ދުޅަހެޔޮ އާބާދީއެއް ފެށެނީ ޖިސްމާނީގޮތުންނާއި، ނަފްސާނީގޮތުން ދުޅަހެޔޮކަން ލިބި އިޖުތިމާޢީ ގުޅުން ވަރުގަދަވެގެންކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
މިސަރުކާރުން ކުޅިވަރާ ގުޅުންހުރި ކަންކަމަށް ދެއްވާ ޚާއްސަ އިސްކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ސަރުކާރުން ވެރިކަމާ ޙަވާލުވުމަށްފަހު ކުޅިވަރާ ގުޅުންހުރި އެންމެހާ ދާއިރާތަކަކަށް ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ތަރައްޤީކުރަމުން އަންނަކަމަށެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުގެ ވިސްނުންފުޅަކީ ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ ހަށިހެޔޮ އާބާދީއަކަށް ހެދުންކަމަށާ، އެ އަމާޒަށް ވާސިލްވުމަށް ކުރެވޭ މަސައްކަތުގެ ދަށުން ރާއްޖޭގެ އާބާދީއަކީ ގައިން ގަޔަށް ނާރާ ބަލިތަކާ ދުރު، ހެލިފެލިވެ އުޅުމުގެ އާދަ އަށަގެންފައިވާ އާބާދީއަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ހަމަ އެއާއިއެކު ރާއްޖޭގެ ރައްޔިތުންނަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ އިޖުތިމާޢީ ގޮތުން ގުޅުންތައް ވަރުގަދަ ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒަށް ވާސިލުވުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަންކަންކަމަށް ވަޒީރު ވިދާޅުވިއެވެ.
"ކުޅިވަރުގެ ޒަރީޢާއިން އަޅުގަނޑުމެން އެކްޓިވް ސޮސައިޓީއެއް ބިނާކުރީމަ އަޅުގަނޑުމެންގެ މުޅި ގައުމަށް އޭގެ ސަބަބުން ވަރަށް ގިނަ ގުނަ ފައިދާތަކެއް އެބަކުރޭ. އޭގެ ތެރޭގައި ހެލްދީ ކޮމިއުނިޓީއެއް ބިލްޑުކުރުން އެއީ ވަރަށް މުހިންމުކަމެއް. ހެލްތު އެންޑް ވެލްބީން އަކީ ވަރަށް މުހިންމު ކަމެއް. ގައިން ގަޔަށް ނާރާ ބަލިތައް ވީހާވެސް މަދުކުރުމާ އަދި މެންޓަލް ފިޓްނެސް ވީހާވެސް ބޮޑަށް އިމްޕްރޫވްކުރުމާ އަދި ސޮސައިޓީ ތެރޭގަ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގަ އެކެއް އަނެކެއް ގުޅިގެން މަސައްކަތްކުރަން ދަސްވުން" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެވުޒާރާގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ އެކިއެކި ޓީމް ހަރަކާތްތަކާއި ރެކްރިއޭޝަނަލް ހަރަކާތްތަކުގެ ސަބަބުން ކުދި ބޮޑު އެންމެން އެކަކު އަނެކަކަށް ފެނިދެނިވެ ގުޅުންތައް ބަދަހިވަމުން އަންނަކަމަށެވެ. މިކަމުގެ ސަބަބުން ދޭދޭ ފަރުދުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލެއް އަންނާނެކަމަށް ގަބޫލުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިކަންކަމުގެ ސަބަބުން އަނެކާ އޮންނަ ގާތްކަން ވަރަށް ބޮޑުވެގެންދޭ. ހަގީގަތުގަ އަޅުގަނޑުމެންގެ މުޅި ކޮމިއުނިޓީގަ އުފާވެރިކަމާ އެއްބައިވަންތަކަމާއި އަޚުވަންތަކަން އަޅުގަނޑުމެންގެ ތެރޭގަ އާލާވެގެންދޭ" ވަޒީރު ވިދާޅުވިއެވެ.
ކުޅިވަރާ ގުޅުންހުރި ގިނަ ކަންތައްތަކެއް ސަރުކާރުން ކުރިއަރުވަމުން އަންނައިރު އެކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އާބާދީގައި ހިމެނޭ ކުދި ބޮޑު އެންމެންނަކީ ހަރަކާތްތެރި ބަޔަކަށް ހެދިއްޖެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ހަރަކާތްތެރި ދިރިއުޅުމެއް ބިނާކުރުމުން އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައި ކުރާ އެންމެހައި، ކަންކަން ތަރުތީބީ ނިޒާމަކުން ބައްޓަން ވާނެކަމަށެވެ. އަދި އަޅުގަނޑުމެން ކުރާ މަސައްކަތްތައް އިތުރުވެ އުފެއްދުންތެރިކަން ކުރިއެރުމުގައި ވެސް ހަރަކާތްތެރި ދިރިއުޅުން ބޮޑު ދައުރެއް އަދާކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ގައުމެއްގެ އާބާދީ ދުޅަހެޔޮވެ އާންމުންގެ އުފެއްދުންތެރިކަމުގެ ނިސްބަތް މަތިވުމުން އެކަމުގެ މަންފާކުރާނީ ހަމައެކަނި ފަރުދީ ފެންވަރުގައި ނޫންކަމަށެވެ. އަދި އެއީ މުޅި ޤައުމަށް އޭގެ މަންފާ ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ގައުމުގެ އިޤްތިޞާދު ކުރިއަރައި ދިއުމުގައި ސިއްހަތު ރަނގަޅު އާބާދީއަކީ މުހިންމު އަސާސެއްކަމަށެވެ. މަސައްކަތުގައި ދެވޭ ސަމާލުކަމާއި، ވަރުބަލިކަމެއްނެތި އުޅެވޭ ވަގުތު މިކަމުގެ ސަބަބުން އިތުރުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ޕްރޮޑަކްޓިވިޓީ ހައި ވީމަ މިވާގޮތަކީ އަޅުގަނޑުމެންގެ އިކޮނިމީއަށް އޭގެން ވަރަށް ބޮޑު ކޮންޓްރިބިއުޝަން އެއް ލިބިގެން އެބަދޭ. މުޅި ގައުމަށްވެސް. އެކުރާ މަސައްކަތުން، އެކުރާ އާއިލާއަކުން އެކުރާ ކޮމިއުނިޓީއަކުން، ރަށަކުން، ރީޖަންއަކުން މުޅި ރާއްޖެއަށްވެސް އޭގެ ފައިދާ ލިބިގެންދޭ" ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ އާބާދީއަކީ ގައިން ގަޔަށް ނާރާބަލިތަކުން ދުރުވެފައިވާ ދުޅަހެޔޮ އާބާދީއަކަށް ހެދުމަށް ސަރުކާރުން ފައްޓަވައިފައިވާ މަސައްކަތުގެ ދަށުން ކުރިއަށްދާ އެންމެ ބިޔަ މަޝްރޫޢަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އިންޑޯ ކުޅިވަރުތަކާއި ކަސްރަތު ޕްރޮގްރާމްތައް ހިންގޭނެހެން ބިނާކުރަމުންދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ މަސައްކަތެވެ.
މި މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރު ނިމުމުކުރިން ނިމޭނެކަމުގެ އުފާވެރި ޚަބަރު ރައީސުލްޖުމްހޫރިއްޔާ ވަނީ ދާދި ފަހުން ދެއްވާފައެވެ. މިމަސައްކަތް އަމަލީ ގޮތުން އެކި ސަރަހައްދުތަކުގައި މިހާރުވެސް ދަނީ ކުރެވެމުންނެވެ.