ޚަބަރު

ހައިކޯޓުގެ ހިންގުން ވަގުތީގޮތުން އެކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޖަމީލު މޫސާއާ ޙަވާލުކޮށްފި


  • ހައިކޯޓުގެ ހިންގުން ހަވާލުކުރެއްވީ ޖޭއެސްސީގެ މިއަހަރުގެ 45ވަނަ ޖަލްސާގަ

ދިވެހިރާއްޖެގެ ހައިކޯޓުގެ ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއާ ޙަވާލުކުރައްވައިފިއެވެ.

ހައިކޯޓުގެ ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއާ ހަވާލުކުރައްވާފައިވަނީ މިއަހަރުގެ މާރިޗުމަހުގެ 19ވަނަ ދުވަހުން ފެށިގެން، ހައިކޯޓުގެ ހިންގެވުން ވަގުތީ ގޮތުން ހަވާލުކުރައްވާފައިވާ އަދި އެކޯޓުގެ އިސް ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމަށް މިދިޔަ އޭޕްރީލްމަހުގެ ތެރޭގައި ޖޭއެސްސީން ނިންމާފައިވާ ފަނޑިޔާ އަލްއުސްތާޛު މުޙައްމަދު ފައިޞަލް އެމަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.

ހައިކޯޓުގެ ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނަރސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޢަބްދުﷲ ޖަމީލް، ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވިއެވެ. ޖަމީލް އެންމެ ފަހުން ހުންނެވީ ސިވިލް ކޯޓުގެ ޤާޟީކަމުގެ މަޤާމުގައެވެ. ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވަޑައިގެންނެވުމަށް ފަހު، ޢަބްދުﷲ ޖަމީލް ވަނީ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓަކީ ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތަކުގެ ތެރެއިން، ޤާނޫނަކުން އެ ނިންމުމެއް، ހައިކޯޓަށް ހުށަހެޅުން އިސްތިސްނާކޮށްފައި ނުވާ އެންމެހައި ނިންމުންތައް އިސްތިއުނާފު ކުރެވޭކޯޓެވެ. ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގައި މައްސަލައެއްގެ ފުރަތަމަ މަރުޙަލާގެ ކޯޓަކީ ހައިކޯޓު ކަމުގައި ކަނޑައަޅާފައިވާ އެންމެހައި މައްސަލަތައްވެސް ބަލާނީ ހައިކޯޓުންނެވެ.

ހައިކޯޓުން މައްސަލަތައް ބަލައި ނިންމާނީ އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުން ކަމަށް ޤާނޫނު އަސާސީގައި ބުނެފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ހައިކޯޓު އެކުލެވިގެންވަނީ އިސްފަނޑިޔާރާއި އެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށެވެ.