ޚަބަރު

ރާއްޖެ އިޝްތިހާރު ކުރުމަށް ވިލާތުގެ ޤައުމުތަކުގައި ޚާއްޞަ ރޯޑް ޝޯވއެއް


  • މިރޯޑް ޝޯވތައް ވިލާތުގެ ތިން މަންޒިލެއްގައި ކުރިއަށްދާނެ

  • ޔޫރަޕަކީ، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ސަރަހައްދު

ރާއްޖެ އިޝްތިހާރު ކުރުމަށް 'އައި އޭމް މޯލްޑިވްސް'ގެ ނަމުގައި ވިލާތުގެ ޤައުމުތަކުގައި ރޯޑް ޝޯވއެއް ފަށައިފިއެވެ.

މި ރޯޑް ޝޯވގައި ރާއްޖޭގެ ފަތުުރުވެރިކަމުގައި ހަރަކާތްތެރިވާ 26 ފަރާތަކުން ބައިވެރިވެފައިވެއެވެ.

މިއީ، ނޭޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެން.ޖީ.އެޗް.އޭ.އެމާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީ.އެމް.ސީއިން ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ރޯޑް ޝޯވއަކީ، ވިޔަފާރީގެ ގުޅުންތައް ވަރުގަދަކޮށް، ރާއްޖޭގެ މަޤްބޫލުކަން އިތުރުކޮށް، ޔޫރަޕުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމުގެ މަޤްސަދުގައި ކުރިޔަށްގެންދާ ރޯޑް ޝޯވއެކެވެ.

މީގެއިތުުރުން ރާއްޖެއާ ބެހޭ މަޢުލޫމާތުތައް ޙިއްސާ ކުރުމާއި، މާކެޓިންގ މަސައްކަތްތަކަށް ބޭނުންވާ ފަތުރުވެރިންގެ އިޚްތިޔާރުތަކާ ބެހޭ މަޢުލޫމާތު އެއްކުރުމަކީވެސް މި ރޯޑް ޝޯވ ބޭއްވުމުގެ ބޭނުމެއް ކަމަށް ވީ.އެމް.ސީއިން ވިދާޅުވެއެވެ.

'އައި އޭމް މޯލްޑިވްސް'ގެ ނަމުގައި ކުރިއަށް ގެންދާ މި ރޯޑް ޝޯވް ވިލާތުގެ ތިން މަންޒިލް ކަމަށްވާ، ޕޮލެންޑް، ރޮމޭނިއާ، އަދި ޗެކް ރިޕަބްލިކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެެެވެ. އެގޮތުން މިމަހުގެ 17 ވަނަ ދުވަހު ޕޮލެންޑުގެ ވެރިރަށް ވާރސޯގައި މި ރޯޑް ޝޯވ ކުރިއަށް ގެންގޮސްފައިވާއިރު، މިއަދު ރޮމޭނިއާގެ ބުކަރެސްޓްގައި ރޯޑް ޝޯވ ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަންނަ ހުކުރު ދުވަހު ޗެކް ރިޕަބްލިކްގެ ވެރިރަށް ޕްރާގްގައިވެސް މި ރޯޑް ޝޯވ ކުރިއަށް ގެންދާނެ ކަމަށް ވީ.އެމް.ސީއިން ވިދާޅުވެއެވެ.

މި ރޯޑް ޝޯވގައި ޓްރެވަލް އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނާއި، މި ސިނާޢަތުގައި ހަރަކާތްތެރިވާ އެޖެންސީތަކާއި، ޓުއަރ އޮޕަރޭޓަރުންގެ އިތުރުން މީޑިއާވެސް ބައިވެރިވެއެވެ. އަދި ރިސޯޓުތަކާއި، ހޮޓެލްތަކާއި، ގެސްޓްހައުސްތަކާއި، ލައިވް ބޯޑުތަކާއި، ޓްރެވަލް އެޖެންސީތައް ހިމެނޭ ގޮތުން 26 ކުންފުނިން މި ރޯޑް ޝޯވގައި ބައިވެރިވެއެވެ.

