ކުޅިވަރު

ބޮޑީބިލްޑިންއަކީ މުސްތަގުބަލު އޮތް ކުޅިވަރެއް: މަނާފް


ބޮޑީބިލްޑިންއަކީ މުސްތަގުބަލު އޮތް ކުޅިވަރެއްކަމަށާއި ޒުވާނުން މިކުޅިވަރާ ގުޅެން ޖެހޭކަމަށް ޤައުމީ ބޮޑީބިލްޑިންގ ޓީމުގެ އުންމީދީ އެތުލީޓު މަނާފް ވަޙީދު ބުނެފިއެވެ.

ރާއްޖޭގައި ބޮޑީބިލްޑިބންގެ މުސްތަަގުބަލު އޮތްގޮތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން މަނާފް ބުނީ ބޮޑީބިލްޑިންއަކީ އަދިވެސް ތަރައްޤީވަމުންދާ ކުޅިވަރެއްކަމަށް ގަބޫލުކުރާކަމަށެވެ. އަދި މިކުޅިވަރު ތަރައްޤީވާނީ، ޒުވާން އައު އެތުލީޓުން މިކަމުގެ ތެރެއަށް ވަދެގެންކަމަށާ، ފުރާވަރު އުމުރުގެ ކުދިން ބޮޑީބިލްޑިންއާ ގުޅުމަށް މަނާފް ވަނީ އެދިފައެވެ.

" ކުރިއަށް އޮތްތާގައި ރާއްޖޭގައި މިކުޅިވަރު މިއަށްވުރެ އިތުރު ހަރުފަތަކަށް ގެންދެވިދާނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ހައްތަހާވެސް އަޅުގަނޑުމެން އެދެނީ ޔޫތުން މިކަމަށް ގިނައިން ނުކުންނަން" މަނާފް ބުންޏެވެ.

ބޮޑީބިލްޑިންއަކީ ރާއްޖެއަށް މެޑަލް ހޯދައިދިނުމުގެ ދިގު ތާރީޚެއް އޮތް ކުޅިވަރަކަށްވާއިރު، މި ކާމިޔާބީ ދެމެހެއްޓުމުގެ ފުރުސަތު ކޮންމެ ޒުވާނަކަށްވެސް އެބައޮތްކަމަށް މަނާފް ބުންޏެވެ. މިއީ ގިނަ ދުވަހުން ނަތީޖާ ނެރެވޭ ކުޅިވަރެއްކަމަށާ، ކުޅިވަރުގެ އަޚުލާޤާއެކީ، ސާބިތުކަމާއެކު ޒުވާނުން މިކުޅިވަރާ ގުޅިއްޖެނަމަ ޤައުމަށް ގިނަ މެޑަލްތަކެއް ގެނެސްދެވިދާނެ ކުޅިވަރެއްގެ ގޮތުގައި މަނާފް ވަނީ މިކުޅިވަރު ސިފަކޮށްފައެވެ.

"މިހާރު އަޅުގަނޑުމެންގެ ޖެނެރޭޝަންގަ އޭޖް މައްޗަށް ދާވަރަކަށް އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންނަށްވުރެ ޔަންގު މިސާލަކަށް 17، 18 އަހަރުގެ ކުދިން މިކުޅިވަރަށް ނުކުމެ މަޑުމަޑުން އެކުދިންގެ މަސްލް މެޗުއަރިޓީ އަންނަންވާއިރަށް އެކުދިން މިކުޅިވަރުގަ ރަނގަޅު ހިސާބަކަށް ދިއުން"

ބޮޑީބިލްޑިންއަކީ ކުޅިވަރުގެ އަޚުލާޤު ވަރަށް ބޮޑަށް ހިފަހައްޓަންޖެހޭ ކުޅިވަރެއްކަމަށާ، އެގޮތުން ވަކި އުސޫލެއްގެ މަތިން ކެއުން ބައްޓަންކުރުމާއި، ނިދި ހަމަކުރުމުގެ އިތުރުން ޤަވާއިދުން ކަސްތަރުކުރުމަކީ ބޮޑީ ބިލްޑަރެއްގައި ކޮންމެހެން ހުންނަންޖެހޭނެ ސިފަތަކެއްކަމަށް މަނާފް ބުންޏެވެ. މިކުޅިވަރަކީ ކޯޗުންގެ އިރުޝާދު ކަނުލާ އަޑުއަހައިގެން މެނުވީ ކުރިއަށް ނުދެވޭނެ ކުޅިވަރެއްކަމަށް މަނާފް ބުންޏެވެ.

