މަތީ ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާއި އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އޮސްޓްރޭލިއާގެ ކާޓިން ޔުނިވަރސިޓީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ޔުނިވަރސިޓީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ، ވައިސް ޗާންސެލަރ ޑރ.ޢާއިޝަތު ޝެހެނާޒް އާދަމެވެ. އަދި ކާޓިން ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ، ވައިސް ޗާންސެލަރ ގްލޯބަލް ޕްރޮފެސަރ ޝިއާ އޮޓިއަން ޒަންގެވެ. ދެ ޔުނިވަރސިޓީގެ ދެމެދު ވި މި އެއްބަސްވުމުގެ ސަބަބުން ތަޢުލީމީ ގޮތުންނާއި ދިރާސާ ކުރުމުގެ އިތުރުން ދެ ޔުނިވަރސިޓީގެ ގުޅުން ބަދަހި ކުރުމަށް ފުރުޞަތު ލިބޭނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޤައުމީ ޔުނިވަރސީޓީގެ ވައިސް ޗާންސެލަރ ޑރ.ޢާއިޝަތު ޝެހެނާޒް ވިދާޅުވީ، މި އެމްއޯޔޫއާއެކު ކުރިއަށް އޮތްތަނުގައި ދެ ޔުނިވަރސިޓީގެ ގުޅުން އިތުރަށް ހަރުދަނާވެ، ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެ ޔުނިވަރސިޓީއަކީ، އެކި ދާއިރާތަކުން ދިރާސާތައް ހެދުމަށް ކުރިއަރާފައިވާ ޔުނިވަރސިޓީއެއްކަން ފާހަގަކުރައްވާ އޭނާ ވަނީ، ރާއްޖޭގައިވެސް އެ ޔުނިވަރސިޓީން ކިޔެވި މީހުން ތިބިކަން ފާހަގަކުރައްވާފައެވެ.
" 2024 އަދި 2025 ވަނަ އަހަރު ކާޓިން ޔުނިވަރސިޓީގެ ދަރިވަރުން އެމްއެންޔޫއަށް އައިސްފައިވޭ. އަދި ރާއްޖޭގެ ދަރިވަރުން އެކި ވޯކްޝޮޕްތަކުގައި ބައިވެރިވި." އުމީ ޔުނިވަރސީޓީގެ ވައިސް ޗާންސެލަރ ޑރ.އާއިޝަތު ޝެހެނާޒް ވިދާޅުވިއެވެ.
ކަރޓިން ޔުނިވަރސިޓީއަކީ، ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރާ ޕަބްލިކް ރިސާރޗަށް ޚާއްޞަ ޔުނިވަރސިޓީއެކެވެ. އޮސްޓްރޭލިއާގެ ހައި ކޮމިޝަނާއި، ކަރޓިން ދަރިވަރުންގެ އެހީތެރިކަމާއެކު ފާއިތުވި އަހަރުތަކުގައި ކަރޓިން ޔުނިވާސިޓީއާއި ރާއްޖެއާ ދެމެދު ވަނީ ވަރުގަދަ ގުޅުމެއް އުފެދިފައެވެ. އެގޮތުން އެމް.އެން.ޔޫއާއިއެކު އިންޓަރންޝިޕް، ފީލްޑް ވޯކް، އަދި ގުޅިގެން އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.
އެމްއެންޔޫއިން ފާހަގަކުރައްވާ ގޮތުގައި މި އެމްއޯޔޫގެ ސަބަބުން މުވައްޒަފުން ތަރައްޤީ ކުރުމާއި، އެކަޑަމިކް އެކްސްޗޭންޖުތަކާއި، އިންޖިނިއަރިން ސައިންސް، އާރކިޓެކްޗަރާ ގުޅުން ހުރި ދާއިރާތަކުން ޕީއެޗްޑީ ޙާސިލު ކުރުމުގެ ފުރުޞަތުތައް ލިބޭނެއެވެ. އަދި މިއެއްބަސްވުމުގެ ބޭނުމަކީ، ދަރިވަރުންގެ ކުރިއެރުމުގެ މަގުތައް ހަރުދަނާކޮށް ކުރިއެރުވުން ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން އުނގެނުމާއި، ޖޮއިންޓް ރިސާރޗް ޕްރޮޖެކްޓްތަކާއި، ފީލްޑް ސްޓަޑީޒްތަކުގެ ސަބަބުން ދެ ޔުނިވަރސިޓީއަށްވެސް އޭގެ ފައިދާ ލިބޭނެ ކަމަށް އެމްއެންޔޫއިން ވިދާޅުވިއެވެ.