ޚަބަރު

"ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ވަޞީލަތްތައް ފުރިހަމަ ކުރުމަށް ބޮޑު އިސްކަމެއް"


  • ހުރިހާ ސްކޫލެއްގައި އިންކްލޫސިވް ކްލާސްރޫމްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރާނެ

  • މިހާރު ހުރި ވަޞީލަތްތައް އިތުރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވޭ

އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ޚާއްސަ ވަޞީލަތްތައް މިހާރަށް ވުރެ ބޮޑަށް ޤާއިމްކުރުމަށްކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ސަރުކާރުން އަންނަނީ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށްވެސް ފަސޭހައިން ކިޔެވޭނެ މާހައުލެއް ޤާއިމްކޮށްދީ ވަޞީލަތްތައް ތަރައްޤީކުރުމަށް ޚާއްސަ ސަމާލުކަމެއްދެއްވަމުންނެވެ.

އަންނަ އަހަރު ބަޖެޓުގައި ހިމަނައިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް އިންކްލޫސިވް ކްލާސްރޫމްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މި ސިޔާސަތަށް އަލިއަޅުވާލައްވަމުން ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ސްކޫލްތަކުގައި މިހާރު ކޮންމެވެސް ވަރަކަށް އެފަދަ ކުދިންނަށް ބޭނުންވާ ވަޞީލަތްތައް ހުރިނަމަވެސް އެ ވަޞީލަތްތައް އިތުރަށް ތަރައްޤީކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އިތުރު ވަޞީލަތްތައް ޤާއިމްކުރުމަށް އިސްކަން ދެއްވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަންނަ އަހަރު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ އިތުރު މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ މިހާރު ކުރިއަށްގެންދާ ކްލާސްރޫމްތައް އެސީ ކުރުމުގެ މަޝްރޫޢު ދިރާސީ އައު އަހަރަށް ނިންމާލެވޭނެކަމަށެވެ. އަދި ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކުރުމުގެ ގޮތުން ސްކޫލްތަކުގައި ސޯލާ ހަރުކޮށް ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވޭގޮތަށް މަސައްކަތް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ އަންނަ އަހަރު މުދައްރިސުންގެ ތަރައްޤީއަށްވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވާނެކަމަށާއި އެ ދާއިރާއަށް ކުދިން ޝައުގިވެރިކުރުމަށް މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށެވެ.

"ދަރިވަރުން ބޭނުންކުރާ ފޮތްތަކަށް ބައެއް ބަދަލުތައް ގެނައުމާއި އުމްރާނީ ތަރައްޤީގެ ވަޞީލަތްތައް ޤާއިމްކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާނެ. ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

އަންނަ އަހަރު ސްކޫލްތަކުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އިތުރު ވަޞީލަތްތައް ޤާއިމްކުރުމަށް ނިންމާފައިވާއިރު އެކުދިންނަށް ކިޔަވައިދޭނެ ޚާއްސަ މުދައްރިސުން ތަމްރީން ކުރުމުގެ މަސައްކަތްތައްވެސް ތަޢުލީމީ ވުޒާރާއިން އަންނަނީ ކުރައްވަމުންނެވެ.

އެގޮތުން މިހާރު ކުރިއަށްގެންދާ މުދައްރިސުން ތަމްރީން ކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ދަށުން ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީން ކުރުމުގެ މަސައްކަތް އިސްލާމީ ޔުނިވަރސިޓީއާއި ވިލާކޮލެޖުގައި އަންނަނީ ކުރަމުންނެވެ. މިހަރު ކުރިއަށްގެންދާ ޕްރޮގްރާމްގައި އަލަށް މުދައްރިސުކަން ކިޔަވާ ދަރިވަރުންނާއި މިހާރުވެސް މުދައްރިސުންގެ ގޮތުގައި ތިބި މީހުން ހިމެނެއެވެ.

ތަޢުލީމީ ދާއިރާއަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ދާއިރާއެކެވެ. އެކަން ކޮންމެ އަހަރަކު ފާސްކުރާ ބަޖެޓުންވެސް ހާމަވެއެވެ. އެގޮތުން އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ތަޢުލީމީ ދާއިރާއަށް 5.6 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ތަޢުލީމީ ދާއިރައެގެ އެކި މަޝްރޫޢުތަކަށް ޕީއެސްއައިޕީން ވަނީ 779 މިލިޔަން ރުފިޔާ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހިމެނޭ ސްކޫލް އިމާރާތްކުރުމާއި އަޕްގްރޭޑްގެ މަސައްކަތްތަކަށް 598.5 މިލިޔަން ރުފިޔާއެވެ.