އިންޑޮނޭޝިޔާގެ އެންމެ އުސް އެއް ފަރުބަދަ ގޮވުމާ ގުޅިގެން އެ ސަރަޙައްދުން 900އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ގެންގޮސްފިއެވެ.
ޖާވާގައި ހުންނަ ސެމެރޫ އަލިފާން ފަރުބަދަ ވަނީ ނޮވެމްބަރު މަހުގެ 9ވަނަ ދުވަހު 10 ފަހަރުމަތިން ގޮވާފައެވެ. އެ ގޮވުންތަކާއެކު އެ ފަރުބަދައިން އަރަމުންދާ އަޅިތަކާއި ދިޔާ އަލިފާނުގެ ކޯރުތައް ވަނީ ފަރުބަދައިން ތިރިއަށް 13 ކިލޯމީޓަރާ ހަމައަށް ފައިބާފައެވެ.
އަލިފާން ފަރުބަދަ ގޮވަންފެށި ވަގުތު އެ ފަރުބަދައަށް އެރުމަށް މަސައްކަތް ކުރަމުން ދިޔަ 170 މީހުން ރައްކާތެރިކަމާއެކު ސަލާމަތްކުރުމަށް އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ފަރުބަދަ މަތީގައި ތާށިވެފައިވާ މީހުން ތިބީ އަލިފާން ފަރުބަދައިގެ އަނގައާ 6.4 ކިލޯމީޓަރު ދުރު ސަރަޙައްދެއްގައެވެ. އެ މީހުންނަށް މިހާރު އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ސެމެރޫ ނޭޝަނަލް ޕާކްގެ އިސް ބޭފުޅެއް ކަމަށްވާ ސެޕްތީ ވަރުދާނީ ވަނީ ވިދާޅުވެފައެވެ.
އުސްމިނުމުގައި 3،676 މީޓަރު ހުންނަ ސެމެރޫ ފަރުބަދައަކީ އިންޑޮނޭޝިޔާގެ 170 ޙަރަކާތްތެރި އަލިފާން ފަރުބަދައިގެ ތެރެއިން އެއް އަލިފާން ފަރުބަދައެވެ. އެ ފަރުބަދަ އެންމެ ފަހުން ގޮވާފައި ވަނީ 2021ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ ހާދިޘާގައި 51 މީހުން މަރުވެ، ފަރުބަދައާ ކައިރި އަވަށްތަކަށް ވަނީ ވަރަށް ބޮޑަށް އަޅި ފެތުރިފައެވެ.
ފަރުބަދަ ސަރަޙައްދުގައި ދިދިއުޅޭ 956 މީހުން މިހާތަނަށް ރައްކާތެރި ސަރަޙައްދުތަކަށް ގެންގޮސްފައިވާއިރު ގޭގޭގައި އިތުރު މީހުން ތާށިވެފައި ތިބިތޯ ޔަޤީންކުރުމަށް އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.