މިރޯޑް ޝޯވގެ ތެރެއިން ރާއްޖޭގެ ފުރިހަމަ މެހެމާންދާރީއާއި، ލަގްޒަރީ ތަޖުރިބާތަކާއި، ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމްގެ އިސްނެގުންތަކާއި، އަދި ތަފާތު ޓޫރިޒަމް އުފެއްދުންތައް ދައްކާލާފައިވެއެވެ. އަދި މި ރޯޑް ޝޯވގެ ތެރެއިން ވަނީ، ޕްރެޒެންޓޭޝަންތަކާއި، އެއް ބަޔަކު އަނެއް ބަޔަކާ ބައްދަލުކޮށް ވިޔަފާރީގެ މަޝްވަރާތައް ކުރުމުގެ ފުރުޞަތުތައް ފަހިކޮށްދީފައެވެ. ވުމާއެކު، މިއީ މެދުތެރޭ އަދި އިރުމަތީ ޔޫރަޕުގެ މާކެޓުގައި ހަރަކާތްތެރިވާ މުހިންމު ފަރާތްތަކާ ސީދާ ގުޅުން ބަދަހި ކުރުމަށް ރާއްޖޭގެ ޙިއްސާދާރުންނަށް ލިބުނު އަގުހުރި ފުރުޞަތެއް ކަމަށް ވީއެމްސީއިން ފާހަގަކުރެއެވެ.

މި ރޯޑް ޝޯވއާއި ގުޅޭގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ، 'އައި އެމް މޯލްޑިވްސް' ރޯޑް ޝޯވއަކީ، ކުރިއަރަމުން އަންނަ ވިލާތުގެ މާކެޓްތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރެވޭނެ ހަރަކާތެއް ކަމަށެވެ.

"މި ސަރަޙައްދުގެ ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާ ގުޅުން ބަދަހިކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ ސަބަބުން، ޕޮލެންޑް، ރޮމޭނިއާ، އަދި ޗެކް ރިޕަބްލިކްގެ އިތުރު ފަތުރުވެރިން ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ސަޤާފަތާއި، ލަގްޒަރީގެ ތަފާތު ތަޖުރިބާ ކުރުމަށް ހިތްވަރު ލިބޭނެ." ވީ.އެމް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން ނޭޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެން.ޖީ.އެޗް.އޭ.އެމްގެ ރައީސް ޢަބްދުﷲ ނަޝީދު ވިދާޅުވީ، މިހާތަނަށް ކުރިއަށް ގެންދިޔަ ރޯޑް ޝޯވތަަކަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށެވެ.

"ލޯކަލް ރަށްރަށުގައި ހިންގާ ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމްގެ އިސްނެގުންތަކުން ފެށިގެން ވޯލްޑް ކްލާސް ރިސޯޓްތަކުގެ ތަޖުރިބާތަކަށްވެސް އެމީހުންގެ ޝައުޤުވެރިކަން ވަރަށް ބޮޑު. މި ރޯޑް ޝޯވގެ ސަބަބުން ރާއްޖޭގައި ހުރި ތަފާތު ތަޖުރިބާތައް ދައްކާލުމުގެ އިތުރުން، ވިޔަފާރީގެ ކުރިއެރުމަށް ބޭނުންވާ އަމިއްލަ ގުޅުންތައް ބިނާކުރުމަށް އެހީތެރިވެދޭ." އެން.ޖީ.އެޗް.އޭ.އެމްގެ ރައީސް ޢަބްދުﷲ ނަޝީދު ވިދާޅުވިއެވެ.

ވިލާތަކީ، ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރާތްކުރާ ސަރަހައްދެކެވެ. އެގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވިލާތުގެ ޤައުމުތަކުން 86,860 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މި އަދަދަކީ، 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ރެކޯޑު ކުރި 86,574 ފަތުރުވެރިންގެ އަދަދަށްވުރެ އިތުރު ޢަދަދެކެވެ.

ވިޒިޓް މޯލްޑިވްސްއާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް، މަޓާޓޯ އަދި އެން.އެޗް.އޭ އެމުން ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރާއިރު، މިއީ "އައި އޭމް މޯލްޑިވްސް" ބްރޭންޑުގެ ދަށުން ކުރިއަށް ގެންދާ ދެވަނަ ރޯޑް ޝޯވއެވެ. މިދިޔަ އަހަރު ޖޯޖިއާއާއި އަޒަރު ބައިޖާންގައިވެސް މީގެ ރޯޑް ޝޯވއެއް ވަނީ ބާއްވާފައެވެ.