ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އިން ފާއިތުވެދިޔަ 104 ހަފްތާގެ ތެރޭގައި ކާމިޔާބު ޢަދަދަކަށް ފަންނީ މީހުން ތަމްރީނުކޮށްފިއެވެ.
ކުޅިވަރާ ގުޅުންހުރި ދާއިރާތަކުން މީހުން ބިނާކުރުމުގެ ތަމްރީނުތައް ހިންގަމުން އަންނަ އެމްއެންއައިއެސްއިން ނިމިގެންދިޔަ 104 ހަފްތާގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު ޖުމްލަ 253 ކޯޗުން އެކި ކުޅިވަރުތަކުންވަނީ ތަމްރީނުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 103 ފުޓްބޯޅަ ކޯޗުންނާއި 110 ހޭންޑްބޯޅަ ކޯޗުންނާއި، 23 ބާސްކެޓްބޯޅަ ކޯޗުންގެ އިތުރުން ފުޓްސަލް ކޯޗުން ތަމްރީނުކުރެވުނު 16 ކޯޗުންނެވެ.
ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހިންނަށް ހޯދައިދިނުމަށްޓަކައި އެމްއެންއައިއެސްއިން އަމާޒު ހިފާފައިވާ ގޮތަށް އެ އިންސްޓިޓިއުޓުން ވަނީ ގިނަ އަދަދެއްގެ ރެފްރީންވެސް ފާއިތުވެދިޔަ 104 ހަފްތާގެ ތެރޭގައި ތައްޔާރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 37 ފުޓްބޯޅަ ރެފްރީންނާއި، 17 ހޭންޑްބޯޅަ ރެފްރީންނާއި 14 ކުރިކެޓް އަމްޕަޔަރުންގެ އިތުރުން 50 ވޮލީބޯޅަ ރެފްރީންނެވެ. އަދި އެ އިންސްޓިޓިއުޓުން 39 ބެޑްމިންޓަން އަމްޕަޔަރުން ތަމްރީނުކޮށްފަވާއިރު، 61 ފުޓްސަލް ރެފްރީންނާއި 48 ކެރަމް އަމްޕަޔަރުންނާއި، 12 ބާސްކެޓްބޯޅަ އޮފިޝަލުންވެސް ވަނީ ތަމްރީނުކޮށްފަވެއެވެ.
ކޯޗުން އަދި ރެފްރީންގެ އިތުރުން ކުޅިވަރާއި ގުޅުންހުރި އެހެނިހެން ދާއިރާތަކުންވެސް މީހުން ތަމްރީނުކުރުމުގެ މަސައްކަތްވެސް އެ އިންސްޓިޓިއުޓުން ވަނީ ކޮށްފައެވެ. އެގޮތުން 22 ފަސްޓް އެއިޑް އޮފިޝަލުން ތަމްރީނުކޮށްފަވާއިރު، 32 ސްޕޯޓްސް އެޑްމިނިސްޓްރޭޓަރުންނާއި، ޓީމް މެނޭޖަރުން ތަމްރީނުކޮށްފަވެއެވެ. އަދި ސްޕޯޓްސް މީޑިއާ އާއި މާކެޓިންގ ދާއިރާއިން 14 އޮފިޝަލުން ތަމްރީނުކޮށް 25 ފިޓްނަސް ކޯޗުން މިހާތަނަށް އެމްއެންއައިއެސްއިން ތަމްރީނުކޮށްފައިވެއެވެ. މީގެ އިތުރުން 44 ފަރާތަކަށް ސްޕޯޓްސް ނިއުޓްރިޝަނާއި ސްޕޯޓްސް ސައިކޮލޮޖީގެ މައުލޫމާތު ދީފައެވެ.
މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއިން ހިންގާ ފަސް ކޯހެއް މިހާތަނަށް ވަނީ އެމްކިއުއޭގައި އެކްރެޑިޓްކޮށްފައެވެ. އޭގެ އިތުރުން އިތުރު ދެ ކޯހެއް މިހާރު ވަނީ އެމްކިއުއޭގައި އެކްރެޑިޓް ކުރުމަށް ފޮނުވާފައެވެ.
އެމްއެންއައިއެސް އަކީ ކުޅިވަރު ވުޒާރާގެ ދަށުން ދާއިރާގެ ފަންނީ މީހުން ބިނާކުރުމަށް އުފައްދާފައިވާ އިންސްޓިޓިއުޓެކެވެ.