި އެންމެ ފުރިހަމަ ބަޖެޓު: މަޖިލިސް ރައީސް


  • ވަކިވަކި މަޝްރޫއުތައް ކުރިން ހިމަނަނީ މަޖިލިސް މެންބަރުން ބޭނުންވެގެން ރަމްޒީ ގޮތެއްގައި

  • ބަޖެޓަކީ ވައުދުތައް ފުއްދޭގޮތަށް ތަރުތީބުކޮށްގެން ހުށަހަޅާފައިވާ ބަޖެޓެއް

  • ރައްޔިތުން ސުޕަ މެޖޯރިޓީ ޕީއެންސީއަށް ދިނީ ފަސޭހަކަމާއެކު ސަރުކާރު ހިންގުމުގެ ފުރުސަތު ދިނުމަށް

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި ދައުލަތުގެ ބަޖެޓުތަކަކީ ރައްޔިތުންނަށް ޚިދުމަތްކޮށްދޭން ބޭނުންވާ ސަރުކާރަކުން ހުށަހަޅާނެ އެންމެ ރަނގަޅު ބަޖެޓު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ "ހަފްތާ 104" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސަރުކާރުން 2025 ވަނަ އަހަރު އަދި 2026 ވަނަ އަހަރު ހުށަހެޅުއްވި ބަޖެޓުގައި ވަކިވަކި މަޝްރޫއުތައް ހިމަނާފައި ނެތުމުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވިއެވެ. އެވާހަކަތަކަށް ރައްދުދެއްވައި މަޖިލީހުގެ ރައީސް ވިދާޅުވީ މި ދެއަހަރު ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެވޭގޮތަށް ހުށަހަޅުއްވާފައިވާ ފުރިހަމަ ބަޖެޓެއް ކަމަށެވެ.

ޕީއެސްއެމް ނިއުސްގެ "ހަފްތާ 104" ޕްރޮގްރާމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ކުރީ ސަރުކާރުތަކުން ބަޖެޓު ހުށަހަޅާއިރު ވަކިވަކި މަޝްރޫއުތައް ހިމަނާފައި ހުންނަނީ އެ ދާއިރާއެއްގެ މެންބަރު ބޭނުންވެގެން ރަމްޒީ ގޮތެއްގައި ކަމަށެވެ. އެ މަޝްރޫއުތަކަށް ކަނޑައަޅާފައި އޮންނަ އަދަދަކީ މަޝްރޫއު ކުރިއަށްގެންދިއުމަށް އެކަށީގެންވާ އަދަދުތަކެއް ނޫން ކަމަށާއި އޭގެ ސަބަބުން މަޝްރޫއުތައް ހުއްޓި، ކާމިޔާބު ނުވާކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ކުރީ ސަރުކާރުތަކާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް ކަމަށެވެ. އެގޮތުން، ސަރުކާރުން މިހާތަނަށް ހުށަހެޅުއްވި ދެ ބަޖެޓަކީވެސް ވައުދުތައް ފުއްދޭގޮތަށް ތަރުތީބުކޮށްގެން ހުށަހަޅާފައިވާ ބަޖެޓު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މި ދެއަހަރު މި ހުށަހެޅި ބަޖެޓަކީ އެއީ ރައްޔިތުންނަށް ޚިދުމަތް ކުރަން ބޭނުންވާ ސަރުކާރަކުން ހުށަހަޅަން އެންމެ ރަނގަޅު ބަޖެޓު. އެއްގޮތަކަށްވެސް ޤާނޫނާ ޚިލާފަކަށްނޫން. ޤާނޫނާއެއްގޮތަށް ބަޖެޓް ހުށަހަޅުއްވަނީ، އެ ބަޖެޓް އަޅުގަނޑުމެން ފާސްކުރަނީވެސް ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން. އަދި އެ ބަޖެޓް އެގޮތަށް ފާސްކުރުމުން ލިބޭ ފައިދާއަކީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް، ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ބާރުސްޕީޑުގައި ގެންދިއުމުގެ ފުރުސަތު ސަރުކާރަށް ފަހިވެގެންދިއުން" ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ސަރުކާރުން ހުށަހަޅުއްވާ ބަޖެޓަކީ ޤާނޫނާ ޚިލާފު ބަޖެޓެއް ކަމަށް ބައެއް މެންބަރުން ވިދާޅުވި ނަމަވެސް އެކަމުގެ ހެއްކެއް އެއްވެސް މެންބަރަކަށް ދެއްކިފައި ނުވާ ކަމަށެވެ. އަދި ސަރުކާރުން ހުށަހަޅުއްވާ ބަޖެޓާއި ބިލުތައް ތަޅުމާ ހަމައަށް ދަނީ މަޖިލީހުގެ ޤާނޫނީ ޓީމުން ބަލައި، ޤާނޫނާ ތަޢާރުޒުވާ ކަންކަން އޭގައި ހިމެނިފައި ނެތްކަން ޔަޤީންކުރުމަށްފަހު ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުން ރައީސް ޑރ. މުޢިއްޒާއި ވެރިކަން ހަވާލުކުރުމަށްފަހު މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެމަނިކުފާނުގެ ޕާޓީއަށް ދިނީ ފަސޭހަކަމާއެކު ސަރުކާރު ހިންގުމުގެ ފުރުޞަތު ދިނުމަށް ކަމަށާއި އެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރައްވާނެ ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.