"އެމީހަކު އަމިއްލައަށް ހަށިގަނޑު ތައްޔާރުކުރުމަށްޓަކައި ވާންޖެހޭ ގުރުބާނީތަކެއް ވާން މިޖެހެނީ. ފެމެލީވެސް އޭގެ ޒާތުގަ ވަރަށް ސަޕޯޓިވް ރޯލެއް ކުޅޭނެ. އެމީހަކަށް ލިބެންޖެހޭ ކާނާއާއި އަރާމު ނިންޖާ މެންޓަލް ސްޓްރެސްވެސް ވަރަށް ބޮޑު ބައެއް ކުޅޭ މި ކުޅިވަރުގަ" މަނާފް ބުންޏެވެ.

މަނާފް ބުނީ މިކުޅިވަރަށް ކޮންމެވެސް ވަރަކަށް ޒުވާނުން ވަންނަމުންދާކަމަށެވެ. އެހެންނަމަވެސް އެކުދިންނަށް ބޭނުންވާނެ އެންމެ ފުރިހަމަ މައުލޫމާތާއި، ދާންވީ މަގު ސާފުވުމުގައި އަދިވެސް ދަތިތަކެއް އެބަހުރިކަމަށް ޤަބޫލުކުރާކަމަށް މަނާފް ފާހަގަކުރިއެވެ. އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި މި ކުޅިވަރާ އަލަށް ގުޅޭ އެތުލީޓުން ކުރިއެރުވުމަށް ގިނަ މުބާރާތްތަކެއް ރޭވިއްޖެނަމަ ބޮޑީ ބިލްޑިންގެ މުސްތަޤްބަލު އުޖާލާވާނެކަމަށް މަނާފް ބުންޏެވެ.

"ޒުވާންކުދިންނަށް ގައިޑެންސާއި އަދި ލޯ ހުޅުވުމަށް ބޭނުންވާނެ އިތުރު މައުލޫމާތު އެކުދިންނަށް ލެކް ވާހެން އަޅުގަނޑަށް ހީވަނީ. އެކަމު ކުރިއަށް އޮތްތާ އަޅުގަނޑަށް ހީވަނީ ގިނަ ގިނައިން މުބާރާތްތަކެއް ރޭވިގެން އެކުދިންނަށް ޚާއްސަކޮށް ކަންތައްތަކެއް ރޭވިއްޖިއްޔާމު މިކުޅިވަރުގަ އަދި ފިއުޗަރ ރަނގަޅުވެގެންދާނެކަމަށް ގަބޫލުކުރެވެނީ" މަނާފް ބުނެފަވެއެވެ.

ޤައުމީ ބޮޑީބިލްޑިން ޓީމާ ދާދިފަހުން ގުޅުނު މަނާފް ވަނީ 16 ވަނަ ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ވާދަކޮށް ފިރިހެނުންގެ ސްޕޯޓްސް ފިޒީކް އަޕް ޓު 167 ސެންޓިމީޓަރު ކެޓަގަރީއިން ރާއްޖެއަށް ލޯ މެޑަލް ގެނެސްދީފައެވެ. މިމަހުގެ 13 އިން 17 ވަނަ ދުވަހުގެ ނިޔަލަށް އިންޑޮނޭޝިއާގައި ކުރިއަށް ދިޔަ މުބާރާތުން އޭނާ ތިންވަނަ ހާސިލްކުރީ މޮންގޯލިއާ އާއި އިޓަލީފަދަ ޤައުމުތަކުގެ އެތުލީޓުންނާއި ވާދަކޮށެވެ.

އޮގަސްޓް މަހުގެ 18 އިން 25 އަށް ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ކުރިއަށްދިޔަ 57 ވަނަ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2025ގައިވެސް މަނާފް ވަނީ ވާދަކޮށް ލޯ މެޑެލް ޙާސިލްކޮށްފައެވެ.