އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޢާއިލީ ވިޔަފާރި ކުންފުނި، ޓްރަމްޕް އޯގަނައިޒޭޝަންއާއި އޭނާއާ ގުޅުމެއް ނެތް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވީ ޓްރަމްޕް އޯގަނައިޒޭޝަނާއި ސަޢުދީ ޢަރަބިއްޔާގެ ކުންފުންޏަކާ ގުޅިގެން ދިވެހިރާއްޖޭގައި ރިސޯޓެއް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޓްރަމްޕް ވަނީ މި ވަގުތު އެމެރިކާއަށް ދަތުރުކުރައްވަމުންދާ ސަޢުދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާންއާ ވައިޓް ހައުސްގައި ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި، އެމެރިކާގެ ރައީސްގެ މަޤާމުގައި ޓްރަމްޕް ހުންނަވަނިކޮށް ސަޢުދީ ޢަރަބިއްޔާއާ އެކު ޓްރަމްޕްގެ ޢާއިލީ ކުންފުނިން ވިޔަފާރިކުރުމަކީ މަސްލަހަތަށް ފުށުއަރާ ކަމަކަށް ނުވާނެތޯ ނޫސްވެރިން ވަނީ ސުވާލުކޮށްފައެވެ.
އެ ސުވާލުގެ ޖަވާބުގައި ޓްރަމްޕް ވިދާޅުވީ އޭނާގެ ޢާއިލީ ކުންފުންޏާ އޭނާއާ އެއްވެސް ގުޅުމެއް ނުވާ ކަމަށާއި، އޭނާ އެ ކުންފުނި ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާގެ ހުރިހާ ހަކަތައެއް މިހާރު ވަނީ ސިޔާސީ މަސައްކަތަށް ހުސްކުރައްވާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާގެ ޢާއިލާއިން ކުރާ މަސައްކަތްތައް ރަނގަޅު ކަމަށާއި، ދުނިޔޭގެ އެކި ހިސާބުތަކުގައި އެ ކުންފުނިން ވިޔަފާރި ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ ޓްރަމްޕް އޯގަނައިޒޭޝަނުން ސަޢުދީ ޢަރަބިއްޔާއާއެކު މިހާތަނަށް މާ ބޮޑު މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށާއި، މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ވަރަށް ރަނގަޅު ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.